އިންސާނުން ދިރިއުޅޭ ސަރަހައްދެއްގެ ގޮނޑަށް ޖަމާވާ ބާބެޓެރި ވިހަކެމިކަލްތައް ގަސްތުގައި އަންދާ ދުންއެރުވުމަކީ އިންސާނިއްޔަތާ ހިލާފު ޖިނާއީކުށެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރުން އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.
ކ.ތިލަފުށީގެ ގޮނޑު ހާމައަށް އެންދުމާއި އެތަނުން އަރަމުންދާ ދުން ހުއްޓުވާއި އެތަން ރިހެބިލިޓޭޓް ކުރެވެންދެން ރަނގަޅުގޮތުގައި މެނޭޖްކުރެވޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް،ކްލައިމެޓްޗޭންޖް އެންޑް ޓެކްނޯލޮޖީން ފަށާފައިވާކަމަށް ވަނީ ބުނެފައެވެ. މިގޮނޑަކީ އެތަކެއް އަހަރުވަންދެން ކުނިއަޅާ އަންދަމުންދާ ގޮނޑެއް ކަމުން މިތަނުގެ ޙާލަތު ރަނގަޅުކުރަން ކުރާ މަސައްކަތުގައި ކޮންމެވެސްވަރަކަށް ކޮނެ ހަދަން ޖެހިދާނެތީ ބައެއް ދުވަސްދުވަހު އާދަޔާ ޚިލާފަށް ދުން އެރުމަކީ އެކަށީގެންވާ ކަމެއްކަމަށް ވަނީ ބުނެފައެވެ.
މިކަމާއި ގުޅިގެން ބޮންޑޭ ވިދާޅުވީ ގަސްތުގައި މީހުންނަށް ގެއްލުންވާ ގޮތަށް، ވިހަކެމިކަލް ދޫކުރާ އުސޫލުން ކުނި އަންދައި ހެދުމަކީ އެއްވެސް ހާލެއްގައި ކޮށްގެންވާނެ ކަމެއް ނޫނަކަމަށެވެ. އަދި އެއީ އިންސާނިއްޔަތާއި ޚިލާފް ބޮޑު ކުށެއްކަމަށް އޭނާ ވިދާޅުވިއެވެ.
އަލިފާން ފަރުބަދަ ގޮވުން މަތިން އެސިޑްވާރޭވެހުން ފަދަ ކަމެއް ދިމާވާނަމަ އިލްތިމާސް ކުރެވޭނެ! ނަމަވެސް އިންސާނުން ދިރިއުޅޭ ސަރަހައްދެއްގެ ގޮނޑަށް ޖަމާވާ ބާބެޓެރި ވިހަކެމިކަލްތައް ގަސްތުގައި އަންދާ ދުންއެރުވުމަކީ އިންސާނިއްޔަތާ ހިލާފު ޖިނާއީކުށެކެވެ!
– ބޮންޑޭ ވިދާޅުވިއެވެ.
އެންވާރުމަންޓް މިނިސްޓްރީޏް ބުނެފައިވަނީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) ގެ ފަންނީ އެހީތެރިކަމުގެ ދަށުން ބޭރުގެ ތަޖުރިބާކާރެއްގެ އިރުޝާދާއެކު ވެމްކޯއާއި ގުޅިގެން މަސައްކަތް ކުރަނީ މި އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް އެ ގޮނޑުން ދުންއެރުން ހުއްޓުވާ އަދި އެތަނުގައި ރަނގަޅު މެނޭޖްމަންޓް ނިޒާމެއް މި އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ޤާއިމުކޮށް ނިންމާލުމަށް ކަމުގައި ވަނީ ބުނެފައެވެ.
މީގެ އިތުރުން ތިލަފުށީގައި ޒަމާނީ ފެންވަރުގެ ކުނި މެނޭޖްކުރާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) އާއި އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް (އޭ.އައި.އައި.ބީ) އަދި ޖަޕާން ފަންޑް ފޯރ ޖޮއިންޓް ކްރެޑިޓް މެކޭނިޒަމް (ޖޭ.އެފް.ޖޭ.ސީ.އެމް) ގެ އެހީގައި މިނިސްޓްރީން ވަނީ ފަށާފައެވެ. އަދި ތިލަފުށީގެ މިހާރުގެ ގޮނޑު ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތްވެސް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައި.ޑީ.ބީ) ގެ އެހީއާއެކު ފެށުމަށް މި މިނސްޓްރީން މިދަނީ ތައްޔާރުވަމުންނެވެ.