ބްރެޒިލްގެ ފުޓުބޯޅައިގެ ލެޖެންޑް ރޮބާޓޯ ކާލޯސް، މޮރޮކޯގެ ފުޓުބޯޅަ އެޖެންޓް ސޫހައިލާ އެލް ޠާހިރީ އާ ކައިވެނިކުރުމަށް ފަހު އިސްލާމްވި ކަމަށް މިދިޔަ ހަފުތާތަކުގައި ފެތުރެމުންދާ ވާހަކަތައް އޭނާ ދޮގުކޮށްފިއެވެ.
ސައުދީ ނޫސް 'ޢުކާޒް' އަށް ދިން ޚާއްޞަ ބަސްދީގަތުމެއްގައި ޢުމުރުން 53 އަހަރުގެ ކާލޯސް ބުނީ އިސްލާމް ދީނަށް ނިހާޔަތަށް އިޙްތިރާމް ކުރާ ކަމަށާއި، އަނބިމީހާ ނަމާދު ކުރާ ތަން ފެނުމަކީ އޭނާއަށް ވަރަށް ރީތި މަންޒަރެއް ކަމުގައި ވިޔަސް، ދީން ބަދަލުކުރި ކަމުގެ އަޑުތަކުގައި އެއްވެސް ހަޤީޤަތެއް ނެތް ކަމަށެވެ.
މީގެ ގާތްގަނޑަކަށް ހަތަރު ހަފުތާ ކުރިން ބްރެޒިލްގެ މުސްލިމް މުޖުތަމަޢުގެ އިސް ޝަޚްޞިއްޔަތެއް ކަމަށްވާ ޝެއިޚް ޖިހާދު ޙަމާދާއާ ބައްދަލުކޮށް ކާލޯސް ޝަހާދަތް ކީ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓު ކުރި އެވެ. އަދި އިސްލާމީ ކައިވެނީގެ ރަސްމިއްޔާތެއްގައި ބައިވެރިވާ ކަމަށް ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވެ މި ވާހަކަތައް އިތުރަށް ގަދަވި އެވެ.
ނަމަވެސް ކާލޯސް ތަފުޞީލުކޮށްދިން ގޮތުގައި ދެ ފަރާތުގެ ޢާއިލާގެ ދީނީ ޢަޤީދާއަށް އިޙްތިރާމް ކުރުމުގެ ގޮތުން ތަފާތު ދެ ސިފައެއްގައި ކައިވެނީގެ ރަސްމިއްޔާތު ބޭއްވި އެވެ. އޭނާގެ ޢާއިލާއަކީ ކެތޮލިކް ޢާއިލާއަކަށް ވުމުން، އެ ބައި މީހުންނަށް ޤަދަރުކުރާ ރަސްމިއްޔާތެއް ބޭއްވުމާ އެކު، އަނބިމީހާ އާއި މުސްލިމް ރައްޓެހީންނަށް އެކަށީގެންވާ ވަކި ރަސްމިއްޔާތެއް ވެސް ބޭއްވި ކަމަށް އޭނާ ބުންޏެވެ.
ފީފާ ލައިސަންސް އޮންނަ ފުޓުބޯޅަ އެޖެންޓް، އެލް ޠާހިރީ އާ ފުރަތަމަ ދިމާވީ ފުޓުބޯޅައިގެ ވިޔަފާރި ބައްދަލުވުމެއްގެ ތެރެއިން ކަމަށާއި، ދެ މީހުންގެ ޒާތީ އަދި މަސައްކަތުގެ ގުޅުމަށް މިހާރު ދެ އަހަރު ވެފައިވާ ކަމަށް ކާލޯސް ބުންޏެވެ.
ފުޓުބޯޅައިގެ ތާރީޚުގައި އެންމެ މޮޅު ވާތް ފަޅީގެ ޑިފެންޑަރުންގެ ތެރޭގައި ގުނާލެވޭ ކާލޯސް އަކީ 2002 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ބްރެޒިލްއަށް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ.
ކޮމެންޓު ފޮނުވާ