ތިމާވެއްޓަށް ކުރާ ހޭދައަކީ ދިރުމާ މަރާ ގުޅިފަ އޮތް ކަމެއް: ޝާހިދު

ތިމާވެއްޓަށް ކުރާ ހޭދައަކީ ދިރުމާ މަރާ ގުޅިފަ އޮތް ކަމެއް: ޝާހިދު

Author
ހުސެއިން
28 އޮގަސްޓް 2021 07:58
0

އަންނަ ނޮވެމްބަރުމަހު ބޭއްވުމަށް ހަމަޖެހިފައިވާ، ތިމާވެއްޓަށް އަންނަ ބަދަލުތަކާބެހޭ ބައިނަލް އަގުވާމީ ކޮންފަރެންސް COP26ގައި ރަގަޅު ނަތީޖާއެއް ނެރުމަށް ކުރަންޖެހިފައިވާ މަސައްކަތަކީ، "ދިރުމާ މަރާ" ގުޅިފައިވާ ކަމެއްކަމުގައި، ޔޫއެން ޖެނެރަލް އެސެމްބްލީގެ އިންތިޚާބީ ރައީސް، ފޮރިންގ މިނިސްޓަރ އަބުދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ފޮރިނގް މިނިސްޓަރ ޝާހިދު މިހެން ވިދާޅުވެވެފައިވަނީ، ޔޫއެން ޖެނެރަލް އެސެމްބްލީގެ އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން، ޖަޕާނަށް ކުރެއްވި ދަތުރުފުޅުގައި، ޖަޕާނުގެ ބައެއް މީޑީއާތަކަށް ދެއްވި ބަސްދީގަތުން ތަކުގައެވެ.

އަންނަ ސެޕްޓެމްބަރު މަހު، ޔޫއެން ޖެނެރަލް އެސެމްބްލީގެ ރައީސްކަމުގެ މަގާމާ ރަސްމީގޮތުން ހަވާލުވެ ވަޑައިގަތުމަށް ތައްޔާރުވެ ވަޑައިގަންނަވަމުންދާ، ޝާހިދު ވަނީ، ތިމާވެއްޓަށް އަންނަ ބަދަލުތަކާބެހޭ ބައިނަލް އަގުވާމީ ކޮންފަރެންސް COP26 މިފަހަރު ބޭއްވިގެން މިދަނީ، ރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ގައުމަކުން ޔޫއެން ޖެނެރަލް އެސެމްބްލީގެ ރިޔާސަތާ ހަވާލުވެފައިވާ ދަނޑިވަޅެއްގައި ކަންވެސް ފާހަގަ ކުރައްވާފައެވެ.

" COP26 ކޮންފަރެންސް ކުރިޔަށްދާއިރު، ތަރައްގީވަމުން އަންނަ ކުޑަގައުމަކުން ޔޫއެންގެ ރިޔާސަތު ބަލަހައްޓަމުންދާނެ ކަމީ ޚާއްސަ ގޮތެއްގައި ފާހަގަ ކޮށްލަން ޖެހޭ ކަމެއް،" ޖަޕާނުގެ ލޯކަލް މީޑިއާއެއް ކަމުގައިވާ ނިއްކެއި އޭޝިއާއާ ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވެފައި ވެއެވެ.

"މޫސުމަށް އަންނަ ބަދަލުތަކަކީ އަހަރެމެންނަށް ސައިންސާއި ގުޅުންހުރި ކަމެއް ނޫން. އެއީ އަހަރެމެންގެ ދިތިތިބުމާ ގުޅިފައި އޮތްކަމެއް،" ޝާހިދު ވިދާޅުވެފައި ވެއެވެ.

އެމެރިކާގެ ރައީސް ޖޯބައިޑް ރައީސްކަމާ ހަވާލުވެ ވަޑައިގަތުމާއެކު، ޕެރިސް ކްލައިމެޓް އެގްރީމަންޓާ އަލުން އެމެރިކާ ގުޅުމާ ގުޅިގެން، ދުނިޔޭގެ ތިމާވެށި ހިމާޔަތްކުރުމަށް، މިހާރަށްވުރެއް އުއްމީދީ ނިންމުންތަކެއް ނިންމުމަށް ދުނިޔޭގެ ގައުމުތަކަށް އޮތް ޕްރެޝަރ ވަނީ އިތުރުވެގެން ގޮސްފައެވެ. އަދި ހަމަ އެއާއެކު، މިމަހު ބޭއްވުނު ޔޫއެންގެ އިންޓަރގަވަރމެންޓަލް ޕެނަލް އޮން ކްލައިމެޓް ބައްދަލުވުމަށްފަހު، ދުނިޔޭ ހޫނުވަކުން ދިއުމުގެ ސަބަބުން ކުރިމަތިވާނެ "އަވަސް އަދި ކުރިޔަށްވުރެވެސް ހާލަތުގެ ގޮތުން ގޯސް" ގޮންޖެހުންތަކާ ގުޅޭގޮތުން ސައިންސްވެރިން އިންޒާރު ދިނުމާ ގުޅިގެން، ތިމާވެއްޓަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން މުހިންމު ނިންމުންތަކެއް ނިންމުމަށް ދުނިޔޭގެ ގައުމަތަކަށް މިހާރުވަނީ ކުރިއަށްވުރެ އެތައްގުނައެއް މުހިންމު ވެގެން ގޮސްފައެވެ.

193 ގައުމުގެ މައްޗަށް އެކުލެވިގެންވާ ޔޫއެން ޖެނެރަލް އެސެމްބްލީގެ ރައީސްކަމުގެ މަގާމާ ރަސްމީކޮށް، އަންނަ ސެޕްޓެމްބަރުމަހުގެ 14ވަނަ ދުވަހު ޝާހިދު ހަވާލުވެވަޑައި ގަތުމަށް ހަމަޖެހިފައިވާއިރު، ޝާހިދު ވިދާޅުވެފައިވަނީ، ތިމާވެއްޓާބެހޭ ޔޫއެންގެ ޚާއްސަ ބައްދަލުވުމެއް ބޭއްވުމަށް އޭނާ ޔޫއެންގެ މެމްބަރުގައުމުތައް އެއްކުރައްވާނެ ކަމުގައެވެ. އަދި މިއީ، އެންމެ ފަހު ވަގުތުވެސް، ގައުމުތަކުން، ޖައްވަށް ބޭރުވާ ވިހަ ގޭސްހުގެ މިންވަރު މަދުކުރުމަށް ވައުދުވެފައިވާ އެހީތައް ހޯދުމަށާއި، އަދި ތިމާވެށީގެ ރައްކާތެރިކަމަށް ބޭނުންވާ 100 ބިލިއަން އެމެރިކާ ޑޮަލަރު ހޯދުމަށް ކުރައްވާނެ މަސައްކަތެއް ކަމުގައިވެސް ވިދާޅުވިއެވެ.

"COP26ގެ ސަމިޓުން، ނުފުއްދޭވެ ވައުދުތަކެއް ނުވުމަށް އަހަރެމެން ސަމާލުކަން ދޭން ޖެހޭނެ،" މީގެ 2 އަހަރުކުރިން މެޑްރިޑްގައި ބޭއްވުމު COP25 ސަމިޓަށް އިޝާރާތްކުރައްވާ ޝާހިދު ވިދާޅުވެފައި ވެއެވެ.

ޝާހިދު ވިދާޅުވި ގޮތުގައި ރާއްޖެފަދަ ކުދި ގައުމުތަކަކީ، ތިމާވެށީގެ މައްސަލަތަކުގައިވެސް ބޭރުގެ އެހީތެރިކަމަށް ވަރަށްބޮޑަށް ބަރޯސާވާ ގައުމުތަކެއް ކަމުގައެވެ. އަދި، ކަނޑުގެ ލޮނުގަޑު އުފުލެމުން ދިއުމާ، މޫސުމީ ބަދަލުތަކުން ސަލާމަތްވުމަށް ހޯދަންޖެހޭ އެހީތަކުގެ އިތުރުން މިާރު ކޯވިޑުން އަރައިގަތުމަށްވެސް، ބޭރުގައުތަކުގެ އެހީތެރިމަށް ރާއްޖެއިން ބޭނުންވެފައިވާ ކަމުގައިވެސް ވިދާޅުވިއެވެ.

"ތިމާވެއްޓަށް އަންނަ ނޭދެވޭ ބަދަލުތަލާ ދެކޮޅަށް ކުރުމަށް ރާއްޖޭގެ ބަޖެޓުގައި ހިމަނާފައި ހުރި ހުރިހާ ހޭދައެއްވަނީ، ކޯވިޑާ ހަގުރާމަށް ކުރުމަށް ކޮށް ހުސްވެފަ،" ޝާހިދު ވިދާޅުވިއެވެ.

ސްކޮޓްލޭންޑްގެ ގްލަސްގޯވްގައި ބޭއްވުމަށް ހަމަޖެހިފައިވާ COP26 ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ މިނިސްޓަރ ޝާހިދު ޔޫއެން ޖެނެރަލް އެސެމްބްލީގެ ރައީސްކަމާ ރަސްމީކޮށް ހަވާލުވެވަޑައި ގަންނަވާތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.