މަސްވެރިކަމުގެ ޤާނޫނަށް ގެނައި މުހިންމު އިސްލާޙުތައް މަޖިލީހުން ފާސްކޮށްފި

މަސްވެރިކަމުގެ ޤާނޫނަށް ގެނައި މުހިންމު އިސްލާޙުތައް މަޖިލީހުން ފާސްކޮށްފި

Author
އަހުމަދު
26 އޮގަސްޓް 2026 07:30
0

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާޙުތަކުގެ ބިލު، 59 މެންބަރުންގެ އަޣުލަބިއްޔަތުން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ތިނަދޫ ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު އަލްސަން އަޙްމަދު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި މި ބިލު، މަޖިލީހުން ފާސްކުރީ އިޤުތިޞާދީ ކޮމިޓީން ދިރާސާކުރުމަށްފަހު ގެނައި އިޞްލާޙުތަކާއެކުއެވެ.

މި އިޞްލާޙުގެ އެންމެ މުހިންމު އެއް ބޭނުމަކީ، ޤާނޫނާ ޚިލާފަށް ޙަރަކާތްތެރިވާ މަސްވެރި އުޅަނދުފަހަރާމެދު އިދާރީ ފިޔަވަޅު އެޅުމުގެ ނިޒާމު ހަރުދަނާކުރުމާއި، ޙިމާޔަތްކޮށްފައިވާ މަހުގެ ބާވަތްތައް ރައްކާތެރިކުރުމެވެ. އެގޮތުން، ޙިމާޔަތްކޮށްފައިވާ މަހުގެ ބާވަތްތަކުގެ މަސްވެރިކަން ކުރުމަކީ މުޅިން މަނާ ކަމެއް ކަމުގައި ބިލުގައި ވަނީ ކަނޑައަޅާފައެވެ.

އެފަދަ ބާވަތްތަކުގެ މަސްވެރިކަން ކޮށްފިނަމަ 500،000 ރުފިޔާއިން ޖޫރިމަނާކުރެވޭއިރު، ޙިމާޔަތްކޮށްފައިވާ މަހުގެ ބާވަތެއް ރާއްޖެއިން ބޭރުކޮށްފިނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެއެވެ. ހަމައެއާއެކު، ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތަކުގައި މަސްވެރިކަން ކުރުމަކީ ވެސް މަނާ ކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

ބިލުގައިވާ ގޮތުން، ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި އައު ބާވަތްތަކުގެ މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުމުގެ ބާރު މަސްވެރިކަމާ ބެހޭ ވުޒާރާއަށް ލިބިގެންވެއެވެ. ނަމަވެސް، އެފަދަ ހުއްދަތަކާ ގުޅޭ ޝަރުޠުތަކާއި ފީތައް ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަން ޖެހޭނެއެވެ.

މީގެއިތުރުން، މަސްވެރިކަމުގެ ޙަރަކާތްތަކަށް ޚާއްޞަ ބަނދަރުތައް ތަރައްޤީކުރުމުގެ ހުއްދަ ވުޒާރާއަށް ދިނުމާއި، ޤާނޫނާ ޚިލާފުވާ ބޭރުގެ އުޅަނދުފަހަރު ނިސްބަތްވާ ޤައުމުތަކާ ގުޅިގެން ފިޔަވަޅު އެޅުމުގެ އުޞޫލުތައް ވެސް މި ބިލުގައި ވަނީ ހިމަނާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.