ހައްޤު މިންވަރު ހޯދުމަށް ސިވިލްސާވަންޓުންވެސް އިހުތިޖާޖަށް

ހައްޤު މިންވަރު ހޯދުމަށް ސިވިލްސާވަންޓުންވެސް އިހުތިޖާޖަށް

Author
މުޙައްމަދު ޝަޒައިމް
16 ސެޕްޓެމްބަރ 2021 07:17
0

ސިވިލްސާވިސް މުވައްޒިފުންނަށް ހައްގުވާ މުސާރަ ހޯދުމަށް، ސިވިލްސާވިސް މުވައްޒިފުން އިހުތިޖާޖަށް ނިކުތުމަށް ތައްޔާރުވާން ފަށައިފިއެވެ.

ސިވިލްސާވިސްގެ ތެރެއިން މިކަމަށް އިސްނަގައިގެން މަސައްކަތް ކުރާ މީހަކު ބުނެފައިވަނީ މިކަމުގައި ހުރިހާ ސިވިލްސާވަންޓުންވެސް ބައިވެރިވާކަމަށެވެ. އަދި މިއީ މުވައްޒިފުންނަށް ހައްގުވާ މިންވަރު ހޯދުމަށް ކުރެވޭ ސުލްހަވެރި އިހުތިޖާޖެއް ކަމަށާއި، އަންނަ އާދީއްތަ ދުވަހު ސިވިލްސާވިސް ހުރިހާ މުވައްޒިފުންވެސް ސަރުކާރަށް މެސެޖެއް ދިނުމަށް މަސައްކަތަށް ނިކުންނާނީ ކަޅު ހެދުމެއްގައި ކަމަށެވެ.

ސިވިލް ސާވެންޓުން ސަރުކާރަށް ކުރާ ޑިމާންޑުތަކުގެ ތެރޭގައި، ދަށް ފަންތީގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާއި، ސެޓްފިކެޓް ހުށަހެޅުމުން ވަޒީފާގެ ކުރިއެރުން ލިބޭގޮތް ހެދުމާއި، މިނިމަމް ވޭޖު އަވަސްކޮށްދިނުމާއި، ސްކޫލުތަކުގެ އިދާރީ މުވައްޒަފުންނަށް އިތުރު އެލަވަންސެއް ހަމަޖައްސައިދިނުމުގެ އިތުރުން ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ލިބޭ ގޮތަށް ސިވިލް ސާވެންޓުންނަށްވެސް ލިވިން އެލަވަންސް ލިބޭނެ ގޮތެއް ހެދުމަށް ޑިމާޑްތަކުގެ ތެރޭގައި ހިމެނެއެވެ.

ސިވިލް ސަރވިސްގައި މަސައްކަތްކުރާ 22378 މުވައްޒަފުންނަކީ އަސާސީ މުސާރައިގެ ގޮތުގައި 6400 ރުފިޔާއަށްވުރެ ދަށް މުސާރައެއް ލިބޭ މީހުން ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރުވަނީ ވިދާޅުވެފައެވެ. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއިން ފޮނުވާފައިވާ މިނިމަމް ވޭޖް ރިޕޯޓާ ގުޅޭގޮތުން ލަފާ ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީން މިދިޔަ އަހަރު މިނިސްޓަރ އޮފް ފިނޭންސްއާއެކު ބޭއްވި ބައްދަލުވުމުގައި މިނިސްޓަރ އަމީރު ވިދާޅުވީ މިނިމަމް ވޭޖެއް ކަނޑައެޅުމުން ސަރުކާރު މުވައްޒަފުންގެ މުސާރައާއި ޕެންޝަނަށް ކުރާ ހޭދަ 3.7 ބިލިއަން ރުފިޔާއަށް އިތުރުވެގެންދާކަމަށެވެ.

ސިވިލް ސަރވިސްގައި މަސައްކަތްކުރާ 44838 މުވައްޒަފުންގެ ތެރެއިން އަސާސީ މުސާރައިގެ ގޮތުގައި 6400 ރުފިޔާއަށް ވުރެ ބޮޑު މުސާރައެއް ލިބެނީ 478 މީހުންނަށްކަމަށެވެ. އެއީ ޕަބްލިކް ސަރވިސްގެ ލެވަލް 7 އަށްވުރެ މަތީގެ ވަޒީފާތަކެވެ. ސިވިލް ސާވެންޓުންގެ ގޮތުގައި މި ވަގުތު 26،668 މުވައްޒަފުން އެބަތިއްބެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނެވެ. އެއީ 16،593 އެވެ.

ސިވިލްސާވަންޓުން ހައްގުވާ މުސާރަ ހޯދުމަށް އިހުތިޖާޖަށް ނިކުތުމަށް ތައްޔާރު ވެފައިވާއިރު، ޕައިލެޓުންގެ މުސާރަ އަދި ޑޮކްޓަރުންނާއި ނަރުހުންނަށް ވަޒީފާގެ ކުރިއެރުން ނުލިބި ލަސްވަމުންދާތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ބައްދަލުކުރައްވާފައިވެއެވެ. އެ މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ރައީސް ވަނީ ދެއްވައިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.