ދެ ޖަލްސާ ބާއްވާލާއިރަށް ޔާމީނަށް އަނިޔާދޭން ފެށުމުން، ހުކުމަކީ ސިޔާސީ ހުކުމެއްކަން ސާފު: ޝިޔާމް

ދެ ޖަލްސާ ބާއްވާލާއިރަށް ޔާމީނަށް އަނިޔާދޭން ފެށުމުން، ހުކުމަކީ ސިޔާސީ ހުކުމެއްކަން ސާފު: ޝިޔާމް

Author
މުޙައްމަދު ޝަޒައިމް
31 ޖުލައި 2021 02:23
0

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ދެ ޖަލްސާއެއް ބާވާލާއިރަށް ރައީސް ޔާމީނަށް އަނިޔާކުރަން ފެށުމަކީ އެމަނިކުފާނަށް ކޮށްފައިވާ ހުކުމަކީ ސިޔާސީ ހުކުމެއްކަން ހާމަވާ ކަމެއްކަމުގައި ޕީޕީއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާއެއްގެ ޝަރީއަތުގެ އަޑުއެއްހުމެއް މާދަމާ ބާއްވަން ކްރިމިނަލް ކޯޓުން ަވަނީ ތާވަލްކޮށްފައެވެ. ރައީސް ޔާމީންގެ ޝަރީއަތްތައް ފުލުފުލުގައި އަނެއްކާވެސް މިބާއްވަނީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ސިޔާސީ ހަރަކާތްތައް އަނެއްކާވެސް ވަރުގަދަ ކޮށްފައިވާ ވަގުތެއްގައެވެ. އެގޮތުން ރޭ ވަނީ ޤައުމީ ބޮޑު ކެމްޕެއިނެއްވެސް އިފްތިތާހުކޮށްފައެވެ.

އިދިކޮޅު ސިޔާސީ ހަރަކާތްތައް ވަރުގަދަ ކުރުމުން ރައީސް ޔާމީންގެ ޝަރީއަތްތައް ފުލުފުލުގައި ބޭއްވުމަށް ކުރަމުންދާ މަސައްކަތާއި ގުޅިގެން ޝިޔާމް ވިދާޅުވީ ސިޔާސީ ވާދަވެރިކަމުގައި ކުރެވޭ މަަސައްކަތުން ރައީސް ޔާމީނަށް ދެމުންދާ އަނިޔާތަކަކީ ނުހައްގު އަނިޔާތަކެއްކަން މިކަންކަމުން ދިވެހި ރައްޔިތުންނަށް ސާފުވާކަމަށެވެ. ކިތަންމެ ވަރަކަށް ރައީސް ޔާމީނަށް ކުރަމުންދާ ހުކުމްތަކާއި، ޝަރީއަތްތައް އިންސާފުވެރިކަމަށް ދެއްކުމަށް މަސައްކަތް ކުރިނަމަވެސް އިންސާފުވެރިވާނެ އެއްވެސް ގޮތެއް ނެތްކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޕާޓީން ދެ ޖަލްސާއެއް ބާއްވާލީ ރައީސް ޔާމީނަށް އިތުރު އަނިޔާދޭން ފެށީ. މިކަންކަމުން ކަށަވަރުވަނީ ކުރި ހުކުމަކީ ސިޔާސީ ނުފޫޒުން ކުރި ހުކުމެއްކަން.

– ޝިޔާމް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދައުވާގެ އަޑުއެހުމެއް ތާވަލު ކޮށްފައި އޮތީ މާދަމާ ހެނދުނު 9:00 އަށެވެ. މަނީ ލޯންޑްރިންގއާއި ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިސޯޓެއްގެ ގޮތުގައި ރ. ފުއްގިރި ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެ ފައިސާ ލޯންޑަކުރުމަށް ފަށަލަކޮށްފައިވާ މައްސަލާގައިއެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މި ދެ ދައުވާގެ އަޑުއެހުމެއް އެންމެ ފަހުން ތާވަލްކޮށްފައި ވަނީ މޭ މަހުގެ 30 ވަނަ ދުވަހުއެވެ. ނަމަވެސް އެއަޑުއެހުން ވަނީ އެމަނިކުފާނު އެދިވަޑައިގަތުމުން ކްރިމިނަލް ކޯޓުން ކެންސަލް ކޮށްފައެވެ.

ރައީސް ޔާމީން މިހާރުވެސް ގެންދަވަނީ މަނީލޯންޑަރިންގެ ކުށް ސާބިތުވެ 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެމަނިކުފާނުގެ މައްޗަށް މަނީ ލޯންޑަރިން ކުށް ސާބިތުވެ 5 އަހަރަށް ޖަލަށްލުމާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލްކޯޓުން ހުކުމްކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަދުވަހުއެވެ. މިހުކުމް އިއްވާފައިވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާ ރައީސް ޔާމިންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި މައްސަލާގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.