މާލޭގައި ޓެކްސީގެ ޚިދުމަތް ދެމުންއަންނަ އަންހެން ޑްރައިވަރު އައިމިނަތު ވަޙީދާގެ ކާރަށް އެކި ފަހަރުމަތިން ގެއްލުންދިން ނަމަވެސް މިމައްސަލަތައް ފުލުހުންނަށް އެކަށީގެންވާ ގޮތެއްގައި ބެލިފައިނުވާކަމަށްބުނެ އެމްޑީޕީގެ ގިނަ މެމްބަރުންގެ ފާޑުކިޔުން ފުލުހުންނަށް އަމާޒުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް ހުށަހެޅުއްވި މިމައްސަލައަށް ވާހަކަ ދެއްކެވި މެމްބަރުން ވިދާޅުވީ އާމިނަތު ވަހީދާއަށާއި އޭނާގެ ކާރަށް 5 ފަހަރެއްގެ މަތީން ގެއްލުން ދީފައިވާއިރު މިމައްސަލަ މިއަދާއި ހަމަޔަށްވެސް ބެލިފައި ނުވާކަމަށެވެ.
މިމައްސަލާގައި ވާހަކަ ދެއްކެވި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ ރާއްޖޭގެ ޓެކްސީ ދުއްވައިގެން އާމްދަނީ ހޯދާ މީހާއަށް 5 ފަހަރެއްގެ މަތީން ހަމަލާދީފައި ވާކަމީ ނުހަނު ކަންބޮޑު ވާކަމެއްކަމަށެވެ. އޭނާއަކީ އަންހެނަކަށްވުމުން އަދި އޭނާ ކުރާ މަސައްކަތަކީ އަންހެނަކަށް ނުކުރެވޭނެ ކަމެއްކަމަށްދެކި އަންހެނުން ފަހަތަށް ޖައްސާލަން ކުރާ މަސައްކަތް ދައުލަތުން ހުއްޓުވަން ޖެހޭކަމަށް އީވާ ވިދާޅުވިއެވެ.
ރާއްޖޭގައި ޓެކްސީ ދުއްވާ ހަމައެކަނި އަންހެން މީހާއަށް 5 ފަހަރެއްގެ މަތީން ގެއްލުން ދިނުމުން މިކަން ބަލަންޖެހޭ. ވަކި ކަހަލަ މީހަކަށްވީ އަންނަ ހަމަލާތައް ބަލަންޖެހޭ. އޭނާ އަކީ އަންހެނަކަށްވީތީ އަންނަ ހަމަލާއެއްނަމަ ޚާއްސަ ނަޒަރަކުން މިމައްސަލަ ބަލަންޖެހޭ. މިއީ އާމިނަތު ވަހީދާ ފަހަތަށް ޖައްސަން ކުރާ ކަމެއް. މިއީ އާމްދަނީ ހޯދަން ނިކުންނަ އަންހެނުން ފަހައް ޖައްސަން ކުރާކަމެއް. އިންސާފު ހޯދާ ދިނުމަށް މިކަން ކުރި މީހުން ހޯދައި، ރައްކާތެރިކަން ކަށަަވަރުކޮށްދޭންޖެހޭ.
– އީވާ އަބްދުﷲ
މިމައްސަލާގައި ވާހަކަ ދެއްކެވި މެމްބަރުންގެ ތެރެއިން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމްވަނީ މިމައްސަލާގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އަށް ވަރަށްބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ފުލުހުން މިމައްސަލާގައި އެކަށީގެންވާ މަސައްކަތް ކޮށްފައި ނުވާކަމަށްބުނެ މީކާއިލް ވަނީ މިމައްސަލަ ސީރިއަސް މައްސަލައެއް ގޮތުގައި ބެލުމަށް ގޮވާލާފައެވެ.
މިމައްސަލާގައި ވާހަކަ ދެއްކެވި މެމްމަބަރުންވަނީ މިކަން ވަރަށްބޮޑަށް ކުށްވެރިކޮށް، މިމައްސަލާގައި ޝާމިލުވާ ފަރާތްތައް ޝަރީއަތުގެ ކުރިމައްޗަށް ގެނެސް ހައްގު އަދަބު ދިނުނަށް ގޮވާލާފައެވެ.
މާލޭގައި ޓެކްސީ ކުރަމުން އަންނަ ހަމައެކަނި އަންހެން ޑްރައިވަރު އައިމިނަތ ވަޙީދާގެ ކާރަށް އެތައް ފަހަރަކު ވަނީ ގެއްލުންދީފައެވެ. އޭނާ ވަނ މިހާތަނަށް ފަސް ފަހަރެއްގެ މަތިން ކާރަށް ގެއްލުންދީފައިވާކަމަށް ބުނެފައެވެ. އައިމިނަތު ވަޙީދާގެ ކާރަށް އެންމެ ފަހުން ލިބުނު ގެއްލުންތަކާއި ގުޅިގެން ޔޫތު މިނިސްޓަރ އަޙްމަދު މަޚްލޫފް ވަނީ އޭނާއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.