ރާއްޖޭގައި ހުއްދަ ނެތި ކަޅުބާޒާރުގައި ޑޮލަރު މާރުކުރުމުގެ މުއާމަލާތްތައް ހިންގާ ފަރާތްތަކާ ދެކޮޅަށް މަނީ ލޯންޑްރިންގެ ދައުވާ އުފުލާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
އެމްއެމްއޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ޤާނޫނާ ޚިލާފު މި މުއާމަލާތްތަކުގައި ބައިވެރިވަނީ ހަމައެކަނި އާދައިގެ ފަރާތްތައް ނޫން ކަމަށާއި، ބައެއް ރިސޯޓް ޗެއިންތަކާއި ކޮންސްޓްރަކްޝަން ކުންފުނިތަކާއި ސިޔާސީ ފަރާތްތައް ވެސް ބައިވެރިވާ ކަމަށެވެ.
ބޭރު ފައިސާ މާރުކުރުމަށް ރަސްމީ ހުއްދަ ދޫކޮށްފައި ވަނީ 63 ފަރާތަކަށް ކަމަށާއި، ނަމަވެސް ހުއްދަ ނެތި މި ޚިދުމަތް ދެމުންދާ ގިނަ ފަރާތްތަކެއް ފާހަގަކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިހާތަނަށް ބެލި ބެލުމުން، ހުއްދަ ނެތި މި މަސައްކަތްކުރާ އެންމެ 7 ތަނަކުން ފާއިތުވި 9 މަސްދުވަހުގެ ތެރޭގައި 76 މިލިއަން ޑޮލަރުގެ މުއާމަލާތްކޮށްފައިވާ ކަން ހާމަކުރެއްވިއެވެ.
"ޖިނާޢީ ކުށެއް ކޮށްގެން އަމިއްލަ ގޮތުންނާއި ވިޔަފާރިތަކުން ފައިދާ ހޯދުމަކީ މަނީ ލޯންޑަރކުރުން. އެނގިގެން ވެސް ނޭނގި ވެސް މަނީ ލޯންޑްރިންގައި މި ބައިވެރިވެވެނީ،" މިނިސްޓަރު ވިދާޅުވިއެވެ. އެފަދަ ތަންތަނުން ރާއްޖެއަށް ބޭރު ފައިސާ އެތެރެކުރުމުގެ އެއްވެސް މަސައްކަތެއް ނުކޮށް، ހަމައެކަނި ފައިސާ އެކްސްޗޭންޖްކުރުމުގެ ނާޖާއިޒު ފައިދާ ނަގަމުންދާ ކަމަށް ވެސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ޤަވާއިދާ ޚިލާފުވާ ފަރާތްތައް 5،000 ރުފިޔާއާއި 1 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު އެމްއެމްއޭއަށް ޤާނޫނުން ލިބިދީފައިވާ ކަމަށާއި، ޤާނޫނީ ގޮތުން އެޅެންހުރި އެންމެ ހަރުކަށި ފިޔަވަޅުތައް އަޅުއްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.
ކޮމެންޓު ފޮނުވާ