ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އާމިނަތު ރޫނާ، އޭނާ އެކަހެރިކޮށް ބަންދުކޮށްފައި ހުރި ގޮޅީގައި ފާހާނާއެއް ނުހުންނަ ކަމަށް ކޯޓުގައި ބުނެފިއެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުން މިއަދު ވަނީ ކ. ތުލުސްދޫ، ބިޖިލީއުފާ، އުމުރުން 29 އަހަރުގެ ރޫނާގެ ބަންދަށް 20 ދުވަސް އިތުރުކޮށްފައެވެ. އަދި އޭނާއާއެކު މި މައްސަލައިގައި ދެން ހައްޔަރުކުރި ކ. މާލެ، ގ. މުތީގެއާގެ، އުމުރުން 25 އަހަރުގެ އަލްޔާ ޝަރްސާ ނަސީރުގެ ބަންދަށް ވަނީ 10 ދުވަސް އިތުރުކޮށްފައެވެ.
ކޯޓު އަމުރުގައިވާ ގޮތުން، ރޫނާ ވަނީ ގޮޅީގައި ފާހާނާއެއް ނެތުމުގެ ޝަކުވާގެ އިތުރުން، އޭނާގެ ނަފްސާނީ ހާލަތު ދަށްވަމުންދާތީ އެކަށީގެންވާ ފަރުވާއަށް އެދިފައެވެ. ނަމަވެސް އޭނާއާ ދެކޮޅަށް ފުލުހުން ވަނީ ގިނަ ހެކިތަކެއް ހުށަހަޅާފައެވެ. އޭގެ ތެރޭގައި ކަސްޓަމްސް އަދި ފުލުހުންގެ ބަޔާންތަކާއި، މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓާއި، ޓްރެވަލް ހިސްޓްރީގެ އިތުރުން ފޯނު އެކްސްޓްރެކްޝަން އަދި މާލީ ރިޕޯޓުތައް ހިމެނެއެވެ.
މި މައްސަލައިގައި ހައްޔަރުކުރި އަލްޔާ ކޯޓުގައި ބުނީ، އޭނާއަކީ ނަފްސާނީ ގޮތުން ނާޒުކު ހާލަތެއްގައި ހުރި މީހެއްކަމަށާއި، ރޫނާއާ ބައްދަލުވީ ފަރުވާ ހޯދުމުގެ ތެރެއިން ކަމަށެވެ. އަދި ރޫނާ އޭނާ "ގްރޫމް" ކޮށްގެން ކުށުގެ ވެއްޓަށް ވެއްދީ ކަމަށާއި، ޓިކެޓު ނަގައިދީ ރާއްޖެއިން ބޭރަށް ފޮނުވައި، ޑްރަގް ހުރި ލަގެޖު ގެނައީ ސީދާ ރޫނާ ބުނެގެންކަމަށް އޭނާ ވަނީ ތުހުމަތުކޮށްފައެވެ.
ކޮމެންޓު ފޮނުވާ