ނަތީޖާއާއިއެކު ޓީމު ޕްރެޝަރަށް ވެއްޓިއްޖެ، މިޖެހުނީ އަލުން ފަށަން: ސުޒޭން

ނަތީޖާއާއިއެކު ޓީމު ޕްރެޝަރަށް ވެއްޓިއްޖެ، މިޖެހުނީ އަލުން ފަށަން: ސުޒޭން

Author
މުޙައްމަދު ޝަޒައިމް
02 އޮކްޓޯބަރ 2021 02:19
0

އަމިއްލަ ޤައުމުގައި އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ރޭ ނޭޕާލް އާއި ދެކޮޅަށް ކުޅެ ބަލިވުމުން ޤައުމީ ޓީމުވަނީ ޕްރެޝަރަށް ވެއްޓިފައިކަމަށާއި، ދެން މިޖެހެނީ އަލުން އަނެއްކާވެސް އާ ފެށުމަކުން ފަށަން ކަމުގައި ޤައުމީ ކޯޗު އަލީ ސުޒައިން ބުނެފިއެވެ.

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ނޭޕާލް އަތުން ރާއްޖެވަނީ 1 ލަނޑު 0 ލަނޑުން ބަލިވެފައެވެ. މެޗުގައި ރާއްޖޭގެ ޓީމުން ގިނަ ފުރުސަތު ތަނަސް ކުރި ނަމަވެސް، އެއްވެސް ފުރުސަތެއްގައި ނޭޕާލްގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ނުވެއެވެ. މެޗު ބެލުމަށް ރާއްޖޭގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަދެ ޓީމަށް ސަޕޯޓް ކޮށްފައިވާއިރު، މެޗުގެ ފަހު ވަގުތު ކޮޅު ތެރޭ ނޭޕާލުން ވަނީ ރާއްޖޭގެ ސަޕޯޓަރުން މާޔޫސްކޮށް، ރާއްޖެ ކޮޅަށް ގޯލެއް ޖަހައި މެޗު ކާމިޔާބު ކޮށްފައެވެ.

މެޗަށްފަހު ވާހަކަ ދައްކަވަމުން ޤައުމީ ކޯޗު އަލީ ސުޒައިން ބުނީ މެޗުގެ ކުރިން އޮތް ހާލަތަށް ވުރެ މިހާރު ރާއްޖެ އަށް އޮތް ހާލަތު އުނދަގޫ ވެއްޖެ ކަމަށެވެ. ދެން ޖެހޭނީ އަލުން މަސައްކަތް ފަށަން ކަމަށް އޭނާ ބުންޏެވެ.

ފުރަތަމަ ތިން ޕޮއިންޓް ގެއްލިގެން ދިއުން އެއީ ހަމަ ވަރަށް ބޮޑަށް ޕްރެޝަރަށް ވެއްޓިގެންދާނެ ސަބަބެއް. އެއީ ޝައްކެއް ވެސް އޮތް ކަމެއް ނޫން. އެހެންވީމާ މިހާރު މި އޮތީ އަލުން ފަށައިގަނެ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައި.

– މެޗަށް ފަހު ވާހަކަ ދައްކަމުން ސުޒޭން ބުންޏެވެ.

ސުޒޭން ބުނިގޮތުގައި، ރާއްޖެ އިން އަދި ވަރަށް ގިނަ ކަންކަން ރަނގަޅު ކުރަން ޖެހޭނެ އެވެ. އެކަންކަން ރަނގަޅު ކުރެވޭނެ ކަމުގެ ޔަގީންކަން އޭނާ އަށް އެބައޮތެވެ. ސުޒޭން ބުނީ މެޗުން ގިނަ ޕޮޒިޓިވް ކަންތައްތަކެއް ފާހަގަ ކުރެވުނު ކަމަށާއި ކުޅުންތެރިން ވެސް އެ ކުޅުންތެރިންގެ އިންޑަވިޖުއަލް މަސައްކަތް އެއްކޮށްލައިގެން މުބާރާތުގައި ކުރިއަށް ދެވޭނެ ކަމަށެވެ.

ސުޒޭން އިތުރަށް ބުނީ މި މެޗުން ބަލިވި ނަމަވެސް، ކުރިއަށް އޮތް މެޗަށް ދާއިރު ފުރަތަމަ އެގާރައަށް މާ ބޮޑު ބަދަލެއް އަންނާނެ ކަމަށް ގަބޫލުނުކުރާ ކަމަށެވެ. އެކަމަކު ތަމްރީނުތައް ހަދަން ފަސްވަރަކަށް ދުވަސް އޮތުމުން، ދެތިން ދުވަސް ފަހުން ގެންނާނެ ބަދަލުތަކަކަށް ވިސްނާނެ ކަމަށްވެސް ބުންޏެވެ. އަދި މިމެޗްގައި ޓީމުގައި ފިޓްނަސް މައްސަލަ އުޅޭކަމަށް ގަބޫލުނުކުރާކަމަށާއި، ހަމައެކަނި ދިމާވި މައްސަލައަކީ ދެ ކައުންޓަރ އެޓޭކެއްގައި ޑިފެންސް ޑިސްއޯގަނައިޒްވުންކަމަށް ވެސް ސުޒެއިން ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.