ކޯވިޑާ ގުޅިގެން ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ސިވިލް ސާރވިސްގެ އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކޮށް، މުސާރަ ކުޑަކުރުމުގެ ވިސްނުމެއް ނެތްކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.
ރާއްޖޭގެ އިޤްތިޞާދީ ޙާލަތު މިހާރު އޮތް ވަރަށްވުރެ ރަނގަޅުކުރުމަށް ކުރަމުންދާ ކަންތައްތަކާ ގުޅޭގޮތުންނާއި، ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކާއި މަޝްރޫޢުތަކާ ގުޅޭ ފަހުގެ މަޢުލޫމާތުތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަން މުޙައްމަދު މަބްރޫކް ޢަޒީޒް ނޫސްވެރިންނާއި ބައްދަލު ކުރެއްވުމަސްމިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި މަބްރޫކް ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވަނީ ކޯވިޑް ވެކްސިން ފުރިހަމަކުރުމުގެ ޕްރޮގްރާމްކަމަށެވެ.
ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް ގެންގުޅޭ ސިޔާސަތުގެ ދަށުން ސިވިލްސާރވިސް މުވައްޒަފުން ވަޒީފާއިން ވަކިކުރަން އުޅޭކަމަށް ދެކެވޭ ވާހަކަތަކާ ގުޅޭގޮތުން ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން މަބްރޫކް ވިދާޅުވީ، ކޯވިޑްގެ ހާލަތާ ގުޅިގެން އިޤްތިޞާދީގޮތުން ދިމާވި ދަތި ޙާލަތުގައިވެސް ސަރުކާރުން ސިވިލް ސާރވިސްގެ އެއްވެސް މުވައްޒަފެއްގެ މުސާރައަށް ބަދަލެއް ގެނެސްފައިނުވާކަމަށެވެ. އެދަނޑިވަޅުގައިވެސް މުސާރަ ކުޑަކޮށްފައިވަނީ ހަމައެކަނި ސިޔާސީ މުވައްޒަފުންގެކަން ފާހަގަކުރައްވަމުން މަބްރޫކް ވިދާޅުވީ، ސަރުކާރުން ޚަރަދުކުޑަކުރުމަށް ގެންގުޅޭ ސިޔާސަތުގެ ދަށުން އެއްވެސް މުވައްޒަފެއްގެ މުސާރަ ކުޑަކޮށް ވަޒީފާއިން ވަކިކުރުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅޭކަމަށެވެ.
ޚަރަދު ކުޑަކުރުމުގެ ގޮތުންނެއް އެ ސަބަބަށްޓަކައެއް ސަރުކާރުން ސިވިލް ސާރވިސް މުވައްޒަފެއްގެ ވަޒީފާއަކާވެސް މުސާރައަކާވެސް ކުޅުމުގެ ވިސްނުމެއް ނުގެންގުޅެން.
– ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް ވިދާޅުވިއެވެ.
މި ޕްރެސް ކޮންފަރެންސް ފައްޓަވަމުން މަބްރޫކް ވަނީ ރާއްޖޭގެ އިޤްތިޞާދީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން އެންމެ އިސްކަމެއް ދެއްވައިގެން ކުރަމުން ގެންދާ މަސައްކަތްކަމުގައިވާ، ކޯވިޑް-19 ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ގޮސްފައިވާ މިންވަރު ތަފްޞީލުކޮށް ބަޔާންކޮށްދެއްވާފައެވެ. އެގޮތުން 18 އަހަރުން މަތީގެ އާބާދީގެ 84 އިންސައްތަ އަދި 12 އަހަރުން މަތީގެ އާބާދީގެ 81 އިންސައްތަ ވަނީ ވެކްސިން ޖަހާފައިކަމުގައި މަބްރޫކް ވިދާޅުވިއެވެ. އަދި ވެކްސިން ޖެހުމުގެ މަސައްކަތުގައި ދުނިޔޭގެ ނިސްބަތުން ފާހަގަކޮށްލެވޭ ކުރިއެރުމެއް ރާއްޖެއިން ހޯދާފައިވާކަންވެސް މަބްރޫކް ހާމަކުރެއްވެވިިއެވެ.
މިއަދުގެ ޕްރެސްކޮންފަރެންސްގައި މިހާރު ރާއްޖޭގެ ޓޫރިޒަމްގެ ހާލަތަށްވެސް މަބްރޫކު ވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މިދިޔަ ޖުލައި މަހު މުޅި ޖުމްލަ ރާއްޖެއަށް އައިސްފައިވާ ޓޫރިސްޓުންގެ އަދަދު މި އޮގަސްޓް މަހު މިހާރު ފަހަނައަޅައި ގޮސް މިދިޔަ އަހަރުގެ އޮގަސްޓް މަހު ރާއްޖެއަށް ޓޫރިސްޓުން އައިސްފައިވާ އަދަދާއި ގާތްކުރާ އަދަދަށް ޓޫރިސްޓުން އަންނަމުން ދާކަމުގައި ފާހަގަކުރެއްވެވިއެވެ. އަދި މިކަމުގެ ސަބަބުން ކޮވިޑް-19 އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ކުރަންޖެހޭ މުހިންމު މަސައްކަތްތައް ޕޮލިހުންނާއި، މޯލްޑިވްސް އިމިގްރޭޝަނުން ކުރަމުން ގެންދާ ކަމަށް މަބްރޫކު ވިދާޅުވިއެވެ.
މިއަދުގެ ޕްރެސްކޮންފަރެންސްގައި މަބްރޫކު ވަނީ ނޫސްވެރިންވެސް ރައްޔިތުން ވެކްސިން ޖެހުމަށް ބާރުއެޅުމަށް އެބޭފުޅުންނަށް ކުރެވެންހުރި މަސައްކަތްތައް ކުރުމަށް އެދިވަޑައިގެންފައެވެ. މިއަދުގެ ޕްރެސް ކޮންފަރެންސްގައި މަބްރޫކްވަނީ ސަރުކާރުގެ އެކިއެކި މަސައްކަތްތަކާ ގުޅޭގޮތުން ނޫސްވެރިން ކުރި ސުވާލުތަކަށްވެސް ޖަވާބުދެއްވާފައެވެ.
ކޮމެންޓު ފޮނުވާ