މައިންބަފައިންނަށް ކިޔަމަންވުމަކީ ޢުމުރު ދިގުވެ، ބަރަކާތް ލިބޭ ސަބަބެއް: ހުކުރު ޚުޠުބާ

މައިންބަފައިންނަށް ކިޔަމަންވުމަކީ ޢުމުރު ދިގުވެ، ބަރަކާތް ލިބޭ ސަބަބެއް: ހުކުރު ޚުޠުބާ

Author
އަހުމަދު
28 އޮގަސްޓް 2026 02:38
0

މައިންބަފައިންނަށް އިޙުސާންތެރިވެ، އެބައިމީހުންގެ ރުހުން ހޯދުމަކީ ދުނިޔޭގައި ކުރިމަތިވާ ތަކުލީފުތަކުން ސަލާމަތްވެ، ޢުމުރުގައި ބަރަކާތް ލެއްވުމުގެ މަގެއް ކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

"މުޖުތަމަޢު އިޞްލާޙުކުރުން، އެންމެންގެ ޒިންމާ" މި މައުޟޫޢުގައި ދެއްވި ޚުޠުބާގައި ވަނީ، މުސްކުޅި މައިންބަފައިންނަށް އަޅައިނުލައި، އެބައިމީހުންނަށް އުރެދުމުގެ އާދަ މުޖުތަމަޢުގައި ފެތުރެމުންދާ ދިޔުމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. މައިންބަފައިންނަށް އިޙުސާންތެރިވުމަށް ﷲ ތަޢާލާ ޤުރުއާނުގައި ތަކުރާރުކޮށް އަމުރުކުރައްވާފައިވާކަން ފާހަގަކުރައްވައި، އެއީ ސުވަރުގެ ވަނުމަށް އޮތް އެންމެ ފަހި މަގުކަމުގައި ބަޔާންކުރެއްވިއެވެ.

ހަމައެއާއެކު، ނަމާދަށްފަހު މިސްކިތްދޮށަށް އެއްވެތިބެ ޣީބަބުނުމާއި، މީހުންގެ އަބުރާ ބެހުމާއި، ޒުވާބުކުރުމަކީ ނަމާދުން ލިބުނު ރޫޙާނީ ފައިދާ ގެއްލޭ ކަމެއްކަން ޚުޠުބާގައި ވަނީ ހަނދާންކޮށްދީފައެވެ.

ވިޔަފާރީގެ މުޢާމަލާތްތަކުގައި ތެދުވެރިވުމަކީ ވެސް އަޅުކަމެއްކަން ފާހަގަކުރައްވައި، މަކަރާއި ޙީލަތުން މުދާ ހޯދުމާއި، ޒަކާތް ނުދައްކައި މުދާ އެއްކުރުމަކީ ބަރަކާތް ކެނޑޭނެ ކަމެއް ކަމުގައި ޚުޠުބާގައި ބުނެފައިވެއެވެ. އަދި ޙަރާމް ފައިސާއިން އަނބިދަރިންނަށް ޚަރަދުކުރާ މީހުންނަށް އިންޒާރު ދެއްވަމުން، އެފަދަ ތަކެތި ކައިގެން ބޮޑުވާ ހަށިގަނޑުތަކަށް ޙައްޤުވެގެންވަނީ ނަރަކަކަން ކީރިތި ރަސޫލާ ޙަދީޘްކުރައްވާފައިވާކަން ހަނދާންކޮށްދެއްވިއެވެ.

ނިންމާލައްވަމުން، ﷲ ދެއްވި ނިޢުމަތްތަކަށް ޝުކުރުވެރިވެ، ފާޙިޝް ޢަމަލުތަކުން ދުރުހެލިވުމަށް ހުރިހާ އެންމެންނަށް ޚުޠުބާގައި ވަނީ ގޮވާލައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.