މިހާރު ބޮލީވުޑްގެ ހަބަރުގެނެސްދޭ ނޫސްތަކުން އެންމެ ގިނައިން ގެނެސްދޭ އެއް ވާހަކަ އަކީ ބަތަލާ ކަރީނާ ކަޕޫރާއި އެކްޓަރ ސައިފް ޢަލީ ޚާންގެ ހަގު ދަރިފުޅު ޖެހްގެ ވާހަކައެވެ.
މިހާރު 6 މަސް ވެފައިވާ ޖެހް އާއި ސައިފް އަދި ކަރިނާގެ އިތުރުން އެމީހުންގެ ދޮށީ ދަރިފުޅު ދަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންވެ. މި ދަތުރަކީ ސައިފް ގެ 51 ވަނަ އުފަންދުވަސް ފާހަގަ ކުރުމަށް އެމީހުން ރާއްޖެ އައި ދަތުރެކެވެ.
މި ދަތުރުގައި ފުރަތަމަ ފަހަރަށް ކަރީނާ ވަނީ ޖެއިގެ މޫނު ފެންނަ ފޮޓޯއެއް ހިއްސާކޮށްފައެވެ. ވޭތުވެ ދިއަ 6 މަސްތެރޭގައި އެކުއްޖާގެ މޫނު ފެންނަ ފޮޓޯއެއް އެމީހުން ޕޯސްޓް ކުރި މިއީ ފުރަތަމަ ފަހަރެވެ.
ޖެހް ވަނީ ރާއްޖެއައުމުގެ ކުރިން އޭނާގެ މަންމަ ފަރާތު މާމައާއި ކާފަ ކައިރިއަށް ޒިޔާރަތް ކޮށްފައެވެ. އެދުވަހަކީ ޕަޕަރާޒީންނަށް ވެސް ފުރަތަމަ ފަހަރަށް ޖެހްގެ މޫނު ފެންނަ ފޮޓޯއެއް ނެގުނު ދުވަހެވެ.
ބޮލީވުޑްގެ ޚަބަރުތައް ގެެނެސްދޭ "ބޮލީވުޑް ހަންގާމާ" އިން ބުނިގޮތުގައި ޖެހް އަދި މިހާތަނަށް އޭނާގެ ބައްޕަ ފަރާތު މާމައާ ބައްދަލެއް ނުވެއެވެ. ސަބަބަކީ ކޯވިޑްގެ ސަބަބުން ޝަރުމީލާ ޓެގޯރް އެއްވެސް ވަރަށްކަށް ދަތުރު ނުކުރާތީއެވެ. އޭނާ ހުންނަނީ ދިއްލީގައެވެ. ނަމަވެސް ވަރަށް އަވަހަށް މާމަ އާއި ޖެހް ބައްދަލު ކުރާނެ ކަމަށް ޚަބަރުތައް ބުނެއެވެ. މިހާރު އެމީހުން ވާހަކަ ދައްކަނީ ވީޑީއޯ ކޯލްގެ ޒަރިއްޔާއިން ކަމަށް ކަރީނާ ބުނެއެވެ.
ޖެހް، މާމައާ ބައްދަލުވާނީ މި އަހަރު ނިމޭ ކޮޅުގައިކަމަށް ރިޕޯޓުތައް ބުނެއެވެ. ބެލެވޭ ގޮތުގައި އެ އާއިލާއިން އައު އަހަރު ފާހަގަ ކުރުމަށް ދިއްލީގައި ކުޑަ ހަފްލާއެއް ބާއްވާނެއެވެ.
މި ދެތަރިންގެ ފިލްމީ މަސައްކަތަށް ބަލާއިރު ސައިފްގެ ކުރިއަށް އޮތް ފިލްމަކީ "ބޫތު ޕޮލިސް" އެވެ. އަންނަ މަހު 17 ގައި މި ފިލްމް ޕްރިމިއާ ކުރަން ހަމަ ޖެހިފައިވާއިރު މި ފިލްމްގެ ޓްރެއިލާ އެއް މިހާރު ވަނީ ދައްކައިލާފައެވެ. ކަރީނާގެ ކުރިއަށް އޮތް ފިލްމަކީ އާމިރު ޚާނާ އެކުގައި ފެނިގެންދާ "ލާލްސިންގ ޗައްޑާ" އެވެ.