ފާޑުކިއުންތަކާ ގުޅިގެން، ގާނޫނުލްއުގޫބާތުގެ އިސްލާހު އެޖެންޑާއިން އުނިކޮށްފި

ފާޑުކިއުންތަކާ ގުޅިގެން، ގާނޫނުލްއުގޫބާތުގެ އިސްލާހު އެޖެންޑާއިން އުނިކޮށްފި

Author
އަހުމަދު
27 އޮކްޓޯބަރ 2026 12:40
0

 

ވަކި ދީނަކާއި ގައުމަކާ ދެކޮޅަށް ނަފްރަތު އުފައްދައި ގެއްލުންދިނުމާއި، ދައުލަތުގެ އިގްތިސާދީ ރައްކާތެރިކަމަށް ގެއްލުންވާ ކަންކަން ކުރުން ބޮޑު ކުށަކަށް ހަދަން ގާނޫނުލްއުގޫބާތަށް ހުށަހެޅި އިސްލާހު، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާއިން ނަގައިފި އެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މިދިޔަ އާދިއްތަ ދުވަހު ހުށަހެޅުއްވީ ޕީއެންސީގެ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު އެވެ. ބިލުގެ ފުރަތަމަ ކިޔުން މިއަދު އިއްވަން ތާވަލުކޮށްފައި ވީނަމަވެސް، ފަހުން އެޖެންޑާއިން އުނިކުރި ސަބަބެއް އަދި ހާމައެއް ނުވެ އެވެ.

ބިލުގެ ތަފްސީލު މީޑިއާތަކުން ރިޕޯޓުކުރުމާ އެކު، މިއީ ރަސްމާލެ މަޝްރޫއާ ދެކޮޅުވާ ފަރާތްތަކަށް އަދަބުދިނުމަށް ތައްޔާރުކުރި ބިލެއް ކަމަށް ބުނެ ސަރުކާރަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފައިވެ އެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި، ނަފްރަތު އުފެއްދުން މަނާކުރަން އުޅެނީ މަޝްރޫއު ހިންގަން ހަވާލުކޮށްފައިވާ އީގަލް ހިލްސްގެ ޗެއާމަން މުހައްމަދު އަލް-އައްބާރާއި އިޒްރޭލާ އޮތް ކަމަށް ބުނާ ގުޅުންތަކާ ގުޅޭ ފާޑުކިއުންތައް ހުއްޓުވުމަށެވެ. އަދި އިގްތިސާދީ ގެއްލުމާ ބެހޭ މާއްދާ ހިމަނާފައިވަނީ ރަސްމާލޭގެ ބިން އެ ކުންފުންޏަށް ދިނުމާ ދެކޮޅަށް ކުރާ މަސައްކަތް ހުއްޓުވުމަށް ކަމަށް ވެސް ބުނެ އެވެ.

މި ފާޑުކިއުންތަކަށް ރައްދުދެއްވަމުން އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ރޭ ވިދާޅުވީ، ގަތުލުއާންމުގެ ކުށްތައް ގާނޫނަށް ގެންނަން ޖެހެނީ، އެފަދަ ގާނޫނެއް ނެތުމަކީ އިޒްރޭލާ ދެކޮޅަށް ބައިނަލްއަގުވާމީ ކޯޓުގައި ހިނގާ މައްސަލައިގައި ރާއްޖޭގެ ނުކުތާތަކަށް އަސަރުކުރާނެ ކަމަކަށް ވާތީ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.