ސަރަހައްދީ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތުގައި މިރޭ އަމިއްލަ ދަނޑުގައި ރާއްޖެއިން ކުޅުނު މެޗު ނޭޕާލުން ކާމިޔާބުކޮށްފިއެވެ. މިމެޗު ނޭޕާލުން ކާމިޔާބު ކުރީ 1 – 0 ގެ ނަތީޖާއަކުންނެވެ.
މިރޭ ގަލޮޅު ދަނޑުގައި ކުޅުނު މިމެޗުގައި ރާއްޖޭގެ ފަރާތުން އުންމީދުކުރެވޭ ވަރުގެ ކުޅުމެއް ދެއްކިފައިނުވެއެވެ. މެޗު ފެށިގެން ދެޓީމުންވެސް ހަމަހަމަ ކުޅުމެއް ކުޅެފައިވާއިރު، ދެޓީމުންވެސް ނުރައްކާތެރި ހަމަލާތަކެއް އުފައްދާފައިވެއެވެ. މެޗުގައި ދިވެހި ޓީމުން އަލީ އަޝްފާޤާއި، އަލީ ފާސިރު ސެންޓޭގެ ފަރާތުން ރަނގަޅު ހަމަލާތަކެއް އުފެއްދިތަން ފެނިފައިވެއެވެ.
މެޗުގެ ދެވަނަ ހާފުގައި ދެޓީމުންވެސް އަވަސް ގޭމެއް ކުޅުމަށް ވަނީ މަސައްކަތް ކޮށްފައެވެ. ނޭޕާލްގެ ކުޅުންތެރިންގެ އަވަސް ކުޅުން ހުއްޓުވުމަށް ދިވެހި ކުޅުންތެރިނަށް އުދަނގޫތަކާއި ކުރިމަތިވެފައިވެއެވެ. މެޗުގައި ދިވެހި ޓީމުން ގިނަ ބަދަލުތަކެއް ގެނައި ނަމަވެސް ނަތީޖާއަށް ބަދަލު ގެނެވޭ ގޮތެއް ނުވިއެވެ. ރާއްޖޭގެ ޓީމުން ކުރިޔަށް ޖެހި ގޯލެއް ޖެހުމަށް މަސައްކަތް ކުރަމުން ދަނިކޮށް ނޭޕާލުން ކައުންޓު އެޓޭކްގައި ވަނީ މެޗު ނިމެން 4 މިނިޓަށް ވެފައި ވަނިކޮށް ގޯލެއް ޖަހައި މެޗުގެ ނަތީޖާ އަނބުރާލާފައެވެ.
މެޗުގައި ނޭޕާލުން ޖެހި ހަމައެކަނި ގޯލް 86 ވަނަ މިނިޓުގައި ޖެހީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއް ގޮތުގައި ކުޅެން އެރި މަނީޝް ޑަންގީ އެވެ. އޭނާ މި ލަނޑު ޖެހީ ނޭޕާލުން އުފެއްދި ކައުންޓާ އެޓޭކެއްގައި ހާފުގެ މެދެއްހާ ހިސާބުން ބޯޅަ ހިފައިގެންގޮސް ރާއްޖޭގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު އޭރިއާތެރެއަށް ވަދެ، ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ.
މި ގޯލާއާއިއެކު ރާއްޖެއިން ގޯލެއް ޖެހުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރި ނަމަވެސް އެކަން ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ. މިރޭގެ މެޗުގައި ނޭޕާލްގެ ގޯލްކީއްޕަރުގެ ފަރާތުން މޮޅު ކުޅުމެއް ފެނިފައިވެއެވެ. ރާއްޖޭގެ ޓީމުން އުފެއްދި ނުރައްކާތެރި ގިނަ ހަމަލާތަކެއްގެ ހުރަހަކަށްވީ ރާއްޖޭގައި ގިނަ މުބާރާތްތަކެއްގައި ކުޅެފައިވާ ނޭޕާލްގެ ކީއްޕަރެވެ.
މިމޮޅާއިއެކު މިއީ ފާއިތުވެދިޔަ 37 އަހަރުގެ ތެރޭގައި ރާއްޖޭގެ މައްޗަށް ނޭޕާލުން ހޯދި ފުރަތަމަ މޮޅެވެ. ރާއްޖެއިން މިހާތަނަށް ނޭޕާލްއާއި ކުޅުނު 9 މެޗުގެ ތެރެއިން 4 މެޗުން އެއްވަރުގެ 4 މެޗުން މޮޅު ވެފައިވާއިރު، މިރޭ ވަނީ ބަލިވެފައެވެ.
ކޮމެންޓު ފޮނުވާ