އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ހުސްވެފައިވާ ގޮނޑިތަކުގެ އިންތިޚާބު 3ރަށެއްގައި ފަށައިފިއެވެ.
އިންތިޚާބު ފަށައިގެން ކުރިއަށްދާ ރަށްތަކަކީ ހދ.ނޭކުރެންދޫ، ނ.ކެނދިކުޅުދޫ އަދި ރ.މަޑުއްވަރީގައެވެ. މިރަށްރަށުގައި ވޯޓުލުން ކުރިއަށްދާނީ މިއަދު ހަވީރު ތިނެއް ޖަހަންދެންނެވެ.
މިމަހުގެ 30ވަނަ ދުވަހުވެސް، އިތުރު ބައި އިލެކްޝަނެއް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ދަނީ ތައްޔާރުވަމުންނެވެ. އެދުވަހު އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ގއ.ވިލިގިނލީގައާއި، ޅ.ކުރެންދޫގައެވެ. ބައި އިލެކްޝަނަށް ހުލުވާލި ދާއިރާތަކުގެ ތެރެއިން ކ.ހުރާ، ނ.މަގޫދޫގައި، އިންތިޚާބު ކުރަންޖެހޭ ޢަދަދަށް ކުރިމަތިލުމުން އެދެ ދާއިރާގައި އިންތިޚާބަކާ ނުލައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް މެމްބަރުން ވަނީ އިންތިޚާބު ވެފައެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ މިހާ ގާތްގާތުގައި އިންތިޚާބުތައް ބާއްވަންޖެހި، ކުރިމަތިލާނެ މީހުންގެ ޝައުޤުވެރިކަންވެސް ނުލިބޭތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އިންތިޚާބުވެފައިވާ ބައެއް ބޭފުޅުން މަޤާމުން އިސްތިއުފާދީ، އެމަޤާމަށް ޝައުގުވެރިކަން ކުޑަވާތީ، ސަރުކާރުން ވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ މެމްބަރުންގެ މުސާރަވެސް އަންނައަހަރުން ފެށިގެން ބޮޑު ކުރުމަށް ނިންމާފައެވެ.
ކޮމެންޓު ފޮނުވާ