އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމުގެ މަޤާމަށް އިއްތިޚާބު ކޮށްފައިވާ ފުއާދު ތައުފީގުގެ އިޚްލާސްތެރިކަމާއިމެދު އެއްވެސް ސުވާލެއް ނެތްކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމަށް ފުއާދު އިންތިޚާބު ވުމުން މަރުހަބާ ވިދާޅުވެ ކުރެއްވި ޓްވީޓުގައި ރައީސް ނަޝީދު ވިދާޅުވީ ފުއާދު ތައުފީޤަކީ އިޚްލާތެރި ކަމާއިމެދު ސުވާލު އުފެދޭނެ ޖާގަ އޮތް ބޭފުޅެއް ނޫނަކަށެވެ. މިނިވަންކަމާއި އަދުލުވެރި ކަމާއިއެކު އިންތިޚާބު ބޭއްވުމަކީ މުހިންމު ކަމެއްކަން ފާހަގަކޮށް ރައީސް ނަޝީދު ވަނީ ފުއާދުގެ ރައީސްކަމުގައި މިކަން އިންސާފުވެރި ކަމާއިއެކު ކުރިއަށްދާނެކަމީ ޔަގީގް ކުރައްވާ ކަމެއްކަމަށެވެ.
Congratulations @FuadThaufeeq on becoming ?? Elections Commissioner. I have no doubt in your honesty and intergrity. Free and fair elections are paramount for our democracy, prosperity and justice.
— Mohamed Nasheed (@MohamedNasheed) September 16, 2021
އިލެކްޝަންސް ކޮމިޝަންސްގެ ރައީސްކަމަށް ފުއާދު އިންތިޚާބު ކޮށްފައިވަނީ އެކޮމިޝަނުގެ މެންބަރުންގެ އިއްތިފާގުންނެވެ. އެކޮމިޝަނުގެ ރައީސްގެ މަގާމު މިދިޔަ ޖޫން މަހު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި އަޙްމަދު ޝަރީފް އިސްތިއުފާ ދެއްވުމުންނެވެ. އޭގެ ފަހުން ކޮމިޝަން ހިންގެވުމާ ޙަވާލުވެވަޑައިގެން ހުންނެވީ ނައިބު ރައީސް އިސްމާއިލް ހަބީބެވެ.
އިންތިޤާލީ މަރުހަލާގައި އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަންވެސް ކުރައްވާފައިވާ ފުވާދު ތަޢުފީޤްވަނީ 2009ވަނަ އަހަރުގެ ނޮވެންބަރު މަހުން ފެށިގެން 2014ވަނަ އަހަރުގެ މާޗްމަހާ ހަމައަށް އެކޮމިޝަނުގެ ރައީސްކަން ކުރައްވާފައެވެ. އޭގެފަހުން އެކޮމިޝަންގެ ރައީސް ކަމުން ފުވާދު ވަކިކުރީ ސުޕްރީމް ކޯޓުން އަމިއްލައަށް އިސްނަންގަވައިގެން މައްސަލައެއް ބަލައި އިއްވި ހުކުމަކަށް ފަަހުއެވެ. އެފަހަރު، ސުޕްރީމް ކޯޓުގެ އަމުރަށް ނުކިޔަމަންތެރިވިކަމަށް ކަނޑައަޅައި އޭނާގެ މައްޗަށް ހަމަސް ދުވަހުގެ ޖަލު ހުކުމެއް ވެސް އިއްވިއެވެ. އަދި ފުވާދުގެ މެމްބަރު ކަމުގެ ޝަރުތު ގެއްލިއްޖެކަމަށް ވެސް ކޯޓުން ކަނޑައެޅިއެވެ. ނަމަވެސް ޖަލުޙުކުމް ތަންފީޒު ކުރައްވާކަށް ޖެހިވަޑައެއް ނުގަތެވެ.