އަންހެނުންގެ ކޮމިޓީގެ ތިން ގޮޑި ތިން ޕާޓީއަށް

އަންހެނުންގެ ކޮމިޓީގެ ތިން ގޮޑި ތިން ޕާޓީއަށް

Author
މުޙައްމަދު ޝަޒައިމް
18 އޮކްޓޯބަރ 2021 03:59
0

ހޮނިހިރު ދުވަހު ބޭއްވި ތިން ރަށެއްގެ އަންހެނުންގެ ކޮމިޓީތަކުގެ އިންތިޚާބު އިދިކޮޅު ޕީޕީއެމްއާއި، އެމްޑީޕީއާއި، އަދާލަތުން ކާމިޔާބުކޮށްފިއެވެ.

ހޮނިހިރު ދުވަހު އިންތިޚާބު ބާއްވާފައިވަނީ ހދ.ނޭކުރެންދޫ، ނ.ކެނދިކުޅުދޫ އަދި ރ.މަޑުއްވަރީގައެވެ. ނޭކުރެންދޫ ގޮޑި އަދާލަތުން ކާމިޔާބު ކުރީ އިދިކޮޅު ޕީޕީއެމް ބަލިކޮށެވެ. މިއިންތިޚާބުގައި އަދާލަތުން ވާދަކުރި މަރިޔަމް ނަޒުރާ އަށް 89 ވޯޓް ލިބުނުއިރު ޕީޕީއެމްގެ ކެނޑިޑޭޓަށް ލިބިފައިވަނީ ޚަދީޖާ  އިބްރާހީމް އަށް ލިބިފައިވަނީ 82 ވޯޓެވެ. މިއިންތިޚާބުގައި ވޯޓުލާފައިވަނީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 17 އިންސައް މީހުންނެވެ.

ކެނދިކުޅުދޫ އިންތިޚާބު އިދިކޮޅު ޕީޕީއެމްއިން ކާމިޔާބު ކުރީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީއާއި ވާދަކޮށެވެ. މިއިންތިޚާބު އިދިކޮޅު ކާމިޔާބު ކުރި ކެނޑިޑޭޓް ޢާއިޝަތު ސަލްމާ އަށް 278 ވޯޓު ވަނީ ލިބިފައެވެ. އޭނާއާއި ވާދަކުރި އެމްޑީޕީގެ ކެނޑިޑޭޓަށް ލިބިފައިވަނީ 195 ވޯޓެވެ. މިއިންތިޚާބުގައި ވޯޓުލާފައިވަނީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 36 އިންސައް މީހުންނެވެ.

މަޑުއްވަރީ އިންތިޚާބު ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން ކާމިޔާބު ކުރީ އިދިކޮޅު ޕީޕީއެމް އަށް ވާދަކޮށެވެ. އެމްޑީޕީގެ ކެނޑިޑޭޓް ސާޖިދާ މުޙައްމަދަށް 375 ވޯޓު ލިބުނު އިރު ޕީޕީއެމްގެ ކެނޑިޑޭޓަށް އާމިނަތު ޢިރާޝާ އަށް ލިބިފައިވަނީ 333 ވޯޓެވެ. މިއިންތިޚާބުގައި ވޯޓުލާފައިވަނީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 41 އިންސައް މީހުންނެވެ.

މިމަހުގެ 30ވަނަ ދުވަހުވެސް، އިތުރު ބައި އިލެކްޝަނެއް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ދަނީ ތައްޔާރުވަމުންނެވެ. އެދުވަހު އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ގއ.ވިލިގިނލީގައާއި، ޅ.ކުރެންދޫގައެވެ. ބައި އިލެކްޝަނަށް ހުލުވާލި ދާއިރާތަކުގެ ތެރެއިން ކ.ހުރާ، ނ.މަގޫދޫގައި، އިންތިޚާބު ކުރަންޖެހޭ ޢަދަދަށް ކުރިމަތިލުމުން އެދެ ދާއިރާގައި އިންތިޚާބަކާ ނުލައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް މެމްބަރުން ވަނީ އިންތިޚާބު ވެފައެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ މިހާ ގާތްގާތުގައި އިންތިޚާބުތައް ބާއްވަންޖެހި، ކުރިމަތިލާނެ މީހުންގެ ޝައުޤުވެރިކަންވެސް ނުލިބޭތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.