ސ. ފޭދޫ ސްކޫލުގައި ކުރިއަށްދިޔަ ކެޑޭޓް ކޭމްޕެއްގެ ތެރެއިން ހޮޑުލުމާއި ބޭރަށްހިންގުމުގެ އަލާމާތްތައް ފެނިގެން 31 ދަރިވަރަކު ސިއްހީ ފަރުވާއަށް ގެންގޮސްފިއެވެ.
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ބުނި ގޮތުގައި، ފޭދޫ ސިއްހީ މަރުކަޒުގައި 12 ކުދިންނަށާއި، މަރަދޫ ސިއްހީ މަރުކަޒުގައި 12 ކުދިންނަށް އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ އިރު، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ހަތް ކުއްޖަކަށް ދަނީ ފަރުވާ ދެމުންނެވެ.
ބަލިވެފައި ވަނީ އެ ސްކޫލުގެ ގްރޭޑް 7 އަދި 8 ގެ ދަރިވަރުންނެވެ. ފެންނަމުންދާ މައިގަނޑު އަލާމާތްތަކަކީ ބޭރަށްހިންގުމާއި، ހޮޑުލެވުމުގެ އިތުރުން ބަނޑުގައި ރިއްސުމެވެ.
ހޮސްޕިޓަލުން ބުނީ އެއްވެސް ކުއްޖެއްގެ ހާލު ސީރިއަސް ނޫން ކަމަށާއި، ކުދިންގެ ހާލަތު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށެވެ. ނަމަވެސް، މި ހާލަތު މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ.
މި ހަފުތާގެ ހޮނިހިރު ދުވަހުން ފެށިގެން ރާއްޖޭގެ އެކި ސްކޫލުތަކުގައި ކެޑޭޓާއި އެހެނިހެން ޔުނިފޯމް ހަރަކާތްތަކުގެ ކޭމްޕުތައް ދަނީ ބާއްވަމުންނެވެ.
ކޮމެންޓު ފޮނުވާ