ބަރުލަމާނީ ނިޒާމް ގެންނަން، ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ކަންކަން އަވަސްކުރުމަށް ގޮވާލައި ރައީސުލްޖުމްހޫރިއްޔާއަށް ހުށައަޅާ ޕެޓިޝަންގައި 50،000އަށްވުރެ ގިނަ މީހުން ސޮއިކޮށްފިކަމަށް އެކަމުގައި އިސްކޮށް އުޅޭ ފަރާތްތަކުން ބުނެފިއެވެ.
ބަރުލަމާނީ ޕެޓިޝަންގައި މަޖިލީހުގެ ބައެއް އެމްޑީޕީގެ މެންބަރުން ވަނީ ސޮއިކުރައްވާފައެވެ. އޭގެ ތެރޭގައި މަޖިލީހުގެ ނާއިބު ރައީސް އީވާ ޢަބްދުﷲ ހިމެނިވަޑައިގަންނަވައެވެ. ޖުމްލަ 13 މެންބަރަކު މިހާތަނަށް ސޮއިކުރައްވާފައިވާކަމަށް ވަނީ ބުނެފައެވެ.
މި ޕެޓިޝަންގައި އެމްޑީޕީގެ އިސް ފަރާތްތަކުންވެސް ވަނީ ސޮއިކޮށްފައެވެ.
މިހާރުވެސް ގިނަ ބަޔަކު ޕެޓިޝަންގައި ސޮއި ކުރައްވާފައިވާއިރު، ޕެޓިޝަންގައި ގިނައިން ސޮއިކޮށްފައިވަނީ ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުންނެވެ.
ޕެޓިޝަންގައި ރައީސް ޞާލިހަށް ތާއީދު ކުރައްވާ މަޖިލިސް މެމްބަރުންނާއި، އާންމު މެމްބަރުން ސޮއި ކުރަނީ ވަރަށް މަދުންނެވެ. ޕެޓިޝަނާއި ގުޅިގެން ރައީސް ޞާލިހަށް ތާއީދު ކުރައްވާ މަޖިލިސް މެމްބަރުންނާއި، ރައީސް ނަޝީދަށް ތާއީދު ކުރައްވާ މަޖިލިސް މެމްބަރުންގެ މެދުގައި ބަހުގެ ހަމަލާތައްވެސް ދަނީ ބަދަލު ކުރެވެމުންނެވެ.
ބަރުލަމާނި ޕެޓިޝަނަކީ ސަރުކާރާއި ދެކޮޅު ޕެޓިޝަނެއްކަމަށް ބައެއް ފަރާތްތަކުން ބުނަމުން ދިޔަ ނަމަވެސް ޕެޓިޝަންގައި ރައީސް ޞާލިހުގެ ބޮޑުބޭބޭފުޅުް މޫސާ ޞާލިހުވެސް ވަނީ ސޮއި ކުރައްވާފައެވެ.
50,000 (fansaas haas) soe Barulamaanee petition ah libijje kamah ebeyfulhun iulan koffi.#barulamaanee pic.twitter.com/izzQn39UbE
— Nauty? (@nautymatox) September 1, 2021
ޕެޓިޝަން ތައްޔާރު ކުރަމުން ދިޔަ ނަމަވެސް މިހާރު ވެރިކަން ކުރަމުންދާ ކޯލިޝަނުން އަމަލު ކުރަމުންދަނީ، ކޯލިޝަން މެނިފެސްޓޯއަށް ކަމަށާއި، އެކޯލިޝަންގައި އެއްވެސް ހިސާބެއްގައި ބަރުލަމާނީ ނިޒާމު ގެނައުމަށް ބުނެފައި ނުވާކަމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވަނީ ވިދާޅުވެފައެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، ބަރުލަމާނީ ނިޒާމުގެ ވާހައަކީ ކޯލިޝަން މެނިފެސްޓޯގައި އޮތް ވާހަކައެއް ނޫންކަމަށެވެ. އަދި ނިޒާމު ބަދަލުކުރާނެ އެކަން ކުރެވޭނީ ރައްޔިތުންގެ ރެފަރެންޑަމަކަށް ގޮސްގެންކަމަށް ރައީސް ޞާލިހު ތަކުރާރުކޮށް ވިދާޅުވެފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ.
އޭނާ ވިދާޅުވެފައިވަނީ ބަރުލަމާނީ ޕެޓިޝަނަކީ ވަކި ބަޔަކަށް ފެނިގެން ކުރިއަށްދާ ކަމެއްކަމަށެވެ. ނަމަވެސް ބަރުލަމާނީ ނިޒާމު ގެންނަ ނަމަ އެކަން ކުރެވޭނެ ގޮތަކީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގިގެންކަމަށް މަބްރޫކް ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވެފައިވަނީ، ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމުގެ ފުރުސަތު އޮންނާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން އެކަން ކުރުމަށް ނިންމައިފި ހާލަތެއްގައި ކަމުގައެވެ. އަދި އޭގެ ކުރިން ވިދާޅުވެފައިވަނީ، ވެރިމުގެ ނިޒާމު ބަދަލުކުރުމާ މެދު ވިސްނެވުމަށް ވުރެ، ވައްދުތައް ފުއްދެވޭތޯ މަސައްކަތް ކުރެއްވުން މިވަގުތަށް އެމަނިކްފާނަށް މާމުހިންމު ކަމުގައެވެ.
ކޮމެންޓު ފޮނުވާ