ސްޕްރީމް ކޯޓަށް 13 އަހަރު: މިދިޔަ އަހަރު 90 މައްސަލަ ނިންމި

ސްޕްރީމް ކޯޓަށް 13 އަހަރު: މިދިޔަ އަހަރު 90 މައްސަލަ ނިންމި

Author
މުޙައްމަދު ޝަޒައިމް
18 ސެޕްޓެމްބަރ 2021 09:24
0

ސްޕްރީމް ކޯޓުން މިދިޔަ އަހަރު ބެލި މައްސަލަތަކުގެ ތެރެއިން 90 މައްސަލައެއް ނިންމައި ހުކުމް ކޮށްފައިވާކަމަށް އެކޯޓުން ބުނެފިައެވެ.

ދިވެހިރާއްޖޭގެ އަދުލު އިންސާފު ގާއިމުކުރުމުގެ އެންމެ މަތީ ކޯޓުގެ ގޮތުގައި އުފެދުނު ސުޕްރީމް ކޯޓަށް 13 އަހަރު ފުރުމުގެ މުނާސަބަތަކުގައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވޭތުވެދިޔަ 13 އަހަރުގެ ތެރޭގައި ރައްޔިތުންނަށް އަދުލުއިންސާފު ލިބިދިނުމުގައި ކާމިޔާބީތަކެއް ހާސިލުކޮށް، މި ދާއިރާ ހަރުދަނާ ކުރުމަށް ސުޕްރީމް ކޯޓުން ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. މި ދާއިރާ ތަރައްގީކޮށް ކުރިއެރުވުމަށް އަދިވެސް ކުރާންހުރި ކަންތައްތައް މަދެއް ނޫނެވެ. މާލީ ގޮތުންނާއި އިންސާނީ ވަސީލަތްތައް ލިބުމުގައި ދަތިތަކެއް ހުރިނަމަވެސް، ލިބެންހުރި މަދު ވަސީލަތްތަކުގެ އެހީގައި މި ދާއިރާ އިސްލާހުކުރުމަށާއި ކުރިއެރުވުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރުމުގައި ހީވާގިކަމާއެކު މަގު ދެއްކުމުގައި ސުޕްރީމް ކޯޓު ދެމިއޮންނާނެއެވެ.

ފާއިތުވެ ދިޔަ ދެ އަހަރަކީ ކޯވިޑް-19 ގެ ބަލިމަޑުކަމާގުޅިގެން މުޅި ދުނިޔެއަށް ބަދަލުތަކެއް ގެނުވި ދެ އަހަރެވެ. އިޤުތިޞާދީ ޙަރަކާތްތަކާއި އިދާރީ އިންތިޒާމުތަކަށް ލޮޅުންއަރައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިކުރުވި ދެ އަހަރެވެ. ގޮންޖެހުންތަކާ އެކުވެސް، ސުޕްރީމް ކޯޓުގެ އަމާޒަކީ މެދުކެނޑުމެއް ނެތި އަވަސްކަމާއި ހަލުވިކަމާއެކު އަދުލު އިންސާފު ފޯރުކޮށްދިނުމުގެ މަސައްކަތުގައި ދެމިތިބުމެވެ.

ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން 2020 ވަނަ އަހަގެ ކުރީކޮޅުން ފެށިގެން އިޖުރާއީ ގޮތުންނާއި އިދާރީގޮތުން ގެނަންޖެހޭ ބަދަލުތައް ދެނެގަނެ ސުޕްރީމް ކޯޓުގެ ޝަރީޢަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށްޓަކައި އީޖާދީ އައު ވަސީލަތްތަކުގެ ބޭނުން ހިފައި، ސުޕްރީމް ކޯޓުގެ ޝަރީޢަތްތައް ދާއިމީ ގޮތެއްގައި ދުރުން ކުރިއަށް ގެންދެވޭނެ އިންތިޒާމު ހަމަޖެއްސިފައި ވެއެވެ. މީގެ އިތުރުންވެސް މި މުއްދަތުގެ ތެރޭގައި ސުޕްރީމް ކޯޓުގެ ޝަރީޢަތްތަކާގުޅޭ ކަންކަން ހަރުދަނާކުރުމަށްޓަކައި އިޖުރާއީ ގޮތުން ގެންނަން ފެނުނު ބަދަލުތައް ދެނެގަނެ އެކަންކަން ހައްލުކުރުމުގެ މަސައްކަތް ކުރެވިފައި ވެއެވެ. އެގޮތުން ކުރެވުނު މަސައްކަތްތަކާއެކު އެ ބަދަލުތައް ސުޕްރީމް ކޯޓުގެ ގަވާއިދުގައި ހިމަނައި ނިމިގެން މިދިޔަ އަހަރުގެ ތެރޭގައި ސުޕްރީމް ކޯޓުގެ އައު ގަވާއިދުވަނީ އާންމުކުރެވިފައެވެ.

ހާމަކަން ބޮޑުގޮތެއްގައި ޝަރީޢަތްތައް ހިންގުމުގެ ސިޔާސަތަކީ 2020 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އަންނަ ސިޔާސަތެކެވެ. މިގޮތުން، 2020 ވަނަ އަހަރުގެ ފެބުރުވަރީ 16 ވަނަ ދުވަހުން ފެށިގެން ސުޕްރީމް ޝަރީޢަތްތަކުގެ އޯޑިއޯ ރެކޯޑިން ވަނީ ޢާންމުކުރަން ފެށިފައެވެ. އަދި ސުޕްރީމް ކޯޓުގެ ޝަރީޢަތްތައް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް 2020 ވަނަ އަހަރުގެ ޖޫން މަހުގެ 02 ވަނަ ދުވަހުން ފަށައި، މި ސިޔާސަތާ އެއްގޮތަށް، ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މާލަމުގައި ބޭއްވޭ ޝަރީޢަތްތައްވެސް ލައިވް ސްޓްރީމް ކުރަން ފަށާފައި ވެއެވެ.

ސުޕްރީމް ކޯޓުގެ ތަފާސްހިސާބަށް ބަލާއިރު، ސުޕްރީމް ކޯޓުގެ 13 ވަނަ އަހަރަކީ އޭގެ ކުރީ އަހަރަށްވެ ކާމިޔާބު އަހަރެކެވެ. 2020 ވަނަ އަހަރުގެ ސެޕްޓެންބަރު 18 އިން މި އަހަރުގެ ސެޕްޓެންބަރު 18 ވަނަ ދުވަހާ ހަމައަށް 225 މައްސަލަ ހުށަހެޅި 121 މައްސަލަ ވަނީ ރަޖިސްޓްރީ ކުރެވިފައެވެ. ނިމިދިޔަ އަހަރުގެ ތެރޭގައި 369 އަޑުއެހުން ބޭއްވިފައިވާއިރު، 90 މައްސަލައެއްގައި ޙުކުމްކުރެވިފައިވެއެވެ.

އޭގެ ކުރީ އަހަރު ޙުކުމްކުރެވުނު އަދަދަށްވުރެ %29 ގެ ކުރިއެރުމެކެވެ. އިންފޮމޭޝަން ޓެކްނޮލޮޖީގެ އައު ތަޞައްވުރާއެކު، ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީސްތައް ހިންގުމުގައި، ކަރުދާސް، އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކޮށްގެން ފަސޭހަކަމާއި ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް ފާއިތުވެގެން މިދިޔަ
އަހަރުގެ ތެރޭގައި ހާސިލުކުރެވުނު މުހިންމު އެއް ކާމިޔާބީއަކީ ޝަރުއީ ދާއިރާގެ ކޭސް ރިޕޯޓަރ އެޕްލިކޭޝަން ތަރައްޤީކޮށް، ސުޕްރީމް ކޯޓު އުފެދުނީއްސުރެ މިއަދާ ހަމައަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތައް އެ އެޕްލިކޭޝަންއަށް އަޕްލޯޑްކޮށް، އެތެރޭގެ ބޭނުންތަކަށް އެ އެޕްލިކޭޝަން ބޭނުންކުރުމުގެ އިންތިޒާމު ހަމަޖެއްސުމެވެ. ކޭސް ރިޕޯޓަރ އެޕްލިކޭޝަންއަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިސްނެގުމަކަށް ފެށުނު ޚާއްޞަ ޕްރޮޖެކްޓެވެ. މި އެޕްލިކޭޝަން ޑިވެލޮޕްކޮށް ތަރައްޤީކުރެވިގެންދިޔައީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ސީދާ ބެއްލެވުމުގެ ދަށުންނެވެ. މި މަސައްކަތަކީ، ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އެހީތެރިކަމާއެކު ކޮށް ނިންމާލެވުނު މަސައްކަތެކެވެ.

މަސައްކަތުގެ ދެވަނަ ފިޔަވަހިނިމިގެންދާއިރު މި އެޕްލިކޭޝަން ބޭނުންކުރުމުގެ އެކްސެސް ޤާނޫނީ ވަކީލުންނާއި ގާނޫނުކިޔަވާ ދަރިވަރުންނަށް ވެސް ހުޅުވައިލެވިގެން
ދާނެއެވެ. މުޅި ދުނިޔެއަށް ކުރިމަތިވެފައިމިވާ ޢާލަމީ ވަބާގެ މި ދަތި ދަނޑިވަޅުގައިވެސް، ސުޕްރީމް ކޯޓަކީ، ފަސޭހަކަމާއެކު އަދުލު އިންސާފަށް ވާޞިލުވެވޭނެ މަގުފަހިވެފައިވާ އަދި ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން ލިބިގެންވާ ތަނެއްގެގޮތުގައި ހަދައި، އަދުލު އިންސާފު ގާއިމުކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދެވި، މިހާ ފުރިހަމަ ނަތީޖާއެއް ޙާޞިލުވެގެން މި ދިޔައީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި މުވައްޒަފުން ހުއްޓުމެއްނެތި ކުރެއްވި މިންނެތް މަސައްކަތާއި ހިތްވަރުންނެވެ. މި މަސައްކަތްތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަނާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި، ޝަރުޢީ ކޯޓުތަކާއި، ދައުލަތުގެ އިދާރާތަކުން ވެދެއްވާ އެހީތެރިކަމާއި އެއްބާރުލެއްވުން ފާހަގަކޮށް އެފަރާތްތަކަށްވެސް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަމެވެ.

ސުޕްރީމް ކޯޓުގެ އަމާޒަކީ، ލިބިފައިވާ މަދު ވަސީލަތްތަކާއެކުވެސް، އެންމެ ފުރިހަމަގޮތުގައި ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމާއި، އަދުލު އިންސާފު ފޯރުކޮށްދިނުމުގައި ނަތީޖާނެރޭ ޒިންމާދާރު މުއައްސަސާއެއްގެގޮތުގައި ސުޕްރީމް ކޯޓު ހަރުދަނާކުރުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.