ފުވައްމުލަކަށް ހައި ވޮލްޓޭޖުގައި ކަރަންޓު ދިނުމަށް ބޭނުންކުރާ ޓްރާސްފޯމަރު ހަލާކުވުމުން، އެ ރަށުގެ ކަރަންޓަށް ދިމާވި މައްސަލަ ހައްލުކޮށް ކުރިއެކޭ އެއްގޮތަށް މިއަދު ކަރަންޓު ދޭން ފަށައިފިއެވެ.
ފުވައްމުލަކުން ކަރަންޓު ކެނޑުނީ މިދިޔަ އާދީއްތަ ދުވަހުގެ ރޭ ފަތިހު 4:00 ހާއިރުގަ އެވެ. ހިދުމަތް މެދުކެނޑުނީ އެ ސިޓީގައި ބޭނުންކުރަމުންދިޔަ 2،500 ކިލޯވޮޓުގެ ޓްރާންސްފޯމަރު ހަލާކުވެގެންނެވެ.
ފުވައްމުލަކު ސިޓީގެ ކަރަންޓާއި ފެނުގެ ހިދުމަތަށް ބުރޫތަކެއް އެރީ، މިމަހުގެ 2 ވަނަ ދުވަހުގެރޭ ކަރަންޓް ނެޓްވޯކުގައި ހިމެނޭ 2500 ކޭވީއޭގެ ޓްރާންސްފޯމަރަކަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުންނެވެ. މިކަމުގެ ސަބަބުން އެ ސިޓީގެ ގާތްގަނޑަކަށް %80 އަށް ފެނާއި ކަރަންޓުގެ ޚިދުމަތަށް ބުރޫ އެރިއެވެ. ނަމަވެސް އެދުވަހު އެކަމަށް ވަގުތީ ހައްލެއް ހޯދުމަށްފަހުފުވައްމުލަކުގެ އެކި ސަރަޙައްދުތަކަށް ފެނަކައިން ވަނީ ކަރަންޓު ފޯރުކޮށްދީފައެވެ.
ފެނަކައިން ބުނީ ފުވައްމުލަކު ކަރަންޓަށް ދިމާވި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރި މަސައްކަތުން އެރަށަށް 4500 ކޭވީއޭގެ ޓްރާންސްފޯމަރެއް އިންސްޓޯލްކުރުމަށްފަހު މުޅި ރަށަށް މިއަދު ކަރަންޓް ދީފައިވާކަމަށެވެ. އަދި މިކަމުގައި ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރު އަދާކުރާކަމަށްވެސް ފެނަކައިން ބުނެއެވެ.
ފުވައްމުލައް ސިޓީގައި ކަރަންޓުގެ ޚިދުމަތް ދިނުމަށް މިހާރު ބޭނުންކުރާ އިންޖީނުގެއާއި، ކަރަންޓު ނެޓްވޯކަށް ދުވަސްވުމުގެ ސަބަބުން ޚިދުމަތް ދިނުމުގައި ތަފާތު ގޮންޖެހުންތަކާ ކުރިމަތިވަމުންދާކަން ފެނަކައިން ވަނީ ފާހަގަކުރައްވާފައެވެ. މިކަމަށް ހައްލެއް ގެނައުމަށްޓަކާ އެސިޓީގައި އައު އިންޖީނުގެއެއް އަޅާ، ނެޓްވޯކް އަޕްގްރޭޑްކުރުމުގެ ބޮޑު މަޝްރޫޢެއް ސަރުކާރުން ފެނަކައާ ވަނީ ޙަވާލުކޮށްފައެވެ. އެ މަޝްރޫޢުގެ އީ.އައި.އޭ މަސައްކަތް މިހާރު ކުރަމުންދާކަމަށާއި، އަމާޒަކީ މިމަހުގެ ތެރޭގައި އައު އިންޖީނުގޭގެ އަމަލީ މަސައްކަތް ފެށުންކަމަށް ފެނަކައިން ވިދާޅުވެއެވެ.
ފުވައްމުލައް ސިޓީގެ ކަރަންޓް ނެޓްވޯކް އަޕްގްރޭޑްކޮށް އިންޖީނުގެ ބަދަލުކުރުމުގެ މަޝްރޫޢަކީ ގާތްގަނޑަކަށް 17 މިލިއަން ޑޮލަރުގެ މަޝްރޫޢެއްކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއެވެ. މި މަޝްރޫޢުގެ ދަށުން ފުވައްމުލަކުގެ 21 ކިލޯމީޓަރުގެ ނެޓްވޯކް އެއްކޮށް ބަދަލުވެގެންދާނެއެވެ.
ކޮމެންޓު ފޮނުވާ