ހުޅަނގު އައްސޭރީގެ އުތުރުގައި ހުންނަ ރެފިއުޖީ ކޭމްޕުތަކުން ގެދޮރު ގެއްލިފައިވާ ފަލަސްތީނީންނަށް އެނބުރި އެމީހުންގެ ގެތަކަށް ދިއުމުގެ ފުރުޞަތު ނުދޭނެ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.
ނަތަންޔާހޫ މިހެން ބުނީ ދިފާޢީ ވަޒީރު އިސްރާއީލް ކަޓްޒާއި ސިފައިންގެ އިސް ކޮމާންޑަރުންނާއެކު ތުލްކަރަމް ރެފިއުޖީ ކޭމްޕު ކައިރިއަށް ކުރި ޒިޔާރަތެއްގައެވެ. އޭނާގެ އޮފީހުން ނެރުނު ވީޑިއޯއެއްގައި ނަތަންޔާހޫ ބުނީ ކޭމްޕުތަކުގައި ތިބީ އާންމު ރައްޔިތުން ނޫން ކަމަށާއި، އެއީ "ޓެރަރިސްޓުން" ކަމަށެވެ. އަދި އެ ސަރަހައްދުގައި އިސްރާއީލުގެ ސިފައިން ދާއިމީ ގޮތެއްގައި ތިބޭނެ ކަމަށާއި، އުރުދުން ކޯރުގެ ހުޅަނގަށް އެއްވެސް ޢަރަބި އަސްކަރީ ބާރަކަށް ޖާގަ ނުދޭނެ ކަމަށްވެސް އޭނާ ބުންޏެވެ.
ނަތަންޔާހޫގެ މި ބަޔާން އަންނަނީ ޖިނީން، ތުލްކަރަމް އަދި ނޫރު ޝަމްސް ކޭމްޕުތަކުން ގެދޮރު ގެއްލުނު މީހުން އެނބުރި ގެނައުމަށް ތާވަލެއް ހަދައި، އެ މަސައްކަތް އަވަސްކުރުމަށް އިސްރާއީލުގެ ސުޕްރީމް ކޯޓުން ސަރުކާރަށް އަމުރުކުރުމަށްފަހުއެވެ. 2025 ވަނަ އަހަރުގެ ކުރީކޮޅުން ފެށިގެން އެތައް ހާސް ފަލަސްތީނީންނަށް އެނބުރި ދިއުމަށް އިސްރާއީލުގެ ސިފައިން ވަނީ ހުރަސްއަޅާފައެވެ.
ކުރިއަށް އޮތް އިންތިޚާބުތަކުގެ ކުރިން ފަލަސްތީނިއަން އޮތޯރިޓީގެ ސަލާމަތީ ބާރުތަކާއެކު ކުރިމަތިލުންތަކެއް ހިނގައިދާނެ ކަމުގެ އިންޒާރުވެސް ނަތަންޔާހޫ ދީފައިވެއެވެ.
މީގެ އިތުރުން، ފަލަސްތީނުގެ ރެޑް ކްރެސެންޓް ސޮސައިޓީން ބުނީ އަންގާރަ ދުވަހު ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކުގައި އިސްރާއީލީ ސިފައިން ހިންގި އަމަލުތަކުގައި ހަތަރު ފަލަސްތީނީއަކު ޒަޚަމްވި ކަމަށެވެ. ރާމައްލާގެ ހުޅަނގުގައި ރަބަރު ވަޒަނެއް ބޮލުގައި ޖެހިގެން އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބުނުއިރު، ޖިނީންގެ އުތުރު ހުޅަނގުގައި އޮންނަ އަލް-ޔާމޫންގައި އަސްކަރީ ޖީޕަކުން ޖެހިގެން ތިން މީހަކު ޒަޚަމްވިއެވެ.
ކޮމެންޓު ފޮނުވާ