ހުޅުމާލެއިން ރައީނުކޮށް މަރާލާފައިވާ ނޫސްވެރިޔާ އަޙްމަދު ރިޟުވާނާ ގުޅޭ ގޮތުން ދޮގު މައުލޫމާތު ފަތުރަމުންދާ ކަމަށް ބުނެ، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާ ދެކޮޅަށް ދައުވާކުރާނެ ކަމަށް ރިލްވާންގެ އާއިލާއިން ބުނެފިއެވެ.
އުމަރުއާ ދެކޮޅަށް ދައުވާކުރާނެ ކަމަށް ރިޟުވާންގެ އާއިލާއިން ބުނެފައިމިވަނީ، ދާދި ފަހުން ސަންގު ޓީވީ ޕްރޮގްރާމެއްގައި ރިޟުވާނާ ގުޅޭގޮތުން އުމަރު ދައްކާފައި ހުރި ވާހަކަތަކަކާ ގުޅިގެންނެވެ. އެ ޕްރޮގްރާމްގައި އުމަރު ވިދާޅުވެފައިވަނީ ނޫސްވެރިޔެއްގެ ގޮތުގައި ރިލްވާން މަސައްކަތް ކުރުމުގެ ކުރިން އޭނާ އުޅެމުން ދިޔައީ ހަރުކަށި ފިކުރު ގަބޫލު ކުރާ ރާއްޖޭގެ ޑޮޓް ޖަމިއްޔާގެ މީހުނާ އެކުގައި ކަމަށެވެ.
އަދި އެމީހުނާއިއެކު އުޅެފައި ރިޟުވާން އެމީހުންގެ ތެރެއިން ވަކިވެގެން ދެން މަސައްކަތްކުރީ މިނިވަން ނޫހުގައި ކަމަށާއި، ސެކިއުލާ ވިސްނުމުގައި އެ މީހުންނާ ދިމާކޮށްފައި ވާހަކަ ދައްކާ ހަދަން ފެށުމުން ދެބައިމީހުންގެ މެދުގައި މައްސަލަ ހޫނުވީކަމަށް އުމަރު ވިދާޅުވިއެވެ.
އުމަރުގެ މި ތުހުމަތުތަކާއި ގުޅިގެން ރިޟުވާންގެ ދައްތަ ފާތިމަތު ޝެހެނާޒް އާދަމް ބުނީ އުމަރު ނަސީރަށް ވެސް ބޭނުންވާހާ ވާހަކަތަކެއް ނުދެއްކޭނެ ކަމަށާއި ރިޟުވާނާ ގުޅޭ ގޮތުން އުމަރު ދައްކާފައި އޮތީ ހަގީގަތާ ޚިލާފު ވާހަކައެއް ކަމަށެވެ. އަދި އެކަމާ ގުޅިގެން އުމަރާ ދެކޮޅަށް ދައުވާ ކުރުމަށް ގާނޫނީ އެހީތެރިކަން ހޯދަމުންދާ ކަމަށްވެސް ޝެހެނާޒް ބުންޏެވެ.
އޭނާ ބުނީ ކުޑަ ދުވަސްކޮޅެއް ވަންދެން ރިޟުވާން ހަރުކަށި ފިކުރުގެ ގްރޫޕަކާ ގުޅުން އޮތް ކަމަށާއި ނަމަވެސް އުމަރު ބުނެފައިވާ ގޮތަށް ރިޟުވާން އުޅެފައި ނުވާ ކަމަށެވެ. އަދި އެމީހުންގެ ވިސްނުން ހުރިގޮތް އެނގުމުން ރިޟުވާން އެ ގްރޫޕް ދޫކޮށްދިޔަ ކަމަށްވެސް ޝެހެނާޒް ބުންޏެވެ.
މީގެ އިތުރުން އުމަރު ނަސީރު ހޯމް މިނިސްޓަރަކަށް ހުންނެވިއިރު ހިނގި މިކަމުގައި، އުމަރަށްވެސް ރިޟުވާނަށް އިންސާފު ހޯދައިދެވިފައި ނުވާ ކަން ވެސް ޝެހެނާޒް ފާހަގަކުރެއެވެ.
މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުﷲ ގެއްލުވާލިތާ 6 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު، އެ މަރުގެ މައްސަލައަށް އިންސާފް ހޯދައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅެކެވެ. އެގޮތުން ރިޟްވާން ގެއްލުވާލި މައްސަލަ ރިޔާސީ ކޮމިޝަނުން މިހާރު ތަހުޤީޤްކުރަމުންދަނީ ބޭރުގެ އިންވެސްޓިގޭޓަރެއްގެ އެހީއާއިއެކުކަމަށްވެސް އެކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.
ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލާފައިވާ ކޮމިޝަނުން ވަނީ ބައެއް މީހުންގެ މައްސަލަތައް ދައުވާކުރުމަށް ޕީޖީ އޮފީހަށްވެސް ވަނީ ފޮނުވާފައެވެ. ނަމަވެސް ތަޙްޤީޤަށް ބޭނުންވާ ބައެއް ކަންކަން ފުރިހަމަ ނުވުމުން ޕީޖީ އޮފީހުން ވަނީ އެކަންކަން ފުރިހަމަ ކުރުމަށްފަހު ދައުވާކުރުމަށް މައްސަލަ އަބުރާ ކޮމިޝަނަށް ފޮނުވާފައެވެ.