އެމެރިކާގެ އެފްބީއައި އިން އާންމު ކޮށްފައިވާ ހައްޤާނީގެ ފޯޓޯތައް

އެމެރިކާއިން ހޯދަމުންދާ، "ޓެރަރިސްޓެއް" އަފްއާނިސްތާންގެ އިންޓީރިއަރ މިނިސްޓަރަކަށް

އެމެރިކާއިން ހޯދަމުންދާ، "ޓެރަރިސްޓެއް" އަފްއާނިސްތާންގެ އިންޓީރިއަރ މިނިސްޓަރަކަށް

އޭނާގެ ބޮލަށް 10 މިލިއަން ޑޮލަރުގެ އިނާމެއް ހުށަހަޅާފައިވާ، އެމެރިކާއިން ޓެރަރިސްޓެއްގެ ގޮތުގައި ކަޑައަޅާ، ހޯދަމުންދާ، ސިރާޖުއްދީން ހައްގާނީ އަކީ، ތާލިބާން ޖަމާއަތުން އުފެއްދި އިސްލާމިކް އެމިރޭޓްސް އިންޓީރިއަރ މިނިސްޓަރަކަށް ހަމަޖައްސައިފިއެވެ.

މިގޮތުން، ތާލިބާން ޖަމާއަތުން އިއުލާންކުރި ސަރުކާރުގައި، އެމެރިކާއިން ޓަރަރިސްޓް ޖަމާއަތެއްގެ ގޮތުގައި އިއުލާން ކޮށްފައިވާ ހައްޤާނީ ނެޓްވާކުގެ އިސް ދެބޭފުޅަކުވަނީ ހިމަނާފައެވެ. މީގެ ތެރޭގައި ހިމެނެނީ، ހައްޤާނީ ނެޓްވާކްގެ ލީޑަރު، ސިރާޖުއްދީން ހައްގާނީއާއި، އޭނާގެ ބޮޑު ބޭބެ ކަމުގައިވާ ޚަލީލް ހައްޤާނީއެވެ. މީގެތެރެއިން އެމެރިކާން އޭނާގެ ބޮލަށް 10 މިލިއަން ޑޮލަރުގެ އިނާމެއް ކަނޑައަޅާފައިވާ، ހައްޤާނީ ނެޓްވާކުގެ ލީޑަރު ސިރާޖުއްދީން ހައްޤާނީ ތާލިބާން ޖަމާއަތުގެ ސަރުކާރުގެ އިންޓީރިއަރ މިނިސްޓަރަކަށް އައްޔަން ކޮށްފައިވާއިރު، ޚަލީލް ހައްޤާނީ އައްޔަން ކޮށްފައިވަނީ، ރެފިއުޖީންނާ ބެހޭ މިނިސްޓަރަކަށެވެ.

މި ދެބޭފުޅުންނަކީވެސް، އެމެރިކާއާއި އަދި ޔޫއެންއިން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވަ ދެބޭފުޅުންނެވެ.

ތާލިބާން ޖަމާއަތުގެ ތަރުޖަމާން ވަނީ، އެޖަމާއަތުން އެކުލަވާލާ ސަރުކާރުގެ ވަގުތީ ލީޑަރަކީ، އެޖަމާއަތުގެ އެއް ބާނީ ކަމުގައިވާ، މުހައްމަދު ހަސަން އަޚުންދުކަންވެސް އިއުލާން ކުރައްވާފައެވެ. އަދި އޭނާގެ ދަށުން، އެޖަމާއަތުން އިއުލާންކުރި އިސްލާމިކް އެމިރޭޓްގެ ޑެޕިއުޓީ ލީޑަރަކީ، އަބުދުލް ޢަނީ ބަރާދަރުކަން އިއުލާން ކުރައްވާ އަދި މި ދެބޭފުޅުންގެ ދަށުން ކެބިނެޓްގެ މުހިންމު މަގާމްތައްވެސް ވަނީ ހާމަ ކުރައްވާފައެވެ. މިގޮތުން ތާލިބާން ޖަމާއަތުން އުފައްދާ އިސްލާމިކް އެމިރޭޓްގެ ފުރަތަމަ ކެބިނެޓްގައި ހިމެނޭ ގިނަ މޫނުތަކަކީ، ފާއިތުވެދިޔަ 20 އަހަރު އެމެރިކާއާއި ދެކޮޅަށް އަފްއާނިސްތާނުގައި ހަގުރާމަ ކުރަމުންދިޔަ އިސް ފަރާތްތައްކަން ފާހަގަ ކޮށްލެވެއެވެ.

ތާލިބާން ޖަމާއަތުން އިއުލާންކުރި އާ ކެބިނެޓްގެ މުހިންމު މަގާމްތަކުގެ ތެރޭގައި ޑިފެންސް މިނިސްޓަރަކަށް ހަމަޖައްސާފައިވަނީ، ތާލިބާން ޖަމާއަތުގެ އެއް ބާނީ ކަމުގައިވާ މުއްލާ އުމަރުގެ ދަރިފުޅު މުއްލާ މުހައްމަދު ޔައުގޫބުއެވެ.

މީގެ އިތުރަށް، ތާލިބާން ޖަމާއަތުން އަލަށް އުފައްދާ އިސްލާމިކް އެމިރޭޓްގެ ވަގުތީ މާލީ ވަޒީރަކަށް ހަމަޖައްސަވާފައިވަނީ، ހިދާޔަތުﷲ ބަދުރީއެވެ.

އަފްއާނިސްތާނުގެ އާ ސަރުކާރުގެ ކެބިނެޓް އިއުލާން ކުރައްވަމުން، ތާލިބާން ޖަމާއަތުގެ ތަރުޖަމާން މުޖާހިދު ވިދާޅުވެފައިވަނީ، މިހާރު އިއުލާން ކުރެވިގެން މިދަނީ ވަގުތީ ކެބިނެޓެއް ކަމަށާއި، އެޖަމާއަތުން ކުރިޔަށް އޮތްތަނުގައި އަފްއާނިސްތާނުގެ އެހެން ހިސާބުތަކުން މީހުން، ސަރުކާރުގެ މުހިންމު މަގާމްތަކަށް އިސް ކުރާނެ ކަމުގައެވެ.

ތާލިބާން ޖަމާއަތުން އިއުލާން ކޮށްފައިވާ ކެބިނެޓްގައި އަންހެނުންނާ ބެހޭ ވުޒާރާއެއް ހިމަނާފައި ނުވާއިރު،  ކެބިނެޓްގައިވެސް އެއްވެސް ހަންހެނަކު ނުހިމެނޭކަންވެސް ފާހަގަ ކޮށްލެވެއެވެ. އެޖަމާއަތުގެ ތަރުޖަމާން މުޖާހިދު ވިދާޅުވެފައިވަނީ، ކެބިނެޓްގައި އަންހެން ކަނބަލަކު ހިމެނުމާ ބެހޭގޮތުން ފަހުން އަދި ގޮތެއް ނިންމިގެންދާނެ ކަމުގައެވެ.

ތާލިބާން ޖަމާއަތުން މިރޭ އަފްއާނިސްތާންގެ އަ ސަރުކާރު އިއުލާން ކޮށްފައިވާއިރު، އެ ޖަމާއަތުގެ ލީޑަރު މުއްލާ ހައިބަތުﷲ އަޚުންޒާދާ އާ ސަރުކާރުގައި އަދާ ކުރާނޭ ދައުރެއް އަދި މީޑިއާތަކަށް ސާފުވެފައެއް ނުވެއެވެ. އަދި ތާލިބާން ޖަމާއަތުން އަފްއާނިސްތާން އެ ޖަމާއަތުގެ ބާރުގެ ދަށަށް ގެނެސް، ވެރިރަށް ކާބުލް ހިފުމަށްފަހު، މުއްލާ ހައިބަތުﷲ އަޚުންޒާދާ އާންމުންގެ ތެރެއިން ފެނިފައެއް ނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *