މަޖިލީހުގެ އިދާރާގައި ހުންނަ، ޖުމްހޫރީ ޕާޓީގެ އޮފީހުގެ ބޭރުގައި “ސާލިހު ޕާޓީ” އަދި “އެމްއެމްޕީ” ނުވަތަ މޯލްޑިވްސް މިލިޓަރީ ޕާޓީ ލިޔެ ނަންބޯޑު ބަދަލު ކުރި މައްސަލައިގެ ސީސީޓީވީ ފުޓޭޖް ޖުމްހޫރީ ޕާޓީއަށް ނުދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން ނިންމައިފިއެވެ.
މަޖިލީހުގެ އިދާރާ އިން ކޮންމެ ސިޔާސީ ޕާޓީއަކަށް އޮފީހެއް ދޫކުރި އިރު، ޖޭޕީއަށް ދޫކޮށްފައިވާ އޮފީހުގެ ބޭރުގައި “ސާލިހު ޕާޓީ” އަދި “އެމްއެމްޕީ” ލިޔެފައިވާ ކަރުދާސްގަނޑެއް ވަނީ ތަތްކޮށްފައެވެ. އިއްތިފާގުން އެ ދުވަސްވީ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ދެ ފެކްޝަނުގެ އަރައިރުން ބޮޑުވި ދުވަހެކެވެ. މިމައްސަލާގައި ޖޭޕީގެ ޕީޖީން ވަނީ މަޖިލިސް ރައީސްގެ އަރިހުން މިކަން ބަލައި ދެއްވައި، އެޕާޓީގެ މެމްބަރުންގެ އަބުރައި އިއްޒަތަށް އަރައިގަތް މެމްބަރުން ދެނެގަނެ އެކަމަށް ފިޔަވަޅު އެޅުމަށް އެދިފައެވެ. އަދި މިކަން ހިނގައިދިޔަ ގޮތް ބެލުމަށް ސީސީޓީވީ ފުޓޭޖް ދިނުމަށް ވަނީ އެދިފައެވެ.
ނަމަވެސް އިމްތިޔާޒު ކޮމެޓީން ނިންމާފައިވަނީ ސީސީޓީވީ ފުޓޭނުދީ، ކޮމެޓީން މައްސަލަ ބެލުމަށެވެ. އަދި މިމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ކޮމެޓީން ބެލުމަށް ވަނީ ނިންމާފައެވެ.
“ސާލިހު ޕާޓީ” އާއި “އެމްއެމްޕީ” ޖެހި މައްސަލަ ސުލޫކު ކޮމިޓީ އަށް
މަޖިލީހުގެ އިދާރާގައި ހުންނަ، ޖުމްހޫރީ ޕާޓީގެ އޮފީހުގެ ބޭރުގައި “ސާލިހު ޕާޓީ” އަދި “އެމްއެމްޕީ” ނުވަތަ މޯލްޑިވްސް މިލިޓަރީ ޕާޓީ ލިޔެފައިވާ ކަރުދާސްގަަނޑެއް ތަތްކޮށްފައިވަނީ ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުންތަކެއްގެ ގޮތުގައި ހިމެނޭ ކާނަލް ނާޒިމްއާއި، ކުރީގެ ސީޕީ އަބްދުﷲ ރިޔާޒު އިސްކޮށް ހުންނަވައިގެން ސިޔާސީ ޕާޓީއެއް އުފެއްދުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.