އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކުރި ކަމަށް ސާބިތުވެ، ސައުދީ އަރަބިއްޔާގައި މަރުގެ ހުކުމް އިއްވި ސްރީލަންކާގެ ރައްޔިތެއްގެ ހުކުމް، ސައުދީގެ ސުޕްރީމް ކޯޓުން ބާތިލުކޮށްފިއެވެ.
މި ޚަބަރު ފޭސްބުކް މެދުވެރިކޮށް އާންމުކުރެއްވީ ލަންކާގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު އަރުން ހެމަޗަންދުރައެވެ. އެމަނިކުފާނު ވަނީ މި މައްސަލާގައި ދެ ގައުމުގެ ކަމާބެހޭ ފަރާތްތަކާއި ގާނޫނީ ޓީމުތަކުން ކުރި މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ.
27 އަހަރުގެ އަނޯޖަން ސިވަރާސާ ހައްޔަރުކުރީ، ޖޫން މަހުގެ ފަހުކޮޅު މީސްމީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ތެރެއިން ތަމަޅަ ބަހުން ލިޔުނު ކޮމެންޓެއްގެ ސަބަބުންނެވެ. ކޮމެންޓު ވަގުތުން ފޮހެލައި، މާފަށް އެދި ވީޑިއޯއެއް ޝާއިޢުކުރި ނަމަވެސް، އޭގެ ސްކްރީންޝޮޓެއް އޭނާ މަސައްކަތްކުރާ ކުންފުންޏަށާއި ސައުދީގެ އިދާރާތަކަށް ހުށަހެޅުމުން ޖުލައި މަހު އޭނާ ހައްޔަރުކުރިއެވެ.
އަލް-އަހްސާ ޖިނާއީ ކޯޓުން ފުރަތަމަ އިއްވީ ފަސް އަހަރުގެ ޖަލު ހުކުމަކާއި ތިން މިލިއަން ރިޔާލުގެ ޖޫރިމަނާއެކެވެ. ނަމަވެސް ސެޕްޓެމްބަރު މަހު އިސްތިއުނާފު ކޯޓުން އެ ހުކުމް މަރުގެ އަދަބަކަށް ބަދަލުކުރިއެވެ.
ސިވަރާސާގެ ފުރާނަ ސަލާމަތްކުރުމަށް ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ޖަމާޢަތްތަކުން ގޮވާލި އިރު، ރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދުވެސް ވަނީ އޭނާގެ ދިފާޢުގައި އަޑު އުފުއްލަވާފައެވެ.
ލަންކާގެ މެމްބަރު ފައިޒަރު މުސްތަފާ ބީބީސީ ސިންހަލައަށް ވިދާޅުވީ ސުޕްރީމް ކޯޓުގެ ނިންމުން މިހާރު ދިރާސާކުރަމުންދާ ކަމަށެވެ. ނަމަވެސް ސިވަރާސާގެ މައްޗަށް އިތުރު ޝަރީޢަތެއް ހިނގާނެތޯ، ނުވަތަ އޭނާ ބަންދުގައި ހުންނަން ޖެހޭނެ މުއްދަތެއް އަދި ސާފެއް ނޫނެވެ.
ކޮމެންޓު ފޮނުވާ