މަނީ ލޯންޑަރިންގެ ކުށުގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަސް އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރި ހުކުމުގެ އިސްތިއުނާފު މައްސަލަ ސުޕްރީމް ކޯޓުގައި ތާވަލުކޮށްފިއެވެ.
ޔާމީން ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރ މަހުއެވެ. ކްރިމިނަލް ކޯޓުގެ ހުކުމަށް ހައިކޯޓުން މިދިޔަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު ވަނީ ތާއިދު ކޮށްފައެވެ. އެހެންވެ، ޔާމީންގެ ފަރާތުން މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީއެވެ.
އިސްތިއުނާފު ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ސުޕްރީމް ކޯޓުގައި ތާވަލުކޮށްފައި ވަނީ ސެޕްޓެމްބަރު 12 ވަނަ ދުވަހުގެ 9:00 އަށެވެ. އަދި ދެވަނަ އަޑުއެހުން 13 ވަނަ ދުވަހު ބާއްވަން ވަނީ ތާވަލް ކޮށްފައެވެ. ސުޕްރީމް ކޯޓުގައި ޔާމީންގެ މައްސަލަ ބައްލަވާނެ ފަނޑިޔާރުންގެ ބެންޗްގައި ތިއްބަވާ ބޭފުޅުންނެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
މި މައްސަލައިގެ އިސްތިއުނާފު ސުޕްރީމް ކޯޓުގައި ފަށަން ތައްޔާރުވެފައި ވާއިރު، އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ. ފުއްގުރި ދޫކުރި މުއާމަލާތުގެ ތެރެއިން ރިޝްވަތު ނެގުމާއި މަނީ ލޯންޑާކުރުމުގެ ދައުވާ ވެސް ޔާމިންގެ މައްޗަށް ވަނީ އުފުލައިފަ އެވެ. އެ މައްސަލައިގެ އަޑުއެހުންތައް ވެސް މިހާރު ދަށު ކޯޓުގައި ކުރިއަށް ދެއެވެ. އޭގެ އިތުރުން، އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ. އާރަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ވެސް އެއް މިލިއަން ޑޮލަރު ނެންގެވި ކަމުގެ ތުހުމަތު ފުލުހުން ޔާމީނަށް ކުރެއެވެ. އެ މައްސަލައިގެ ތަހުގީގު ވެސް ކުރިއަށް ދެއެވެ.
އީސް ޢަބްދުﷲ ޔާމީން 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާއިރު އެމަނިކުފާނު ހުންނެވީ ކޯވިޑް-19ގެ ހާލަތު ގޯސްވުމާއި ގުޅިގެން އޭޕްރީލް މަހުގެ 29 ވަނަ ދުވަހުން ފެށިގެން ގެއަށް ބަދަލު ކޮށްފައެވެ.
މަނީލޯންޑަރިންގެ ކުށް ސާބިތުވެ، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް 5 އަހަރުގެ ޖަލު ހުކުމެއް އިއްވީ 2019 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެތެރޭގައެވެ. އަދި މި މައްސަލާގައި 5 މިލިއަން ޑޮލަރުން ޖޫރިމަނާވެސް ކޮށްފައެވެ.
ކޮމެންޓު ފޮނުވާ