މިއަދު ވެރިކަމުގައި ތިއްބެވި ބޭފުޅުން ވެރިކަމަށް އައުމަށް ބޭރުގެ އެކި ފަރާތްތަކަށް ވެފައިވާ ވައުދުތަކުގެ ދަންތުރާގައި ޖެހި އަމިއްލަފައި ފިތިފައިވާ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ޚާރިޖީ ސިޔާސަތު މިއަދު އޮތް ގޮތުންނާއި ޤައުމުގެ ހާލަތު ކުރިއަށް ފެންނަ ގޮތަށް އަލި އަޅުވާލައްވައި ސައީދު ވިދާޅުވީ މިއަދު ފެނިގެންދަނީ ރާއްޖޭގެ ދާޚިލީ ސިޔާސަތު އޮތް ގޮތުން މިނިވަންކަމަށް ބުރޫއަރައި ޤައުމު ބޮޑު ބިރުވެރިކަމެއްގައި ވާތަންކަމަށެވެ. ވެރިކަމަށް އައުމަށްޓަކައި ބޭރުގެ އެކި ފަރާތްތަކަށް ވެފައިވާ ވައުދުތަކާއި ހެދި ޑީލްތަކުގެ ދަންތުރާގައި މިއަދު މިސަރުކާރު ޖެހިފައިވާކަމަށް ސައީދު ވިދާޅުވިއެވެ.

ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ބޭރުގެ ބާރުގަދަ ނުފޫޒުތަކަށް އެއްވެސް ހުރަހެއްނެތި މިއަދު ވަދެވި ބަސްބުނަމުންދަނީ ރާއްޖެއޮތް ސަރަހައްދުގެ ގޮތުންކަމަށް ކަނޑައަޅައިގެން ތިބުމަކީ ޤަބޫލުކުރެވޭނެ ކަމެއްނޫންކަމަށް ސައީދު ވިދާޅުވިއެވެ. މިއަދު ވަކި ބަޔަކު ރުއްސަން ނުވަތަ ވެފައިވާ ވައުދުތައް ތަންފީޒުކުރަން ބޭރުގެ ބޮޑެތި ބާރުތަކުން މިފަސްގަނޑުގައި ބޭނުންގޮތަކަށް އުޅެވޭތަން ފެނުނަކީ ކަންބޮޑުވާކަމެއްކަމަށް ސައީދު ވިދާޅުވިއެވެ.
އިންޓަރނޭޝަނަލް ޕަވާ ޕޮލިޓިކްސްގެ ތެރެއަށް ރާއްޖެ ވައްޓާލީ މިސަރުކާރުގެ ބޮޑުންނާއި ވާގިވެރިވާ ފަރާތްތަކުން. މިއަދު އެވަނީ ވެރިކަމަށް އައުމަށްޓަކައި ވީ ވައުދުތަކުގެ ދަންތުރާގައި އަމިއްލަ ފައި ފިތިފަ. ދިވެހީންގެ ތަރައްޤީއަށް އޮތް ހުރަހަކީ ރާއްޖެއަށް އޮތް ކަނޑުކަމުގައި ނުހައްދަވާ.
– މުހައްމަދު ސައީދު
މިސަރުކާރު ވެރިކަމާއި ހަވާޅުވުމަށްފަހު އޭރުގެ ސަރުކާރުން ޗައިނާއައި އެކު ޤާއިމްކޮށްފައިވާ ޚާރިޖީ ސިޔާސަތު ދޫކޮށް ރާއްޖެއިންވަނީ އިންޑީޔާއާއި ގާތް ގުޅުމެއް އުފައްދާފައެވެ. އަދި ގުޅުމުގެ ތެރެއިން އިންޑިޔާގެ ގިނަ އަދަދެއްގެ ސިފައިން ރާއްޖޭގައި ހަރަކާތްތެރިވަމުންދާއިރު މިކަމުގެ ކަންބޮޑުވުން ގިނަބަޔަކު ދަނީ ކުރަމުންނެވެ.
މީގެ އިތުރުން އެމެރިކާއިން މިސަރަހައްދުގައި ހަންފެތުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ ރާއްޖެ އަށް ވަޑައިގެން ދެއްކެވި ވާހަތަކުގައި ޗައިނާއާއިމެދު ނުތަނަވަސްކަން އުފެދޭގޮތަށް ދެއްކެވި ވާހަތަކުންވެސް ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާކަށް ނުރައްކާވުމަކީ ދުރުކަމެއް ނޫންކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ވިދާޅުވެފައެވެ. އަދި މިކަންކަމަކީ މިއަދު އަވަސް ހައްލެއް ބޭނުންވެފައިވާކަމެއްކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ.
ކޮމެންޓު ފޮނުވާ