އިންޓަރގްރޭޓެޑް ޓްރާންސްޕޯޓް މެނޭޖްމަންޓެއް ގާއިމްކޮށް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އިން ރާއްޖޭގައި އޮޕަރޭޓްކުރަމުންދާ ޕަބްލިކް ޓްރާންސްޕޯޓް ހިދުމަތްތަކުން އޮޓޮމެޓިކްކޮށް ފީ ނެގޭނެ ސިސްޓަމެއް ގާއިމް ކުރުމަށް ބޭންކް އޮފް މޯލްޑިވްސް އިން މާސްޓަރކާޑާއި އެމް.ޓީ.ސީ.ސީ އާއެކު އެމް.އޯ.ޔޫ އެއްގައި މިއަދު ސޮއިކޮށްފިއެވެ.
މިއީ ދުނިޔޭގެ ތަރައްގީވެފައިވާ ސިޓީތަކުގައި ދަތުރު ކުރުމުގެ ނިޒާމަށް ފަސޭހަ ބަދަލުތަކެއް ހޯދައިދިނުމަށް މާސްޓަރކާޑުން ހިންގާ 'ސްމާޓް ސިޓީސް' ޕްރޮޖެކްޓްގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓެކެެވެ. މި ޕްރޮޖެކްޓްގެ ދަށުން ބަސް އަދި ފެރީ ނެޓްވޯކްގައި ކޮންޓެކްޓްލެސް އަދި ޑިޖިޓަލް ޕޭމަންޓްގެ ހިދުމަތް ތައާރަފް ކުރެވި ދަތުރުވެރިންނަށް ދަތުރު ކުރުމުގައި ފަސޭހަތައް ހޯދައިދެވި، ހިދުމަތްދޭ ފަރާތްތަކަށް ހަރަދު ކުޑަކޮށް ހިދުމަތް ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.
މި ޕްރޮޖެކްޓާ ގުޅޭ ގޮތުން ބީއެމްއެލް ގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ " ކަސްޓަމަރުންނަށް ލުއިފަސޭހަ އަދި ކަސްޓަމަރުން ބޭނުންވާފަދަ އީޖާދީ މަސައްކަތްތަކަށް އިންވެސްޓް ކުރުމަކީ އަޅުގަނޑުމެންގެ ވިޔަފާރީގެ މުހިންމު ބަޔެއް. މާސްޓަރކާޑާއި އެމް.ޓީ.ސީ.ސީ އާ ގުޅިގެން މި ޕްރޮޖެކްޓް ކުރިއަށް ގެންދެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. މި ޕްރޮޖެކްޓް މެދުވެރިކޮށް އަޅުގަނޑުމެންގެ ޑިޖިޓަލް ކާޑު އަދި މޯބައިލް ޕޭމަންޓް ސޮލިއުޝަން ޕަބްލިކް ޓްރާންސްޕޯޓް ސިނާއަތާ ގުޅާލެވިގެންދާނެ."
މިކަމާ ގުޅޭގޮތުން މާސްޓަރކާޑުގެ ކަންޓްރީ މެނޭޖަރ، ސްރީލަންކާ އެންޑް މޯލްޑިވްސް، ރާޖޭޝް މަނީ ވިދާޅުވީ " ދިވެހި ސަރުކަރާއެކު އަލުން ޕްރޮޖެކްޓެއްގައި ބައިވެރިވެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. މިފަހަރު މި ތައާރަފް ކުރެވެނީ އަޅުގަނޑުމެންގެ އޯޕަން ލޫޕް މާސްޓަރކާޑު ޓްރާންސިޓް ސޮލިއުޝަންޝް ސިސްޓަމް. މީގެ ސަބަބުން ހިދުމަތްދޭ ފަރާތަަށް ހަރަދުތައް ކުޑަކުރެވޭނެ. އަދި ހަމައެހެންމެ ދަތުރުވެރިންނަށް ވަރަށް ބޮޑު ލުއި ފަސޭހަކަމެއް ހޯދައިދެވޭނެ. މި ޕްރޮގްރާމް މެދުވެރިކޮށް މާސްޓަރކާޑުން ދުނިޔޭގެ 150 ސިޓީއެއްގައި ދަތުރުވެރިންގެ ކޮންމެ ދުވަހެއްގެ ދަތުރުތަކަށް މިދަނީ ލުއިފަސޭހަކަށް ފޯރުކޮށްދެމުން. އަޅުގަނޑުމެންނަށް އަޅުގަނޑުމެންނަށް ލިބިފައިވާ މިފަދަ ގިނަގުނަ ތަޖުރިބާ އާއެކު ދިވެހި ސަރުކާރާ ގުޅިގެން ރާއްޖޭގައި ޑިޖިޓަލްކޮށް ހިދުމަތް ދިނުމުގެ ސްރެޓަޖީގެ ލަނޑުދަނޑި ހާސިލްކުރުމަށް ހިއްސާވެވޭ ކަމީ އަޅުގަނޑުމެންނަށް ލިބޭ ފަޚްރެއް."
މީގެ އިތުރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ "ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަކަމެއް ހޯދައިދިނުމަށް ބީއެމްއެލް އާއި މާސްޓަރކާޑާއެކު މި އެއްބަސްމުގައި ބައިވެރިވެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. ފާއިތުވެދިޔަ އަހަރު ފެނިގެން ގޮސްފައިވަނީ އީޖާދީ އަދި ކޮންޓެކްޓްލެސް ޕޭމަންޓްގެ ހިދުމަތް އިހުނަށް ވުރެ މުހިންމުކަން. މި ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދާނީ ރައްކާތެރި ފަސޭހަ ހިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް. މި ހިދުމަތުގެ ސަބަބުން ޕަބްލިކް ޓްރާންސްޕޯޓް ހިދުމަތް ހޯދުމަށް ލުއިފަސޭހަވެގެންދާނެ."
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 73 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 134 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.