ދިވެހިރާއްޖެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ދުނިޔެއަށް އިޝްތިހާރުކުރުމަށް ސަރުކާރުން އުފައްދާފައިވާ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީ އެ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.
ޝިއުރީ އެ ކުންފުނީގެ އެންމެ އިސް މަޤާމަށް އައްޔަނުކުރައްވާފައި ވަނީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހުއެވެ. އޭރު އެ ކުންފުނި ހިންގަމުން އައީ "މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް" (އެމް.އެމް.ޕީ.އާރު.ސީ) ގެ ނަމުގައެވެ. ނަމަވެސް 2025 ވަނަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހު އެ ކުންފުނީގެ ނަން މިހާރުގެ ނަމަށް ބަދަލުކޮށްފައި ވެއެވެ.
ޝިއުރީ އެ މަޤާމުން އިސްތިއުފާ ދެއްވިއިރު، މިދިޔަ ދުވަސްތަކުގައި ބައިނަލްއަޤުވާމީ ފަތުރުވެރިކަމުގެ މައިދާނުގައި އޭނާ ހޯއްދެވި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ވެއެވެ. އޭގެ ތެރެއިން އެންމެ ފަހުގެ ކާމިޔާބީއަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް ޖަމުއިއްޔާ ކަމަށްވާ ޕެސިފިކް އޭޝިޔާ ޓްރެވަލް އެސޯސިއޭޝަން (ޕާޓާ) ގެ އެގްޒެކެޓިވް ބޯޑަށް އޭނާ އިންތިޚާބުވެވަޑައިގަތުމެވެ. ޝިއުރީ ވަނީ 2025 ވަނަ އަހަރުގެ އޮގަސްޓު މަހުން ފެށިގެން ޕާޓާގެ ބޯޑު މެންބަރެއްގެ ގޮތުގައި ޚިދުމަތްކުރައްވާފައިއެވެ.
މާކެޓިންގގެ ދާއިރާއިން ޑިގްރީއަކާއި ޕަބްލިކް ރިލޭޝަންސްގެ ދާއިރާއިން މާސްޓަރސް ޑިގްރީ ޙާޞިލުކުރައްވާފައިވާ ޝިއުރީ ވަނީ ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން، މާލީ އަދި އިންފްރާސްޓްރަކްޗަރ ދާއިރާގައި ވެސް ގިނަ ތަޖުރިބާތަކެއް ހޯއްދަވާފައެވެ. އެގޮތުން ޔުނައިޓެޑް ޑިވެލޮޕްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ޑިރެކްޓަރ ޕްރޮޖެކްޓްސް އެންޑް އިންފްރާސްޓްރަކްޗަރގެ ގޮތުގައި ފުވައްމުލައް، ދަރަވަންދޫ، އިފުރު، ކޫއްޑޫ، ކުޑަހުވަދޫ އަދި ކުޅުދުއްފުށީ އެއަރޕޯޓު ފަދަ ޤައުމީ ފެންވަރުގެ ބޮޑެތި މަޝްރޫޢުތަކުގައި މަސައްކަތްކުރައްވާފައި ވެއެވެ.
ޝިއުރީ މަޤާމުން އިސްތިއުފާ ދެއްވި ސަބަބެއް އަދި ހާމަކުރައްވާފައެއް ނުވެއެވެ. އަދި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ވެސް މިކަމާ ގުޅޭ ގޮތުން ރަސްމީ ބަޔާނެއް ނެރެފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ