މަހުލޫފް، ރައީސް ނަޝީދާއި ހަސަން އަށް: ރައީސްގެ ސިޔާސަތަކީ ކުޅިވަރު ސިޔާސީ ނުކުރުން

މަހުލޫފް، ރައީސް ނަޝީދާއި ހަސަން އަށް: ރައީސްގެ ސިޔާސަތަކީ ކުޅިވަރު ސިޔާސީ ނުކުރުން

Author
މުޙައްމަދު ޝަޒައިމް
30 އޮކްޓޯބަރ 2020 03:03
0

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ސިޔާސަތަކީ ކުޅިވަރު ސިޔާސީ ނުކޮށް، ބައިނަލް އަޤުވާމީ ދުނިޔެއާއިވެސް ގުޅިގެން ކުރިއަށް ދިއުންކަމުގައި ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހަޅުއްވާފައިވާ އިސްލާހުތަކާއި ގުޅިގެން މިނިސްޓަރ މަހުލޫފް ވިދާޅުވީ ރައީސް ސޯލިހުގެ މެނިފެސްޓޯއާ އެއްގޮތަށް ކުޅިވަރު ސިޔާސީ ނުކޮށް ދަނީ ކުރިއަށް ކަމަށެވެ. އެސޯސިއޭޝަންތަކުގެ އިންތިހާބުތައް ހިނގަނީ ޑިމޮކްރެޓިކްކޮށް ރާއްޖޭގެ ގާނޫނުތަކާއި އިންޓަނޭޝަނަލް ފެޑެރޭޝަންތަކުގެ ގަވާއިދުތަކާ ވެސް އެއްގޮތަށް ކަމަށެވެ.

ނަމަވެސް ހަސަން ލަތީފްގެ އިސްލާހުތަކުގައި އެ އުސޫލުތަކާއި ފުށުއަރާ ކަންތައްތަކެއް އެބަހުރި ކަމަށް އިޝާރާތް ކުރައްވާ އެފަދަ އިސްލާހުތަކުގެ ސަބަބުން ރާއްޖެ ގިނަ ކުޅިވަރުތަކުން ސަސްޕެންޑް ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކުޅިވަރުގެ ޤާނޫނަށް ގެންނަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުގެ އިންތިޚާބާއި، ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިޚާބުތައް ދެން ބާއްވާނީ އިލެކްޝަން ކޮމިޝަނުން ކަމަށް ވަނީ ބަޔާންކޮށްފައެވެ. މިކަމަށް ކޮންމެ އަހަރަކު ދެލައްކަ ރުފިޔާ ބަޖެޓުކުރުމަށް ވަނީ ނިންމާފައެވެ.

ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހެޅުއްވި ކުޅިވަރު ގާނޫނަށް އިސްލާހު ގެންނަ ބިލްގައި ގެނެސްފައިވާ އެއް ބަދަލަކީ ޔޫތު މިނިސްޓަރު އައްޔަން ކުރައްވާ ގާނޫނީ ވަކީލެއްގެ ބަދަލުގައި ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ އެއް މެންބަރަކު އެ މަޖިލީހުގެ ހިމެނުމަށެވެ.

މަހުލޫފް ކަންބޮޑުވުން ފާޅުކުރައްވާފައިވަނީ ކުޅިވަރު ގާނޫނަށް ހުށައެޅި އިސްލާހުތަކުގެ ތެރޭގައި ކުޅިވަރު ކައުންސިލްގެ އިންތިހާބު ބާއްވާނީ އިލެކްޝަންސް ކޮމިޝަނުން ކަމަށް ބުނެފައިވުމެވެ. އިސްލާހުގައި ވާގޮތުން ކުޅިވަރު ކައުންސިލްގެ އިންތިހާބުތައް އެ ބިލް ތަސްދީގު ކުރާތާ ހަ މަސް ދުވަހުގެ ތެރޭގައި ބާއްވަން ޖެހެއެވެ. އޭނާގެ އިސްލާހުގައި ބުނެފައިވަނީ އެ މަގާމުތަަކަށް މީހުން ކަނޑައަޅާނީ އާންމުކޮށް ހުޅުވާލައިގެން ބާއްވާ އިންތިހާބަކުން ކަމަށެވެ.

މި ޤާނޫނު އެންމެ ފުރަތަމަ ވުޖޫދަށް ގެނައީ 2015 ވަނަ އަހަރުގައެވެ. މި ޤާނޫނަށް ހަސަން ލަތީފް ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި ކުޅިވަރާ ބެހޭ ގައުމީ މަޖިލީހާއި، ސްޕޯޓްސް ކޮމިޝަނާއި، ސްޕޯޓްސް ކޯޕަރޭޝަނާއި، ސްޕޯޓްސް އިންސްޓިޓިއުޓް އަދި ކުޅިވަރު އެސޯސިއޭޝަންތަކާއި ގުޅޭ ގިނަ ކަންކަން ހިމެނެއެވެ

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.