މީހުން މަރާ މީހުންނަށް މާތްﷲ ކަނޑައަޅުއްވާފައިވާ އަދަބު ތަންފީޒު ނުކުރެވޭ ކަމުގައިވާނަމަ، މީހުން މެރުން ނުހުއްޓުވޭނެ ކަމުގައި ދީނީ އިލްމުވެރިޔާ ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޝައިޚު ޒައިދު މިހެން ވިދާޅުވީ މަރާލާފައި އޮއްވާ އިއްޔެ ފެނުނު އދ. ދަނގެތީ މޮނަލާޒް، މަހްމޫދު އަބޫބަކުރުގެ މަރާއި ގުޅިގެން ގިނަ ބަޔަކު ޤިސާސް ހިފުން އަވަސް ކުރުމަށް ގޮވާލައި އަޑުގަދަ ވެފައިވާ ދަނޑިވަޅެއްގައެވެ. ރަހުމުކުޑަ ހަމަލާތަކެއްދީ މަހުމޫދު އަބޫބަކުރު މަރާލާ ގޯންޏެއްގެ ތެރެއަށްލާ ފަޅުގެއްގެ ވަޅުތެރެއަށް އެއްލާލާފައިވަނިކޮށް ފެނިފައިވަނީ ބުދަ ދުވަހުގެ ހަވީރުވާން އުޅެނިކޮށެވެ. އެ ހާދިސާއާ ގުޅިގެން ރަށުގައި ވަނީ ބޮޑު ނުތަނަވަސް ކަމެއް އުފެދިފައެވެ.
މިހާދިސާއާއި ގުޅިގެންނާއި، ރާއްޖޭގައި މީހުން މަރާ މީހުންގެ އިތުރުވަމުންދާތީ ޝައިޚު ޒައިދު ވިދާޅުވީ މަރުތައް ހުއްޓުވޭނީ އެކަމަށް ކީރިތި ޤުރުއާނުގައި މާތް ﷲ ބަޔާންކުރައްވާފައިވާ ގޮތަށް އެކަން ތަންފީޒު ކުރެވިގެކަމަށެވެ. މީހުން މަރާ މީހުންނާއިމެދު ޤިސާސް ހިފުމަށް މާތްﷲ އަމުރު ކުރައްވާފައިވަނީ އެކަމުގައި ސަބަބުތަކެއް އޮވެގެން ކަމަށާއި، އެހުކުމް ތަންފީޒު ކުރުމަށް ފަސްޖެހޭނަމަ މީހުން މެރުން ނުހުއްޓުވޭނެކަމަށް ޝައިޚު ވިދާޅުވިއެވެ.
މަރުތައް ހުއްޓުވޭނީ ޤުރުއާންގައިވާ އެކަމުގެ ހައްލު ތަންފީޒު ކޮށްގެން! އެނޫނީ ލާއިހިކެއްނޫން އެކަމެއް ހައްލު ކުރާކަށް! ޤިޞާޞްގެ މަތިވެރި ހުކުމްފުޅު ﷲ ބާވާލެއްލީ ކޮންމެ ކަމެއްވެގެން! އެހުކުމް ތަންފީޒު ކުރުމުގައި ފަހަތު ފަޔަށް ބުރަވާނަ ދުވަހަކުވެސް މީހުން މެރުން ނުހުއްޓުވޭނެ.
– ޝައިޚު އަލީ ޒައިދު ވިދާޅުވިއެވެ.
މީހުން މަރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް ނިމިދިޔަ ވެރިކަމުގައިވެސް މަސައްކަތް ކޮށްފައިވެއެވެ. ނަމަވެސް އެކަން ތަންފީޒު ކުރެވިފައިނުވެއެވެ. އަދި މިސަރުކާރުންވެސް ވަނި މަރަށް މަރު ހިފުމަށް މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ