ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު 66 ބޭފުޅަކަށް އަރުވަނީ

ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު 66 ބޭފުޅަކަށް އަރުވަނީ

Author
އަހުމަދު
15 ޖުލައި 2026 12:56
0

މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި، ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު 66 ބޭފުޅަކަށް އެރުވުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން ނިންމައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބުނީ، މި އިނާމު އެރުވުމަށް ހަމަޖެހިފައިވަނީ ދިވެހި ދައުލަތަށް 41 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވައި، މިހާތަނަށް މި އިނާމު ލިބިވަޑައިގެންފައިނުވާ ބޭފުޅުންނަށް ކަމަށެވެ. މި ބޭފުޅުންގެ ރެކޯޑުތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހޯއްދެވުމަށްފަހު ޤައުމީ އިނާމާބެހޭ ކޮމިޓީއަށް ފޮނުއްވުމުން، އެ މަޢުލޫމާތުތައް ދިރާސާކޮށް، އެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށްފަހު، ޝަރުޠު ފުރިހަމަވި ބޭފުޅުން ކޮމިޓީން ކަނޑައެޅުއްވީއެވެ.

ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު ދެއްވަން ފެއްޓެވި ފަހުން، ވަކި މުއްދަތަކަށް ޚިދުމަތްކުރައްވައިފައިވާ ބޭފުޅުންގެ ނަންފުޅުތައް ކޮންމެ އަހަރަކުވެސް ޤައުމީ އިނާމާބެހޭ ކޮމިޓީއަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވަމުން ގެންދަވައެވެ. މީގެ ކުރިން، 42 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވައިފައިވާ ބޭފުޅުންނަށް މި އިނާމު ވަނީ އަރުވައިފައެވެ.

މީގެ އިތުރުން، ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމަށް މިއަހަރު ޢާންމުކޮށް ހުޅުވައިލައްވައި، މިދިޔަ ޖޫން މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް 130 ފޯމު ހުށަހަޅައިފައި ވެއެވެ. މި ފޯމުތައް ޤައުމީ އިނާމާބެހޭ ކޮމިޓީން ބައްލަވައި، އިންޓަރވިޔު ކުރެއްވުމަށްފަހު، ޝަރުޠު ފުރިހަމަވާ ބޭފުޅުންނަށް އިނާމު އެރުވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.