ރައްޔިތުންގެ މަޖިލީހުން މިދިޔަ ހަފުތާގައި ބޭރު ފައިސާގެ ގާނޫނަށް ގެނައި އިސްލާހާ އެކު، ރިސޯޓު މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުން ހުއްޓާލަން އުޅޭ ކަމުގެ އަޑުތައް ފެތުރި، މުވައްޒަފުންގެ މެދުގައި ވަނީ ކަންބޮޑުވުން އުފެދިފަ އެވެ. ނަމަވެސް، އެ ގާނޫނުގައި ރިސޯޓު މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.
އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާ އެ އިސްލާހުގެ ދަށުން، ރިސޯޓުތަކާއި ގެސްޓް ހައުސްތައް ހިމެނޭހެން ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން، ކޮންމެ މަހަކު އާމްދަނީގެ 40 ޕަސެންޓު ބޭންކުތަކަށް މާރުކުރަން ޖެހޭނެ އެވެ. މީގެ ކުރިން އޮތް ގޮތުން، ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު ނުވަތަ އާމްދަނީގެ 20 ޕަސެންޓު މާރުކުރުމުގެ އިހުތިޔާރު ރިސޯޓުތަކަށް ލިބިގެންވެ އެވެ.
ޑޮލަރުގެ ކަޅުބާޒާރު ހުއްޓުވައި، ޑޮލަރު ލިބުމުގައި ދިމާވެފައިވާ ދަތިކަން ހައްލުކުރުމަށްޓަކައި މަރުކަޒީ ބޭންކުން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އޭގެ ތެރޭގައި، ބޭންކުތަކަށް ޑޮލަރު މާރުނުކުރާ ރިސޯޓުތަކުގެ ނަން ޢާއްމުކުރުމާއި ގަވާއިދާ ހިލާފުވި އެކްސްޗޭންޖަރެއް ބަންދުކުރުން ހިމެނެ އެވެ.
އެހެންނަމަވެސް، ރިސޯޓު ވިޔަފާރިވެރިންގެ ޖަމިއްޔާ، މަޓީން ވަނީ 40 ޕަސެންޓު މާރުކުރުމަކީ އެ ސިނާއަތަށް ތަހައްމަލު ކުރެވޭނެ މިންވަރެއް ނޫން ކަމަށް ބުނެފަ އެވެ. ސަބަބެއް ކަމަށް ފާހަގަކުރީ ތެލާއި، މުސާރަ އާއި، ޓެކްސްތަކާއި، ކުއްޔާއި، ބޭރު ފައިސާ އިން ދައްކަންޖެހޭ ލޯނުތައް ފަދަ ބޮޑެތި ހަރަދުތައް ޑޮލަރުން ކުރަން ޖެހުމެވެ.
ދިވެހި ފައިސާގެ ޑިމާންޑް މަތިކުރުމުގެ ބޭނުމުގައި، 2030 ވަނަ އަހަރުގެ ނިޔަލަށް މުސާރަތައް ވެސް ރުފިޔާއިން ދޭ ގޮތަށް ބަދަލުކުރަން ޖެހޭ ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ދާދި ފަހުން ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް، އެ ބަދަލު ގެންނާނީ ބޭނުންވާ މެކްރޯ އިސްލާހުތައް ތަންފީޒުކޮށް، އިގުތިސާދަށް އަންނަ ބަދަލުތައް ދިރާސާކުރުމަށް ފަހު ކަމަށް އެ އޮތޯރިޓީން ބުނެ އެވެ.
ކޮމެންޓު ފޮނުވާ