މަޖިލީހުގެ އަންނަ އަހަރުގެ ބަޖެޓަކީ 184 މިލިއަން ރުފިޔާ

މަޖިލީހުގެ އަންނަ އަހަރުގެ ބަޖެޓަކީ 184 މިލިއަން ރުފިޔާ

Author
މުޙައްމަދު ޝަޒައިމް
24 އޮގަސްޓް 2021 08:31
0

ރައްޔިތުންގެ މަޖިލީހުގެ އަންނަ އަހަރުގެ ބަޖެޓުގެ ގޮތުގައި 184.1 މިލިއަން ރުފިޔާ ހަމަޖެއްސުމަށް މަޖިލީހުގެ އާންމު ކޮމިޓީން ނިންމައިފިއެވެ.

އިއްޔެ ކުރިޔަށްދިޔަ އާއްމު ކޮމެޓީގެ ބައްދަލުވުމުގައި އެގޮތަށް ފާސްކުރީ އާއްމު ކޮމެޓީގެ އިއްތިފާގުންނެވެ. މަޖިލީހުގެ ބަޖެޓާއި ގުޅޭގޮތުން ބޭއްވި ކޮމިޓީގެ ބައްދަލުވުމުގެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ސިއްރު ކޮށްގެނެވެ. އެހެންކަމުން މަޖިލިސް އިދާރާގެ ބަޖެޓުގެ ޖުމްލަ އަދަދު ފިޔަވައި އިތުރު ތަފްސީލެއް އެނގިފައެއް ނުވެ އެވެ.

އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓް އޮކްޓޯބަރު މަސް ނިމުމުގެ ކުރިން ފޮނުވާއިރު، މަޖިލީހުގެ އަންނަ އަހަރުގެ ބަޖެޓް ކަނޑައެޅުމަކީ މަޖިލީހުގެ ގަވާއިދު ބުނާގޮތުން އާންމު ކޮމިޓީގެ ޒިންމާއެވެ. ބަޖެޓް ފާސްކުރުމުގެ ކޮމިޓީގެ މަސައްކަތް ގެންގޮސްފައިވަނީ ސިއްރު ބައްދަލުވުމެއްގެ ގޮތުގައެވެ. ކޮމިޓީން ބަޖެޓް ފާސްކޮށްފައިވަނީ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.

އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓް މަޖިލީހަށް ފޮނުވުމަށްޓަކައި، ދައުލަތުގެ އެކި އިދާރާތަކާއި، މިނިވަން މުއައްސަސާތަކާއި ކޮމިޝަންތަކާއި، ފިނޭންސް މިނިސްޓްރީން ގެންދަވަނީ ބައްދަލު ކުރައްވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ބަޖެޓުގެ ގޮތުގައި ފާސްކޮށްފައިވަނީ 177.8 މިލިއަން ރުފިޔާ އެވެ. އެހެންކަމުން އަންނަ އަހަރަށް ފާސްކޮށްފައި މިވަނީ 6.3 މިލިއަން ރުފިޔާ އިތުރު ބަޖެޓެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.