ބީއެމްއެލްގެ ހައުސިންގ މަޝްރޫޢަށް އިތުރު 710 ފްލެޓް އިތުރުކޮށް، ޖުމްލަ 4000 އަށް

ބީއެމްއެލްގެ ހައުސިންގ މަޝްރޫޢަށް އިތުރު 710 ފްލެޓް އިތުރުކޮށް، ޖުމްލަ 4000 އަށް

Author
އަހުމަދު
27 ޖޫން 2026 04:43
0

ސަރުކާރުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ ގުޅިގެން ކުރިއަށްގެންދާ އެފޯޑަބަލް ހައުސިންގ މަޝްރޫޢުގެ ދަށުން، އިތުރު 710 ޔުނިޓް އިމާރާތްކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހާމަކުރެއްވި ގޮތުގައި، އަލަށް އިތުރުކުރެވުނު ޔުނިޓްތަކާއެކު މި މަޝްރޫޢުގެ ދަށުން ޖުމްލަ 4،000 އެއްހާ ފްލެޓް އިމާރާތްކުރެވޭނެއެވެ. ކުރިން ބީއެމްއެލްއާ ހަވާލުކޮށްފައިވަނީ 3،260 ޔުނިޓް އެޅުމަށެވެ. އަދި އަލަށް އިތުރުކުރި ޔުނިޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ހުޅުމާލޭގެ ދެ ފިޔަވައްސެއްގައާއި ވިލިމާލޭގައި ފްލެޓްތައް އެޅުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގައި އަޅާ 1،224 ޔުނިޓާއި، ވިލިމާލޭގައި އަޅާ 300 ޔުނިޓުގެ ބިންގާ މިހާރު ވަނީ އަޅާފައެވެ.

ތިން ކޮޓަރީގެ މި ފްލެޓްތަކަކީ މަހަކު 60،000 ރުފިޔާއަށްވުރެ ދަށް އާމްދަނީއެއް ލިބޭ މީހުންނަށް އަމާޒުކޮށްގެން، ކުލި ދައްކަމުން ގޮސް މިލްކުކުރެވޭ "ރެންޓް ޓު އޯން" އުސޫލުން ދޫކުރާނެ ތަންތަނެވެ. މުންދު ވިދާޅުވި ގޮތުގައި އެއް މަޝްރޫޢު ފިޔަވައި އެހެން ހުރިހާ ތަނެއްގެ ޑިޒައިން މަސައްކަތް ނިމި، އަމަލީ މަސައްކަތް ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ. ބީއެމްއެލްއިން ލަފާކުރާ ގޮތުގައި 2028 ވަނަ އަހަރުގެ މެދުތެރޭގައި މި ފްލެޓްތަކުގެ މަސައްކަތް އެއްކޮށް ނިމި، ރައްޔިތުންނަށް އެތަންތަނަށް ވަދެވޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.