ހުޅުމާލޭ ފޭސް އެކެއްގެ އެޕާޓްމަންޓެއްގެ ތެރޭގައި ހަމަނުޖެހުން ހިންގި މައްސަލައެއްގައި ހަތަރު ދިވެއްސަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުންނަށް ލިބުނު ރިޕޯޓަކާ ގުޅިގެން މިއަދު (27 ޖޫން 2026) ހެނދުނު 6:05 ހާއިރު ފުލުހުން ވަނީ އެ އެޕާޓްމަންޓަށް ގޮސް ހަރަކާތްތެރިވާން ފަށާފައެވެ. މި މައްސަލައާ ގުޅިގެން ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރުންނާއި ސީން އޮފް ކްރައިމް އޮފިސަރުން އެތަން ބަލައި ފާސްކުރިއިރު، މައްސަލައިގެ ތަހުގީގަށް ބޭނުންވާ މުހިންމު ހެކިތަކެއް ވަނީ ހޯދާފައެވެ. އޭގެ ތެރޭގައި ބަނގުރާ ހުސްކޮށްފައިވާ ކަމަށް ބެލެވޭ ފުޅިތަކެއް ފެނިފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި ހަމަނުޖެހުމާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 26 އަހަރާއި 29 އަހަރުގެ ދެ އަންހެނުންނާއި، 34 އަހަރާއި 24 އަހަރުގެ ދެ ފިރިހެނުންނެވެ. މި އެންމެންނަކީވެސް ދިވެހިންނެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ