ކުޅުދުއްފުށި ސިޓީގައި ތަރައްޤީކޮށްފައިވާ ފުޓްބޯޅަދަނޑު ހުޅުވުމަށް މިއަދު ޤައުމީ ފުޓުބޯޅަ ޓީމާއި، ކުޅުދުއްފުށި ސިޓީގެ ޓީމު ކުޅު މެޗު ޤައުމީ ޓީމު ކާމިޔާބު ކޮށްފިއެވެ.
މިމެޗު ޤައުމީ ޓީމު ކާމިޔާބު ކުރީ 6-0 ލަޑުންނެވެ. ގައުމީ ޓީމުން ލީޑުނެގި ލަނޑު ކާމިިޔާބުކޮށްދިނީ އަލީ އަޝްފާގު (ދަގަނޑޭ) އެވެ. އޭގެފަހުން އިސްމާއީލް އީސާ (މެސީ) އެ ޓީމަށް ލީޑު ފުޅާކޮށްދިން އިރު ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ އަސަދުﷲ އަބްދުﷲ އެވެ. އަދި ހަތަރުވަނަ ލަނޑު ދަގަނޑޭ ޖެހިއިރު ފަސްވަނަ ލަނޑު ކާމިޔާބުކުރީ އަސަދުﷲ އަބްދުﷲ އެވެ. ހަވަނަ ލަނޑު ޖެހީ އިބްރާހިމް ވަހީދެވެ.
ގައުމީ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިން ކުޅުނު މި މެޗުގައި ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހްލޫފުވެސް ވަނީ ކުޅެފައެވެ. އަދި ގައުމީ ޓީމުގެ މުހިއްމު ކުޅުންތެރިންގެ ތެރެއިން ކީޕަރު މުހައްމަދު ފައިސަލް އާއި ހަމްޒާ މުހައްމަދު (ހަމްޕު) އަދި ޑިފެންޑަރ ހައިޝަމް ފިޔަވާ އެހެން ހުރިހާ ކުޅުންތެރިން މި ދަތުރުގައި ބައިވެރިވެ މެޗު ކުޅެފައިވެއެވެ.
ކުޅުދުއްފުށި ސިޓީގެ ކުރީގެ ފުޓްބޯޅަ ދަނޑު ޓާފް އަޅައި ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައި ވާއިރު، ދަނޑުގެ ސަބްބޭސް ގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އާރު.ކޭ.އެލް ގުރޫޕް ޕްރައިވެޓް ލިމިޓެޑާއެވެ. އަދި ޓާފް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ވެލޯސިޓީ ސްޕޯޓްސް އިކުއިޕްމަންޓާއެވެ.
ރައީސުލްޖުމްހޫރިއްޔާ ކުޅުދުއްފުށި ސިޓީއަށް ކުރައްވާ މި ދަތުރުފުޅަކީ ޒުވާނުންގެ ދުވަހުގެ ރަސްމީ ހަރަކާތްތަކުގައި ބެރިވެރިވެ ވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާ ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.
ކޮމެންޓު ފޮނުވާ