ވެރިކަން ލިބުމުން ޕާޓީތެރެއިން މަޤާމުތައް ބެއްސެވިއިރު، ފައިސާކޮޅު އަބުރާ ނުދިންތަނުގައި، އަނބިކަނބަލުން ދިޔާނާގެ ނަންފުޅު ފޮނުއްވަންވެސް ހަނދުމަނެތުމަކީ ހިތާމަކުރައްވާކަމެއްކަމުގައި ޑީއާރުޕީގެ ލީޑަރު ޗެއާމަން އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
މަޖިލިސް އިންތިޚާބާއި، ރިޔާސީ ކެމްޕެއިނަށް ޖާބިރު އަތުން ރައީސް މައުމޫން ނަންގަވާފައިވާކަމަށް ވިދާޅުވާ 29 މިލިޔަން ރުފިޔާގެ މައްސަލާގައި ޖާބިރު ވިދާޅުވީ ފައިސާކޮޅު ލިބުމުން ރައީސް ޔާމީންގެ ވެރިކަން ނިންމައި، މިއަދު ވެރިކަމުގެ ކޯލިޝަންގައި ހުރެވޭ ހުރުމަކީ އޭނާގެ މަސައްކަތުން ރައީސް މައުމުނަށް ހުރެވޭ ހުރެވުމެއްކަމަށެވެ. ރައީސް މައުމޫ ވިދާޅުވެގެން މެލޭޝިއާގެ ޑަބަލް ޑްރީ ހޮޓެލްގައި ރައީސް މައުމޫންގެ ދަރިކަލުންނާއިއެކު ވެފައިވާ އެއްބަސްވުމަށް 29 މިލިޔަން ރުފިޔާ ދީފައިވަނީ ފަހުން ދޭގޮތަށް ކަމަށް ޖާބިރު ވިދާޅުވިއެވެ.
އަދި މިއަދު ފައިސާ އަބުރާ ނުދެވުނު ތަނުގައި ވެރިކަން ލިބި މަޤާމުތައް ބެހިއިރު، އެއްވެސް ޑިމޮކްރަޓިކް ކަމެއްގައި ނޫޅުއްވާ ބޭފުޅުންނަށް ބޮޑެތި މަޤާމުތައް ބެއްސެވިއިރު، އަނބިކަނބަލުން ދިޔާނާގެ ނަން ފޮނުއްވަން ނޭގުމަކީވެސް ހިތާމަކުރައްވާކަމެއްކަމަށެވެ. މިއަދު ދައުލަތުން ބޮޑު ޕަސެންޓެއް ރައީސް މައޫނަށް ލިބިފައިވަނީ ޖާބިރުގެ މަސައްކަތުންކަމަށް އޭނާ ވިދާޅުވިއެވެ.
މިއަދު ރައީސް މައުމޫނަށް ލިބުނުބައި ބަހާލީ މަގުމަތިން ނަގާފައި ތިބި މީހުންނަށް. އެއްވެސް ޑިމޮކްރަޓިކް ކަމެއްގައި އުޅެފައި ތިބި ބައެއްނޫން. އެމަޤާމުތަކަށް މީހުން ލީއިރު ދިޔާނާ ސައީދުގެ ނަންވެސް މަނިކުފާނުގެ ހިތްޕުޅުގައި އޮންނަންވާނެކަމަށް އަޅުގަނޑު ދެކުނީ. އަޅުގަނޑުމެން ބޭނުންވާކަންވެސް އޮތްތޯ އަހާލަން އެންމެ ރަނގަޅެއްނޫންތޯ؟ މިއަދު ފައިސާކޮޅުނުދީ މޯގޭޖްކުރި ގެވެސް އެއީ މޯގޭޖް ނުކުރާ އެއްޗަކަށް ހަދައި، އިތުރުފުޅު ހައްދަވާ ބޭފުޅެއްކަމަށް އަޅުގަނޑު ރައީސް މައުމޫން ނުދެކެން.
ޖާބިރު ވިދާޅުވީ އޭނާ އަތުން ނެގި ފައިސާކޮޅުގެ ބަދަލުގައި މޯގޭޖްކުރި ގެވެސް އެއީ މޯގޭޖްކުރި ތަނަކަށް ނުވިކަމަށެވެ. އަދި މިއަދު ފައިސާވެސް ނުލިބި އެއްވެސް ކަމެއް ބަދަލުގެ ގޮތުގައި ނުލިބުމުން މިކަން އަދި މިހިސާބުން ދޫކޮށް ނުލާނެކަމަށެވެ. އަދި މިހާރު އަމާޒު ހުރީ މަޖިލީހުގެ ރައީސްކަމަށް އައުމަށް ކަމަށާއި، އެކަން ވަރަށް އަވަހަށް ކުރައްވާނެކަމަށް ޖާބިރުވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ