ދިރާސާތަކަށް ހިތްވަރުދިނުމަށް އައިޔޫއެމުން ގްރާންޓް ފަންޑުތަކެއް ހުޅުވާލައިފި

ދިރާސާތަކަށް ހިތްވަރުދިނުމަށް އައިޔޫއެމުން ގްރާންޓް ފަންޑުތަކެއް ހުޅުވާލައިފި

Author
އަހުމަދު
22 ސެޕްޓެމްބަރ 2026 11:09
0

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) އިން ޖުމުލަ 870,000 ރުފިޔާގެ ފަންޑެއްގައި ފަސް ގްރާންޓް ސްކީމެއް ތައާރަފުކޮށްފިއެވެ. އައިޔޫއެމްގެ ސެންޓަރ ފޯ ރިސަރޗް އެންޑް ޕަބްލިކޭޝަންސްއިން ބުނީ، މި ސްކީމްތަކުގެ ބޭނުމަކީ ޔުނިވަރސިޓީގެ ދިރާސީ މަސައްކަތް ވަރުގަދަކޮށް، މުޖުތަމައަށް ފައިދާކުރާ ދިރާސާތަކަށް އެހީތެރިވުމާއި، މުވައްޒަފުންނާއި ދަރިވަރުންގެ އިލްމީ ތަޖުރިބާ ބޮޑުކުރުން ކަމަށެވެ.

އެންމެ ބޮޑު ފަންޑު، ހަތަރު ލައްކަ ރުފިޔާ، ކަނޑައަޅާފައިވަނީ "އައިޔޫއެމް ރިސާޗް ޕްރޮމޯޝަން ސްކީމް 2026″ އަށް ކަމަށާއި، މީގެ ދަށުން ކޮންމެ ގްރާންޓަކަށް 75,000 ރުފިޔާއާ ހަމައަށް ދޫކުރާނެއެވެ. "އައިޔޫއެމް އިނޮވޭޝަން ސްކީމް 2026″ ގެ ދަށުން ދެ ޕްރޮޖެކްޓަކަށް ޖުމުލަ ދެ ލައްކަ ރުފިޔާ ފަންޑުކުރާނެއެވެ.

ފޮތް ތައުލީފުކުރުމާއި ތަރުޖަމާކުރުމަށް އެއް ލައްކަ ރުފިޔާގެ ބުކް ގްރާންޓެއް ވެސް ހުޅުވާލާފައިވާ އިރު، ކޮންމެ ފޮތަކަށް 10,000 ރުފިޔާއިން 40,000 ރުފިޔާއާ ހަމައަށް ލިބޭނެއެވެ. ރިސާޗް މޯޑުގައި ކިޔަވާ މާސްޓާސް އަދި ޕީއެޗްޑީ ދަރިވަރުންނަށް 50,000 ރުފިޔާގެ ގްރާންޓެއް ހުޅުވާލާފައިވާއިރު، ކޮންމެ ޕްރޮޖެކްޓަކަށް 12,500 ރުފިޔާއާ ހަމައަށް ލިބޭނެއެވެ. މީގެ އިތުރުން، މުވައްޒަފުން ކޮންފަރެންސްތަކުގައި ބައިވެރިވުމަށް ކޮންމެ ކޮންފަރެންސަކަށް 25,000 ރުފިޔާއާ ހަމައަށް ދޫކުރާ ޓްރެވަލް ގްރާންޓެއް ވެސް ތައާރަފުކޮށްފިއެވެ.

ގްރާންޓްތަކުގައި އިސްކަންދޭނީ އިސްލާމިކް ސްޓަޑީޒް، އިކޮނޮމިކްސް އެންޑް ފައިނޭންސް، ގާނޫނު، އަރަބި ބަސް، ޓެކްނޮލޮޖީ އަދި އެޑިއުކޭޝަން ފަދަ ދާއިރާތަކަށެވެ. އެޕްލިކޭޝަން ހުށަހަޅަންވީ ގޫގުލް ފޯމު މެދުވެރިކޮށް، 15 އޮކްޓޫބަރުގެ ކުރިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.