މަރަޑޯނާގެ "ހޭންޑް އޮފް ގޯޑް" ބޯޅަ 2.5 މިލިއަން ޕައުންޑަށް ނީލަމުގައި ވިކިއްޖެ

މަރަޑޯނާގެ "ހޭންޑް އޮފް ގޯޑް" ބޯޅަ 2.5 މިލިއަން ޕައުންޑަށް ނީލަމުގައި ވިކިއްޖެ

Author
އަހުމަދު
25 އޮގަސްޓް 2026 07:35
0

ފުޓްބޯޅައިގެ ތާރީހުގައި އެންމެ ބަހުސްކުރެވުނު އެއް ގޯލު ކަމަށްވާ، ޑިއޭގޯ މަރަޑޯނާގެ މަޝްހޫރު "ހޭންޑް އޮފް ގޯޑް" ޖެހި ބޯޅަ 2.5 މިލިއަން ޕައުންޑަށް ނީލަމުގައި ވިކިއްޖެއެވެ.

އެމެރިކާގެ ހެރިޓޭޖް އޮކްޝަންސްގައި ބޭއްވި މި ނީލަމުގައި ބޯޅަ ވިކުނު އަގަކީ، މިކަހަލަ ތާރީޚީ އަގުހުރި އެއްޗެއްގެ ހަގީގީ އަގު ކަމަށް ބެލެވޭ 7.3 މިލިއަން ޕައުންޑަށްވުރެ ދަށް އަދަދެއް ކަން ފާހަގަކުރެވެއެވެ. ނަމަވެސް ފަހުން އަނެއްކާވެސް ބޯޅަ ނީލަން ކިޔުމުގެ ފުރުސަތު އެބައޮތެވެ.

މިއީ 1986 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި އާޖެންޓީނާ އާއި އިންގްލެންޑް ބައްދަލުކުރި މެޗުގައި ބޭނުންކުރި ބޯޅައެވެ. މަރަޑޯނާ ދެ ގޯލު ޖަހައި، 2-1 އިން އާޖެންޓީނާ ކާމިޔާބުކުރި މި މެޗުގައި ފުރަތަމަ ގޯލު ޖެހީ، ބޮލުން ޖަހަން އެރި ކަމަށް ދައްކާލައި، ސިއްރުން އަތުން ބޯޅައިގައި ޖައްސާލައިގެންނެވެ. އިންގްލެންޑްގެ ކީޕަރު ޕީޓާ ޝިލްޓަންގެ ބޯމަތިން ބޯޅަ ފޮނުވާލައި ޖެހި މި ގޯލު ރެފްރީއަށްވެސް ފާހަގަނުވި އިރު، މެޗަށްފަހު މަރަޑޯނާ ސިފަކުރީ "ބޮލުގެ ކުޑަ ތަންކޮޅަކާއި، ހޭންޑް އޮފް ގޯޑް" ގެ ބޭނުން ހިފައިގެން ޖެހި ގޯލެއްގެ ގޮތުގައެވެ. ހަމަ އެ މެޗުގައި މަރަޑޯނާ ދެން ޖެހި ގޯލަކީ، ގިނަ ކުޅުންތެރިންތަކެއް ކޮށްޓައި ވައްދާލި، ވޯލްޑް ކަޕްގެ ތާރީހުގައި ފެނުނު އެންމެ ރީތި އެއް ގޯލެވެ.

މެޗު ކޮންޓްރޯލްކުރި، ޓިއުނީޝިއާގެ ރެފްރީ އަލީ ބިން ނަސީރު އަތުގައި މި ބޯޅަ އޮންނަތާ ޒަމާންތަކެއް ފަހުން، ފުރަތަމަ ފަހަރަށް ބޯޅަ ވިއްކާލީ 2022 ވަނަ އަހަރު 1.74 މިލިއަން ޕައުންޑަށެވެ. މެޗުގައި ބޭނުންކުރީ ހަމައެކަނި މި ބޯޅަ ކަމަށް ނަސީރު 2023 ގައި ލިޔުމަކުން ކަށަވަރުވެސް ކޮށްދީފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.