ކޯވިޑަށް ޕޮޒިޓިވްވެ، މަރުވި މީހުންގެ އަދަދު 600،000އަށް އެރި ދެވަނަ ގައުމު ކަމުގައި ބްރެޒިލް ވެއްޖެއެވެ. އަދި ބްރެޒިލްގައި ކޯވިޑްގައި މަރުވި މީހުންގެ އަދަދު މިހަފްތާގެ ހުކުރުދުވަހު 600،000 އަށް އަރާފައިވާއިރު، އެގައުމުގެ މިހާރުގެ ކަނާތު ފިޔައިގެ ރައީސް ޖައިރު ބޮލްސޮނާރޯ ކޯވިޑް ކާރިސާ މެނޭޖް ކުރަމުންދާ ގޮތުގެ ސަބަބުން އޭނާއަށްވަނީ އެގައުމުގައި ބޮޑެތި ފާޑުކިޔުންތަކެއްވެސް އަމާޒު ވެފައެވެ.
އަދި މީގެއިތުރުން ރައީސް ބޮލްސޮނާރޯ ކޯވިޑް މެނޭޖް ކޮށްފައިވާ ގޮތުން، އޭނާއާއި ދެކޮޅަށް ބޮޑެތި މުޒާހިރާތައްވެސް އެގައުމުގައި ހިގާފައެވެ. އަދި މުޒާހިރާ ކުރަމުންދާ ފަރާތްތަކުން ދަނީ އޭނާ އިމްޕީޗް ކުރުމަށްވެސް އަޑު އުފުލަމުންނެވެ.
މީގެ އިތުރުން ބޮލްސޮނާރޯ ކޯވިޑް ކާރިސާ މެނޭޖް ކޮށްފައިވާގޮތް ތަހުގީގު ކުރުމަށްޓަކާ މިހަރުގެ އެޕްރިލްމަހު ބްރެޒިލިއަން ސްޓޭޓް ކޮމިޓީންވަނީ ޚާއްސަ ތަހުގީގެއްވެސް ހިންގަން ފަށާފައެވެ.
އެހެންނަމަވެސް، މިހަފްތާގެ ހުކުރު ދުވަހު، ކޯވިޑްގައި މަރުވި މީހުންގެ އަދަދު 600،000 އަށް އަރާފައިވި ނަމަވެސް، ކޯވިޑް ވެކްސިން ބްރެޒިލްގައި ދޭން ފެށިފަހުން، ޕޮޒިޓިވް ވަމުންދާ މީހުންގެ އަދަދު މަދުވަމުންދާ ކަމުގެ އަލާމާތްތައް މިހާރުވަނީ ފެންނަން ފަށާފައެވެ.
މިގޮތުން، ބްރެޒިލްގައި ކޯވިޑްގެ ހާލަތު އެންމެ ގޯސްވެގެން ދިޔައިރު، މިއަހަރުގެ އެޕްރިލްމަހު ދުވާލަކު 3،000 މީހުން މަރުވަމުން ގޮސްފައިވާއިރު، އެ ނިސްބަތާ އަޅާކިޔާއިރު، ދުވާލަކު މިބަލީގައި މަރުވަމުންދާ މީހުންގެ ނިސްބަތްވަނީ 80 އިންސައްތަ ދަށްވެގެން ގޮސްފައެވެ.
އަދި މިހާރު ބްރެޒިލްއަކީ ދުނިޔޭގައި މިބަލީގައި އެންމެ ގިނައިން މީހުން ވަމުންދާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެއްވެސް ނޫނެވެ.
ކޮމެންޓު ފޮނުވާ