ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ވޯޓަކަށް ދިއުމަށް ވެރިކަމަށް އައުމުގެ ކުރިން އެކުލަވާލި ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން ޖުމްހޫރީ ޕާޓީފިޔަވައި ދެން ތިއްބެވި ޕާޓީތަކުން އެއްބަސްވިކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މޭ 6 ވަނަ ދުވަހު ދިން ނުރައްކާތެރި ހަމަލާއަށްފަހު ރާއްޖެއިން ބޭރުގައި ބޭސްފަރުވާ ހޯއްދަވަމުން ގެންދަވާ ރައީސް ނަޝީދު ނޫސްވެރިންނާއި ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ކޯލިޝަންގައި ހިމެނޭ ބޭފުޅުންގެ ތެރެއިން ރައީސް މައުމޫންގެ އެމްއާރުއެމްއާއި، ޝައިޚު އިމްރާންގެ އަދާލަތު ޕާޓީން ވެރިކަމުގެ ނިޒާމު ބަދަކުރުމަށް ވޯޓަކަށް ދިއުމަށް ތާއީދު ކުރެއްވިކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ނިޒާމީ މައްސަލައެއްގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުނަކީ ރައީސް ޞާލިހުވެސް ދެކޮޅު ކަމެއް ނޫންކަމަށެވެ. އަދި މިކަން ކުރެވެން އޮތީ ނިޒާމުގެ ވޯޓު ނަގައިގެން ރައްޔިތުންގެ ޚިޔާލު ހުރިގޮތް އެގުމުންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނުކުންނެވި މެނިފެސްޓޯއަކީ ކޯލިޝަންގެ ޕާޓީތަކުން އެދުނު ގޮތަށް އެއްބަސްވި ކަމަށް މެނިފެސްޓޯ ކަމަށެވެ. އެކަމަކު ފެންނަ ނުފެންނަ ވޯޓަކަށް ދާން އެއްބަސްނުވީ ޖުމްހޫރީ ޕާޓީ އެކަނި ކަމަށް ނަޝީދު ވިދާޅުވިއެވެ.
ޕާޓީތަކުން އެދުނު ގޮތްތައް އަޅުގަނޑުމެން މެނިފެސްޓޯއަށް އެއްބަސްވިން. ޖުމްހޫރީ ޕާޓީ ފިޔަވައި އަދާލަތު ޕާޓީއާއި އެމްއާރުއެމް އިން ވަނީ ފެންނަ ނުފެންނަ ވޯޓަކަށް ދާން އެއްބަސްވެފައި.
– ރައީސް ނަޝީދު ވިދާޅުވިއެވެ.
ސަރުކާރުން ބުނެފައިވަނީ، އަމަލު ކުރަމުންދަނީ ކޯލިޝަން މެނިފެސްޓޯއަށް ކަމަށާއި، އެމެނިފެސްޓޯގައި ބަރުލަމާނީ ނިޒާމުގެ ވާހަކައެއް ނެތްކަމަށެވެ. އެމްޑީޕީގެ ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުން ގެންދަވަނީ ބަރުލަމާނީ ނިޒާމުގެ ޕެޓިޝަނެއް ތައްޔާރު ކުރަމުންނެވެ.
ރާއްޖޭގައި މިހާރު މިއޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރެވޭނީ އާންމު ރައްޔިތުންގެ ވޯޓަކުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްވަނީ ވިދާޅުވެފައެވެ. 2008 ވަނަ އަހަރު ދިވެހިން ބަލައިގަތް ފެހި ޤާނޫނު އަސާސީއަށް އަމަލުކުރަން ފެށުމުގެ ކުރިން ރާއްޖޭގައި އޮންނަން ބޭނުންވާ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ނެގި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި 95،619 މީހުން ވޯޓުދީފައިވަނީ ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމުކަމަށެވެ.
ބަރުލަމާނީ ނިޒާމު އޮންނަން ފެންނަކަމަށް ވޯޓުދީފައިވަނީ 58،504 މީހުންނެވެ. މި ވޯޓުގައި 199،841 މީހުން ވޯޓުލުމަށް ރަޖިސްޓްރީކުރިއިރު، ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ވޯޓުދީފައިވަނީ 155،890 މީހުންނެވެ.
ކޮމެންޓު ފޮނުވާ