އެމްޓީސީސީއަށް މިދިޔަ އަހަރު 85 މިލިއަން ރުފިޔާގެ ފައިދާއެއް

އެމްޓީސީސީއަށް މިދިޔަ އަހަރު 85 މިލިއަން ރުފިޔާގެ ފައިދާއެއް

Author
އަހުމަދު
24 އޮގަސްޓް 2026 04:10
0

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 85 މިލިއަން ރުފިޔާ ލިބިއްޖެއެވެ. މިއީ 2024 ވަނަ އަހަރާ އަޅާބަލާއިރު 88 ޕަސެންޓްގެ ކުރިއެރުމެކެވެ.

އެ ކުންފުނީގެ އަހަރީ ރިޕޯޓުން ދައްކާގޮތުގައި، ފައިދާ އިތުރުވި ނަމަވެސް ޖުމްލަ އާމްދަނީ ވަނީ އެއް ޕަސެންޓް ދަށްވެ، 2.1 ބިލިއަން ރުފިޔާގައި ހިފެހެއްޓިފައެވެ. އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ޓްރޭޑިން ދާއިރާގެ އާމްދަނީ ދަށްވުމެވެ. އެ ދާއިރާއިން ލިބުނީ 244 މިލިއަން ރުފިޔާއެވެ. ދަތުރުފަތުރުގެ ދާއިރާއިން 150 މިލިއަން ރުފިޔާ ލިބުނުއިރު، ކޮންސްޓްރަކްޝަން އަދި ޑްރެޖިން މަސައްކަތްތަކުން 1.7 ބިލިއަން ރުފިޔާ ލިބިފައިވާތީ، އެއީ އާމްދަނީގެ އެންމެ ބޮޑު ހިއްސާ ކުރި ދާއިރާއެވެ.

ހިންގުމުގެ ހަރަދުތައް ހަ ޕަސެންޓް އިތުރުވެ 367 މިލިއަން ރުފިޔާއަށް އަރާފައިވާއިރު، މާކެޓިން ހަރަދު ވަނީ 20 މިލިއަނުން 13 މިލިއަން ރުފިޔާއަށް ކުޑަކޮށްފައެވެ. ކުންފުނީގައި މަސައްކަތްކުރާ 5،395 މުވައްޒަފުންގެ މުސާރައާއި އެލަވަންސްތަކަށް 814 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިއީ ކުރީ އަހަރަށްވުރެ 65 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

އެމްޓީސީސީގެ މާލީ ހިސާބުތަކުން ދައްކާގޮތުގައި 2021 ވަނަ އަހަރު އެ ކުންފުންޏަށް 232 މިލިއަން ރުފިޔާގެ ފައިދާއެއް ލިބުނު ނަމަވެސް، ފާއިތުވި ފަސް އަހަރުގެ ތެރޭގައި ފައިދާ 45 މިލިއަން ރުފިޔާއަށް ދަށްވި އަހަރެއްވެސް ދިޔައެވެ. އެއާ އަޅާބަލާއިރު، މިދިޔަ އަހަރުގެ ފައިދާ ވަނީ ބޮޑުތަނުން ރަނގަޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.