ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު އީސާގެ މައްޗަށް އުފުލާފައިވާ އަނިޔާއެއް ދިނުމުގެ ދައުވާގެ ޝަރީއަތް ފެށުމަށް މިއަދަށް ތަޢާވަލުކުރި އަޑުއެހުންވެސް ކެންސަލްކޮށްފިއެވެ. އީސަގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީޢަތް ކްރިމިނަލް ކޯޓުގައި ތަޢާވަލުކޮށްފައި އޮތީ ހެނދުނު 09:00އަށެވެ. ނަމަވެސް އަޑުއެހުން ކެންސަލް ކުރީ މައްސަލަ ބައްލަވާ ޤާޟީ ސަލާމުގައި ހުންނެވުމުންނެވެ.
މިއަދުގެ އަޑުއެހުންވެސް ކެންސަލްކޮށްފައިވާއިރު، ޖޫން މަހުގެ 21 ވަނަ ދުވަހުވެސް މި މައްސަލައިގެ އަޑުއެހުން ފަށުމަސް ތައާވަލުކުރިއެވެ. ނަމަވެސް އެދުވަހުވެސް އަޑުއެހުން ކެންސަލްކުރީވެސް ޤާޟީ ސަލާމުގައި ހުންނެވުމުންނެވެ.
އީސަގެ މައްޗަށް އުފުލާފައިވަނީ، ގާނޫނުލްއުގޫބާތުގެ 120 ވަނަ މާއްދާގެ ދަށުން އަނިޔާއެއް ދިނުމުގެ ދައުވާއެވެ. އީސަގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވި ނަމަވެސް އޭނާގެ މައްޗަށް އަންނާނީ ހަ މަސް ދުވަހަށް ވުރެ ދިގުނޫން މުއްދަތެއްގެ ޖަލު ހުކުމެކެވެ.
ގާނޫނު އަސާސީގައި ބުނާގޮތުން މަޖިލީހުގެ މެންބަރެއްގެ ގޮނޑި ގެއްލޭނީ އެމީހެއްގެ މައްޗަށް 12 މަހަށްވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް އައިސްފިނަމައެވެ. އެހެންކަމުން މި ދައުވާ އީސަގެ މައްޗަށް ސާބިތުވި ނަމަވެސް މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑިއެއް ނުގެއްލޭނެއެވެ.
އީސަގެ މައްޗަށް ފުލުހުން ތަހުގީގު ހިންގާފައިވަނީ އޭނާގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމްގެ ގައިގައި ތަޅައި މާރާމާރީ ހިންގައި، ދަރިފުޅު ގަދަކަމުން އަތުލައި ގޭގެ ބެލްކަނިން ބޭރަށް ވައްޓާލާނެ ކަމުގެ އިންޒާރު ދިން ކަމަށާއި ތަކުރާރުކޮށް ގެވެށި އަނިޔާ އީސާގެ ފަރާތުން ލިބޭ ކަމަށް އަސްރާ ތުހުމަތުކުރި މައްސަލައެއްގައެވެ.
އަސްރާވަނީ މިމައްސަލާގައި ޕީޖީ އޮފީހަށްވެސް ސިޓީއަކުން މިމައްސަލަ ކުރިއަށް ނުގެންދެވުމަށް ދަންނަވާފައެވެ. އަސްރާގެ ސިޓީގައި އޭނާ އެދިފައިވަނީ މައްސަލާގައި އީސައަށް ހުކުމެއް އައުމަކީ އިންސާފުވެރި ކަމެއްކަމަށް ނުދެކޭކަމަށް ބުނެފައެވެ.
އަދި އޭނާ ފުލުހުންނަށް މައްސަލަ ހުށަހަޅައި، އޭރު މައްސަލަ ކުރިއަށް ގެންދިޔައީ ޖަޒުބާތުގައިކަމަށް ވަނީ ބުނެފައެވެ. އަދި އޭނާ ދީފައިވާ ބަޔާނަކީ ޞައްހަ ބަޔާނެއް ނޫންކަމަށްވެސް އަސްރާ ޕީޖީ އޮފީހަށް ފޮނުވި ސިޓީގައި ބުނެފައިވެއެވެ. ނަމަވެސް މިކަމާއި ގުޅިގެން ޕީޖީ އޮފީހުން އަދި ވަކި އެއްޗެއް ބުނެފައިނުވެއެވެ.
ކޮމެންޓު ފޮނުވާ