ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ސުޕްރީމް ކޯޓަށް ހާޒިރުވުމަށް އަންގާ އެ ކޯޓުން އޭނާއަށް ޗިޓް ފޮނުވި މައްސަލައިގެ ޝަރީއަތް އަންނަ ހަފްތާ އަށް ފަސްކޮށްފިއެވެ.
ސުޕްރީމް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ އެ މައްސަލާގެ ޝަރީއަތް ފަސްކުރީ އިދާރީ ސަބަބަކާ ހެދި ކަމަށެވެ. އެ މައްސަލައިގެ ޝަރީއަތަށް ހާޒިރުވާން އަލީ ވަހީދު ރާއްޖެ އަންނަން ސުޕްރީމް ކޯޓުން ކުރިން އޮތީ އޭނާއަށް އަންގައިފައެވެ. ބޭސްފަރުވާއަށް އަލީ ވަހީދު ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ކްރިމިނަލް ކޯޓުން ހުއްދަ ދިން މައްސަލަ ވެސް ދައުލަތުން ކުރިން އިސްތިއުނާފްކުރި އެވެ. އެކަމަކު ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް ނިންމީ އެ މައްސަލަ އޭނާގެ ޣައިރު ހާޒިރުގައި ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
މައްސަލައިގެ އަޑުއެހުން ތާވަލްކުރީ މާދަމާ ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދާ ގޮތަށެވެ. އެކަމަކު މިހާރު ވަނީ މާދަމާ ބާއްވަން ހަމަޖެއްސި ޝަރީއަތުގެ އަޑުއެހުން އަންނަ ހަފްތާގެ ބުދަ ދުވަހަށް ފަސްކޮށްފައެވެ.
މިވަގުތު ރާއްޖޭން ބޭރުގައި ހުންނެވި އަލީ ވަހީދުގެ ޝަރީއަތް އޮންލައިން ކޮށް ކުރިއަށް ގެންދަން ދައުލަތުން ދެކޮޅު ހަދާފައިވަނީ ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ހުރެގެން ޝަރީއަތް ކުރުމުގެ ފުރުސަތު ނުދެވޭނެ ކަމަށް ބުނެއެވެ. އަލީ ވަހީދު ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ވަޑައިގެންނެވީ ކްރިމިނަލް ކޯޓުން އޭނާގެ ޕާސްޕޯޓް ދޫކޮށް، ފުރަން ހުއްދަ ދިނުމާ ގުޅިގެންނެވެ.
ކޮމެންޓު ފޮނުވާ