ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވޭތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި 1.29 ބިލިއަން ޑޮލަރުގެ ދަރަނި އަދާކޮށްފައިވާ ކަމަށާއި، މިއީ ކުރީގެ ދެ ސަރުކާރުން މުޅި ޖުމުލަ ދެއްކި އަދަދަށްވުރެ ދެގުނަ އިތުރު އަދަދެއް ކަމަށް ފިނޭންސް މިނިސްޓަރު ހަޒަން ޒަރީރު ވިދާޅުވެއްޖެއެވެ.
ޑޮލަރުގެ މައްސަލައާ ގުޅޭ ގޮތުން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުން ދެ އަހަރާއި ބައިގެ ތެރޭގައި ދަރަނި އަދާކުރުމަށް ހޭދަކުރީ 191 މިލިއަން ޑޮލަރު ކަމަށާއި، ރައީސް ސޯލިހުގެ ސަރުކާރުން އެ މުއްދަތުގައި 428 މިލިއަން ޑޮލަރު ދައްކާފައިވާ ކަމަށެވެ. ޖުމުލަކޮށް ކުރީގެ ދެ ސަރުކާރުން ދެއްކީ 619 މިލިއަން ޑޮލަރެވެ.
މިއަހަރު ދައުލަތަށް ލިބުނު ޑޮލަރުގެ 56 ޕަސެންޓް ހޭދަކުރީ ދަރަނި އަދާކުރުމަށް ކަމަށާއި، ދައުލަތުގެ ރިޒާވުގެ ބޮޑު ބައެއް ހޭދަކުރަން ޖެހިފައިވަނީ ވެސް ލޯނުތައް ދެއްކުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ ސަބަބުން ގިނަ ދަތިތަކާ ކުރިމަތިވި ނަމަވެސް، ސަރުކާރުން އެންމެ އިސްކަމެއް ދެނީ ދަރަނި އަދާކުރުމާއި، ތެލާއި އަސާސީ ޒަރޫރީ ބޭނުންތަކަށް ޑޮލަރު ފޯރުކޮށްދިނުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކުރިއަށް އޮތް ތަނުގައި ވެސް ދައުލަތުގެ ރިޒާވު އިތުރަށް ވަރުގަދަކުރުމަށް ބޭނުންވާ ސިޔާސަތުތައް ރާވައި ތަންފީޒުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ސަރުކާރުން ބުނެއެވެ.
ކޮމެންޓު ފޮނުވާ