ރައީސް މައުމޫނުގެ ދިގު ވެރިކަމުގައިވެސް، އެންމެ ބޮޑަށް ދެކެވެމުން އައި އެއްވާހަކައަކީ، ތަރައްގީގެ ވާހަކަތަކެވެ. އަދި ރައްޔިތުންގެ ހާލަތު ރަގަޅު ކުރުމުގެ ވާހަކައާއި، ތަކެއްޗާއި ޚިދުމަތުގެ އަގުތައް "އަތް ފޯރާފަށަށް" ގެނައުމުގެ ވާހަކަތަކަކީ، ފާއިތުވެދިޔަ ހުރިހާ ސަރުކާރަކުންވެސް ދައްކަމުން އައި ވާހަކަތަކެވެ.
އަދި ވަކީން ޚާއްސަކޮށް، 2008ވަނަ އަހަރު ދިވެހިރާއްޖެއަށް ޑިމޮކްރަސީ އައުމަށްފަހު، ވެރިކަމުގެ ނިޒާމަށް އައި ބޮޑެތި ބަދަލުތަކާއެކު، ސިޔާސީ ވެރިން، ވޯޓު ހޯދުމަށް އެންމެ ގިނައިން ވެފައިވާ ވައުދުތަކަކީ، އަތްފޯރާ ފަށަށް މުދަލާއި ޚިދުމަތުގެ އަގުތައް ގެނައުމުގެ ވައުދުތަކެވެ.
އެހެންނަމަވެސް، އެތައް އެތައް އިންތިޚާބެއް މާޒީއާއި އެކުވެ، އެތައް ވެރީންނެއް މިދަނީ ވެރިކަންކޮށް، މާޒީއާއި އެކުވަމުންނެވެ. ޒަމާނީ ތަރައްގީ ގެނެސްދޭނެކަމުގެ ވައުދުތަކާއި، ރައްޔިތުރުންގެ ހާލަތު ބަދަލު ކޮށްދޭނޭ ކަމުގެ އެތައް ވައުދުތަކެއް، ރިޔާސީ އިންތިޚާބުން ފެށިންގެންގޮސް މަޖިލިސް އިންތިޚާބު އަދި ކީއްކުރަންތޯއެވެ. ލޯކަލް ކައުންސިލް އިންތިޚާބުތަކުގައިވެސް އެކި ފަންތީގެ، އެކި ގިންތީގެ ސިޔާސީ ވެރީން ވަނީ ވެވަޑައިގެންފައެވެ.
އެހެންނަމަވެސް ފެންނާން އޮތް ހަގީގަތަކީ، ހަގީގަތުގައިވެސް ދިވެހިރާއްޖެއަށް ޒަމާނީ ތަރައްގީ ނާންނަކަމެވެ. އަދި ޚިދުމަތުގެ އަގުތަށް ދުވަހެއް ދުވަހަކަށް މަތިވަމުން ގޮސް، ދިވެހިރާއްޖޭގައި ފަގީރުންނާއި މުއްސަދީންގެ ފަރަގު އިންތިހާއަށް މަތިވެގެން ގޮސްފައިވާކަމެވެ.
ހަމަ އެއާއެކު، ދިވެހިރާއްޖެ މިއަދު ވެގެން ގޮސްފައި މިވަނީ، ދިރުއުޅުމުގެ އަގު އެހާމެ މަތި، އެހެންމަވެސް ދިރިއުޅުމަށް ކުރަންޖެހޭ ޚަރަދާއި އެއްވަރުގެ އާންމްދަނީއެއް އެވްރެޖް ގޮތެއްގައި ގައުމުގެ ރައްޔިތުންނަށް ލިބެމުން ނުދާ ގައުމެއްގެ ގޮތުގައެވެ. އެހެން ގޮތަކަށް ދަންނަވަނީނަމަ، ރާއްޖޭގެ މިއަދުގެ ހާލަތަކީ، ދިރިއުޅުމުގެ އަގުތަށް ދުނިޔޭގެ އެންމެ މުއްސަދި ގައުމުތަކާ އެއްފެންވަރެއްގައި ހުރިއިރު، ލިބޭ އާމްދަނީ ހުރީ ދުނިޔޭގެ ފަގީރު ގައުމުތަކާ އެންފެންވަރެއްގައެވެ.

ނަތީޖާއެއްގެ ގޮތުން، ލިބޭ އާންމްދަނީއާއި ކުރަންޖެހޭ ޚަރަދުގެ ފަރަގު، ރައްޔިތުންގެ ދިރުއުޅުމުގެ ހާލަތުންވެސް ވަރަށް ރަގަޅަށް މިދަނީ ވަޒަން ކުރެވެމުންނެވެ.
ރައްޔިތުންގެ އިގްތިސާދީ ހާލަތު އެންމެ ރަގަޅަށް ވަޒަން ކޮށްދޭނީ ދައުލަތުގެ ބަޖެޓުން
ގައުމުގެ ރައްޔިތުންގެ އިގްތިސާދީ ހާލަތު ރަގަޅު ކުރުމަށްޓަކާ، ދައުލަތުން ކޮންމެ އަހަރަކުވެސް އެކުލަވާލާ އެންމެ މުހިންހު އޮނިގަޑަކީ ދައުލަތުގެ ބަޖެޓެވެ.
މާނައަކީ، މުވައްޒަފުންގެ މުސާރައަށް ކުރިއެރުމެއް އައިކަމުގައިވި ނަމަވެސް، އަދި އާންމު ރައްޔިތުން ޓެކުހުގެ ގޮތުގައި ދައުލަތަށް ދައްކަންޖޭހޭ އާނަމްދަނީގެ ތަފްސީލްތަކާއި، ގައުމަށް ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީއާއި، ރިކަރަންޓް ޚަރަދާއި އަދި، ކުރިޔަށް އޮންނަ އަހަރު، ގައުމީ ތަރައްގީއަށް ގައުމަށް ލިބޭ އާމްދަނީން ކުރަންޖެހޭ ހޭދަތަކުގެ ތަފްސީލްވެސް ހިމެނިގެންދާ، ގައުމުގެ އާންމު ހާލަތު އެންމެ ރަގަަޅަށް އެއްފޮތަކުން ތަސްވީރު ކޮށްދޭ އެންމެ މުހިންމު ވަސީލަތަކަށް ވެގެންދަނީ ދައުލަތުގެ ބަޖެޓެވެ.
ނަތީޖާއެއްގެ ގޮތުން، ކޮންމެ އަހަރަކަށްވެސް ސަރުކާރުން ހުށަހަޅުއްވާ ދައުލަތުގެ ބަޖެޓުން، އާންމު ރައްޔިތުންގެ ހާލަތަށް ހެޔޮ ބަދަލެއް އަތުވެދާނެކަން ނުވަތަ ނޫންކަންވެސް ފުރިހަމަޔަށް ވަޒަން ކުރެވިގެން ދެއެވެ.
މިގޮތުން ފާއިތުވެދިޔަ އަހަރުތަކުގެ ހުރިހާ ބަޖެޓަކަށް ބަލާއިރުވެސް، އެންމެ ފާހަކަ ކޮށްލެވޭ އެއްކަމަކަށް ވެގެންދަނީ، ދައުލަތުގެ ރިކަރަންޓް ޚަރަދުތަކެވެ.
ދުނިޔޭގެ މާލީ އިދާރާތަކުންނާއި އަދި އެނޫންވެސް ގިނަ މުވައްސަސާތަކުން ކަޑައަޅާފައި ހުންނަ މިންގަޑުތަކަށް ބަލާއިރު، ބަޖެޓް އެކުލަވާލެވި، ދައުލަތުން ކުރަންޖެހޭ ރިކަރަންޓް ޚަރަދުގެ ނިސްބަތް ބަޖެޓްގެ %60 އަށްވުރެ މަތިވެގެން ހިގައްޖެނަމަ، ގައުމީ ތަރައްގީއަށް ސީދާ ގޮތެއްގައި ނޭދެވޭ އަސަރުކޮށް، އަދި ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތަކުންވެސް އޭގެ ނޭދެވޭ އަސަރު ވަރަށްވެސް ބޮޑަށް ފެނިގެންދާނެއެވެ.
މާނައަކީ، މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް އަދި އެނޫންވެސް އެފަދަ ޚަރަދުތަކަށް ދައުލަތުން ބޮޑެތި ހޭދަތަކެއް ކުރަންޖެހޭ ޖެހުމުގެ ނަތީޖާއަކަށް ހަގީގަތުގައި ވެގެންދާނީ ރައްޔިތުންގެ ހާލަތު ރަގަޅުކުރުމަށް ދައަލަތުން ކުރަންޖެހޭ ޚަރަދުތަކަށް ހީނަރުކަން އައިސް، ވިޔަފާރިތައް ދަށްވެ، އަދި އޭގެ ނަތީޖާއެއްގެ ގޮތުން، ރައްޔިތުންގެ އަތުގައި ހުންނަ ފައިސާގެ އަގުވެސް ދަށަށް ދިއުމެވެ.
މިގޮތުން ފާއިތުވެދިޔަ ހުރިހާ އަހަރެއްގެ ދައުލަތުގެ ބަޖެޓަށް ބަލާއިރުވެސް، ސަރުކާރުތަކުން ފާސްކޮށް އަދި ތަންފީޒުކޮށްފައިވާ ބަޖެޓްތަކުގައި ރިކަރަންޓް ޚަރަދުތައް %50 އަށްވުރެ ދަށް ކުރެެވިގެން ގޮސްފައެއް ނުވެއެވެ. އަދި ފާއިތުވެދިޔަ ތަނުގައި، މުޅި ބަޖެޓްގެ ޚަރަދުތަކަށް ބަލާއިރު، ގިނަ އަަހަރުތަކުގެ ރިކަރަންޓް ޚަރަދު ހިފެހެއްޓިފައިވަނީ %60 އަށްވުރެ މަތީގައެވެ.

2021 ވަނަ އަހަރަށް ފިނޭންސްމިނިސްޓްރީން މަޖިލިހަށް ހުށަހެޅި ބަޖެޓަށް ބަލާއިރު، ސަރުކާރުން ހުށަހެޅުއްވި، 33 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓުގެ ތެރެއިން 21 ބިލިއަން ރުފިޔާ ރިކަރަންޓް ޚަރަދުގެ ގޮތުގައި ހޭދަ ކުރެއްވުމަށް ހުށަހަޅުއްވާފައި ވެއެވެ. މާނައއަކީ، މުޅި ބަޖެޓްގެ %65 ރިކަރަންޓް ޚަރަދުގެ ގޮތުގައި ހޭދަވެގެންދާއިރު، ގައުމީ ތަރައްގީއަށާއި، ރައްޔިތުންގެ ހާލަތު ރަގަޅުކުރުމަށް ބަޖެޓުން ކުރަންޖެހޭ ހޭދަތަކަށް ބާކީ އޮންނާނީ އެންމެ %35 އެވެ.
މީގެއިތުރުންވެސް، އަހަރުން އަހަރަށް ދައުލަތް ދަރަނިވެރި ވަމުންދާ ދިއުމާއި، އަދި އޭގެ އިތުރުން، ދައުލަތަށް އާމްދަނީ ލިބޭނެ މަގުތައް އިތުރުނުވެ، ތަރައްގީގެ މަޝްރޫއުތަކަށް ކުރަންޖެހޭ ހޭދަތައް އިންތިހާއަށް އިތުރުވެގެން ދާދިއުމުގެ ނަތީޖާއަކަށް ވެގެންދަނީ، ބަޖެޓަށް ބާރުބޮޑުވެ، ކުރެވޭ ހޭދަތަކުން އާމްދަނީ ލިބޭނެ އިތުރު މަގުތަށް ފަހިނުވެ، ކޮޅުނެތް ކޮޅަށް ޚަރަދު ކުރުމަށް ސަރުކާރަށް މަޖުބޫރު ވެގެން ދިއުމެވެ.
އޭގެ ނަތީޖާއަކީ، ރައްޔިތުންގެ ޖީބުތަށް ތަނަވަސް ނުވެ، އިމްޕޯޓު ކުރަންޖެހޭ މުދަލާއި ތަކެތީގެ ޑިމާންޓް އިންތިހާއަށް މަތިވެ، މުޅި ގައުމުގެ ބެލެންސް އޮފް ޕޭމަންޓަށް އޭގެ ނޭދެވޭ އަސަރު ކުރުމެވެ. އާޚިރު ނަތީޖާއަކީ، މުދަލާއި ތަކެތީގެ އަގު އުފުލި، ނިކަމެތި މީހާ ނިކަމެތިވެ، މުއްސަދި މަހުޖަނު އިތުރަށް މުއްސަދިވާ ނިޒާމް އިތުރަށް ހަރުދަނާ ވެގެން ދިއުމެވެ.
ޚިދުމަތާ ވަސީލަތް މަރުކަޒީ ކުރުމާއި، އިގްތިސާދީ ނިޒާމެއް ނެތުން
ޚިދުމަތާއި ތަކެތީގެ އަގު އާދަޔާ ޚިލާފަށް މަތިވެ، އަދި އެއްތަނެއްގައި ދިރިއުޅުން ނޫން މަގެއް ދިވެހިންނަށް އަދިވެސް ފެންނާން ނެތި، އެންމެންވެސް ދިރިއުޅެންޖެހިފައި އޮތްތަނަކީ ވެރިކަށް މާލެއެވެ. އަދި މިއީ މިހާރު މުޅި ދުނިޔޭގަވެސް އޮތް، ތަނުގެ ބޮޑު މިނުގެ ނިސްބަތުން، އެންމެ ބޮޑަށް ތޮށްޖެހިފައިވާ އެއް ސިޓީވެސް މެއެވެ.
މިގޮތުން ފާއިތުވި މާޒީއަށް ބަލާއިރު، ފާއިތިވެދިޔަ ހުރިހާ ސަރުކާރުތަކުންވެސް ގެންގުޅެފައިވާ ސިޔާސަތަކީ މާލެ ތޮއްޖެއްސުމުގެ ސިޔާސަތެވެ. ތަރައްގީގެ ހުވަފެން ދިވެހި ރައްޔިޔުންނަށް ދައްކާ، ފުރަ މާލެއަށް ހުރިހާ ރަގަޅު ޚިދުމަތްތަކެއް ބަރޯސާކޮށް، އެއްތަނަކަށް ހިޖުރަ ކުރުން ނޫންގޮތެއް ފެންނާން ނޯންނާނޭ ފަދައަކުން ފާއިތުވެދިޔަ ހުރިހާ ސަރުކާރެއްގައިވެސް ވަނީ ސިޔާސަތުތައް ރާވާ، ބައްޓަންކޮށް އަދި ތަންފީޒުވެސް ކޮށްފައެވެ.
ހަމައެއާއެކު ފެންނާން އޮތް ހަގީގަތަކީ، ފާއިތުވެދިޔަ ރައީސް ޔާމިންގެ ވެރިކަމުގައިވެސް، މާލޭ ސަރަހައްދަށް އާދަޔާ ޚިލާފު ބޮޑެތި ޚަރަދުތަކެއް ކޮށް، ހުޅުމާލެއާއި މާލެއާއި ގުޅުވައިދޭ ބުރިޖެއް އަޅާ، ތަންފީޒު ކޮށްފައި އޮތް ސިޔާސަތަކީ، މާލޭ ސަރަހައްދު ތޮށްޖެއްސުމުގެ ސިޔާސަތުކަމެވެ.

ބައެއް ސިޔާސީ ފަރާތްތަކުން ކުރާ ޕްލޭންތަކާއި، އަދި ދައްކާ ވާހަކަތަކަކީ އެންމެ ރަގަޅު ވާހަކަތަކަށް ވެދާނެއެވެ. މާލޭ ސަރަހައްދުގައި ބުރިޖް އަޅާ، އަދި އެސަރައްހަދުގައި ތޮށްޖެހުމަކާ ނުލާ މީހުންނަށް ދިރިއުޅެވޭނެ މަގުފަހިވެ، ހޮސްޕިޓާތަކާއި، ސުްކޫންތަކާ އަދި އެނޫންނަސް ޚިދުމަތްތައް ފުރިހަމަޔަށް ގާއިމް ކުރެވިގެން ދިއުމުން، ދެން މާލޭ ސަރަހައްދުގައި "އިކޮނޮމީސް އޮފް ސްކޭލް" ލިބި، މީހުންނަށް ހަމަނޭވާ ލުމުގެ ފުރުސަތު ލިބިގެން ހިގައިދާނެއެވެ.
އެހެންނަމަވެސް، ހިތާމައަކީ، އެއްވެސް ޕްލޭން ކުރުމެއްނެތި ތަރައްގީ ކުރެވިފައިޮއތް މާލެ އަދި މިހާރު ތޮށްޖެހެމުންދާ ހުޅުމާލޭގައި މި ފެންވަރާ ގާތަށްވެސް ވަސީލަތްތައް ގާއިމް ކުރެވިފައި ނުވާކަމެވެ. އަދި ކުރެވިގެން ހިގައިދާނެ ކަމުގެ އުއްމީދެއްވެސް ނެތެވެ.
މާނައަކީ، މިސަރަހަދަށް ތަރައްގީގެ މަޝްރޫއުތައް ހުރިހާ ސަރުކާރަކުންވެސް އޮއްސަމުން ދާއިރު، އަދި އޭގެ ނަތީޖާއެއްގެ ގޮތުން، އެތައްބަޔަކު ކޮންމެ އަހަރުކުވެސް، މި ސަރަހައްދަށް ހިޖުރަ ކުރަމުން ދާއިރު، އުފެދިގެންދާ މި ޓްރެފިކާއި ގާތްކުރެވޭހާ މިންވަރަށްވެސް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޖާގަ ހުޅުވިގެނެއް ނުދެއެވެ. އަދި ވަޒީފާގެ ބާޒާރު ފުޅާވެގެނެއްވެސް ނުދެއެވެ.
އޭގެ ނަތީޖާއެއްގެ ގޮތުން، މާލޭ ސަރަހައްދުގައި ޚާއްސަކޮށް، މީހުން ދިރިއުޅޭ ތަންތަނުގެ ކުލި ހުރީ، ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އިގުތިސާދުތައް އޮތް ގައުމުތައްކަމުގައިވާ، ޔޫރަޕްގެ ބައެއް ގައުމުތަކާ އެއް ފެންވަރުގައެވެ. އެހެންނަމަވެސް، ފާހަގަ ކޮށްލަންޖެހޭ ހަގީގަތަކީ، އަދިވެސް ސިވިލްސާވިސް މުވައްޒަފުންގެ އެރްވެޖް އާންދަމީ ހުރީ މަހަކު 6،000 ދިވެހި ރުފިޔާގެ މިންގަޑުގައި ކަމެވެ.
އިގުތިސާދީ ވިސްނުމަކުން މެނުވީ ހައްލެއް ނެތް!
ދިވެހިރާއްޖޭގެ މުޅި އިގުތިސާދު ބިނާވެފައި އޮތީ، ރޭވި އެތުރިފައި އޮތް ފުރިހަމަ ނިޒާމެއްގެ މައްޗަކަށް ނޫނެވެ. މުއްސަދި މީހާ މުއްސަދިވެ، ނިކަމެތި މީހާ ނިކަމެތިވެގެންދާ ހަގިގީ ސަބަބަކީ މިއީއެވެ.
ދިވެހިރާއްޖޭގެ އިގުތިސާދަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މަސަލައަކީ، ޑޮލަރު ލިބުމުގެ މައްސަލައެވެ. ޔޫއެސް ޑޮލަރުގެ އަގުބޮޑު ބަލެކް މާރކެޓެއް އުފެދި، އެއީ ކުށަކަށްވިޔަސް، އެބާޒާރު މިއަދު ވެފައިވަނީ ގަނެވިއްކުމުގެ އެންމެ ބޮޑު ބާޒާރުކަމުގައެވެ.
ކަނޑައެޅިގެން ގާނޫނީ ކުށަކަށް ވިޔަސްވެސް، މައްސަލަ ހައްލު ކުރުމުގެ ހަކަތައެއް ސަރުކާރުގައެއް ނެތެވެ. އެހެންނަމަވެސް ދުނިޔޭގެ ގިނަ ގައުމުތަކުގައި، މަގުމަތިން ޑޮލަރުގެ ވިޔަފާރިއެއް ނުކުރެވޭނެއެވެ. އަދި މަގުމަތީގައި ޑޮލަރަކީ އަގެއް ހުރި އެއްޗެއްވެސް ނޫނެވެ. އެގައުމުތަކުގައި ވިޔަފާރު ކުރެވޭނީ އެގައުމެއްގެ ފައިސާއިންނެވެ.

ދިވެހިރާއްޖޭގައި، ރައްޔިތު މީހާއަށް ކޮޅަށް ތެދުވެވޭވަރުގެ ބޭކިންގ ނިޒާމެއް ނެތެވެ. އާންމު އުފެއްދުންތެރިކަން އިތުރު ކޮށްދޭނޭ، ލުއި ލުއި ލޯނު ދޫކޮށްދޭނޭ ޑިވެލޮޕްމަންޓް ބޭންކެއް ނެތެވެ. މީގެ ބަދަލުގައި ރާއްޖޭގައި ހުރީ މުއްސަދިންނަށް ލޯލު ދޫކޮށްގެން، މުއްސަދި މަހުޖަނުން ކުރިއަރުވާ ބޭންކުތަކެވެ. އާންމު ނިމަތި މީހާއަށް ދިވެހި ބޭންކުން އާދައިގެ ލޯނެއްވެސް ލިބެން އޮތީ އަނބި ދަރިންވެސް މޯގޭޖް ކޮށްގެންނެވެ. ނަޖީތާއަކަށްވެގެން ދަނީ، ދިވެހި ބޭންކުން ނަގާ ލޯނުގައި މީހާ ބެދި، ހަފުސްވެ، އެކަމުގެ ހިތާމާގައި މީހުން ދުނިޔެ ދޫކޮށްފައިވެސް އެބަހުއްޓެވެ.
އެހެންކަމުން، ގައުމުގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަގަޅުވާން އޮތީ، އެމުނި އެތުރި، ފުރިހަމަ ވެގެންވާ އިގްތިސާދީ އޮނިގަޑަކަށް ދިވެހި އިގްތިސާދުގެ އޮނިގަޑު ފެއްތިގެންނެވެ.
އަދި ހަމަ އެއާއެކު، އާބާދީ އެފަސްކޮށް، ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކާ އެއް ނިސްބަތަކުން ދެން ތަރައްގީ ކުރެވެން ނެތް މާލޭ ސަރަހައްދަށް ހިރުޖަކުރަން ދިވެހި ރައްޔިތުންނަށް މަޖުބޫރު ނުކޮށް، އިގުތިސާދީ ވަސީލަތްތަކާ ތަރައްގީ، ލާމަރުކަޒު ކުރުމުގެ ހިތްވަރު މިއަދު ހުންނަންވީ ދިވެހި ރައްޔިތުންގެ ކިބައިގައެވެ.
ދިވެހި ރައްޔިތުން ގަބޫލުކުރަންވީ ހަގީގަތަކީ، ހުރިހާވެސް ބާރެއް އޮތީ ދިވެހި ރައްޔިތުން އަތުގައި ކަމެވެ. ގާނޫނު އަސާސީގައި ބުނާ ބީދައިން، ވެރިކަމުގެ ބާރުތައް އުފެދިގެން އަންނަނީވެސް، އަދި އެބާރުތައް ދަމަހައްޓާނީވެސް ހަމަ ރައްޔިތުންކަމެވެ.
ކޮމެންޓު ފޮނުވާ