މަޝްހޫރު ކްރިޕްޓޯކަރަންސީ ޕްލެޓްފޯމް ކަމަށްވާ "ޕޮލީމާކެޓް" އަށް ދިން ސައިބާ ހަމަލާއެއްގައި 2.9 މިލިއަން އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 45 މިލިއަން ދިވެހި ރުފިޔާ) ވަގަށް ނަގައިފިއެވެ.
މި ބޮޑު ވައްކަން ކޮށްފައިވަނީ އެ ވެބްސައިޓުގައި ބޭނުންކުރާ ތިންވަނަ ފަރާތެއްގެ ސޮފްޓްވެއާއެއްގައި ހުރި ސަލާމަތީ ބާގަނޑެއްގެ ފައިދާ ނަގައިގެންނެވެ. ހެކަރުން ވަނީ ވެބްސައިޓަށް ނުރައްކާތެރި ފިޝިން ސްކްރިޕްޓެއް ދޫކޮށްލައި، ޔޫޒަރުންނަށް އޮޅުވާލައިގެން މައުލޫމާތު ހޯދާފައެވެ. ބްލޮކްޗެއިން އެނަލިސްޓުން މައުލޫމާތު ދޭގޮތުގައި މި ހާދިސާގައި މަދުވެގެން 11 ޔޫޒަރެއްގެ ކްރިޕްޓޯ ވޮލެޓުން ވަނީ ފައިސާ ގެއްލިފައެވެ.
މިކަމާ ގުޅިގެން ޕޮލީމާކެޓުން ބުނެފައިވަނީ، މިހާރު އެ ނުރައްކާތެރި މައްސަލަ އެއްކޮށް ހައްލުކުރެވިފައިވާ ކަމަށެވެ. އަދި މި ހަމަލާގައި ގެއްލުން ލިބުނު ހުރިހާ ޔޫޒަރުންނަށް އެ ފައިސާ އަނބުރާ ރައްދުކޮށްދޭނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ ދީފައެވެ. މިއީ ފާއިތުވި މަސްދުވަހުގެ ތެރޭގައި ޕޮލީމާކެޓަށް މިފަދަ ހަމަލާއެއް އަމާޒުވި ދެވަނަ ފަހަރެވެ.
މި ހިނގާ 2026 ވަނަ އަހަރުގެ ދެވަނަ ކުއާޓަރަކީ ކްރިޕްޓޯ މާކެޓަށް ވަރަށް ގިނަ ސައިބާ ހަމަލާތަކެއް އަމާޒުވަމުންދާ ދުވަސްވަރެކެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން މި ޖޫން މަހުގެ ތެރޭގައި އެކަނިވެސް އެކި ޕްލެޓްފޯމްތަކަށް ދިން 29 ހަމަލާއެއްގައި 74.9 މިލިއަން ޑޮލަރުގެ ގެއްލުން ވެފައިވެއެވެ. މީގެ ތެރޭގައި ޓައިކޯ އަދި ސީކްރެޓް ނެޓްވޯކް ފަދަ ޕްލެޓްފޯމްތަކަށް ދިން ހަމަލާތައް ފާހަގަކޮށްލެވެއެވެ.
ކޮމެންޓު ފޮނުވާ